ޚަބަރު

ތުރުކުރެއްވި ޖެކެޓް މެދުވެރިކުރައްވާ ބައިޑަންގެ އަނބިކަނބަލުން ދެއްވީ މެސެޖެއް


އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ އަރިހުގައި ޤައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި އަނބިކަނބަލުން ޖިލް ބައިޑަން ތުރުކުރެއްވި ޖެކެޓެއް މެދުވެރިކޮށް ދުނިޔެއަށް ޚާއްޞަ މެސެޖެއް ދެއްވައިފިއެވެ.

ޖީ7ގެ ބައްދަލުވުމުގައި ބައިވެރިވެޑައިގަތުމަށް ރައީސް ބައިޑަން މިވަގުތު ހުންނެވީ އިނިގިރޭސިވިލާތުގައެވެ. އެ ދަތުރުތެރޭ ޖިލް ތުރުކުރެއްވި ޖެކެޓެއްގައި 'ލަވް' ނުވަތަ ދިވެހި ބަހުން ނަމަ ލޯބި ޖަހާފައި އޮތުމުން ގިނަ ބައެއްގެ ސަމާލުކަންވަނީ އެ ޖެކެޓަށް ހުއްޓިފައެވެ.

"ޤަބޫލުކުރާ ހިތް އޮތީ، އެމެރިކާއިން އިނގިރޭސިވިލާތަށް މި ދަތުރުކުރެއްވީ ލޯތްބާ އެކުކަމަށް،" އެ ޖެކެޓާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޖިލް ބައިޑަން ވިދާޅުވިއެވެ. އިނގިރޭސިވިލާތުގައި ކުރިއަށްދަނީ ބައިނަލްއަޤްވާމީ ބައްދަލުވުމެއްކަމަށާއި ދުނިޔޭގައި އެއްބައިވަންތަކަން ޤާއިމުކުރުމަށް މަސައްކަތްކުރާ ދަނޑިވަޅެއްގައި އޭނާގެ ޖެކެޓުގައި ލިޔެފައިވާފަދަ މެސެޖެއް ދުނިޔެއަށް ދޭންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ. ބޮޑު ބަލިމަޑުކަމެއްގެ ތެރޭގައި ދުނިޔެ ވަނިކޮށް، މި ޙާލަތުގައި ޖެކެޓުގެ ސަބަބުން އުންމީދު ގެނެސްދޭނެކަމަށް އޭނާ ވިދާޅުވިއެވެ.

މިއީ ނުސީދާ ގޮތަކަށް މެސެޖެއް ދެއްވުމަށް އެމެރިކާގެ ރައީސެއްގެ އަނބިކަނބަލުން ތުރުކުރެއްވި ފޭރާމެއް ބޭނުންކުރައްވާފައިވާ ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑު ޓުރަމްޕުގެ އަނބިކަނބަލުން މިލާނިޔާ ޓުރަމްޕު ޓެކްސަސްގެ ކުޑަކުދިންގެ ހިޔާއަކަށް ކުރެއްވި ޒިޔާރަތެއްގައި ނުސީދާ މެސެޖެއްދޭ ކޯޓެއްވަނީ ތުރުކުރައްވައިފައެވެ.

ޖީ7ގެ ބައްދަލުވުމުގައި ބައިވެރިވުމަށް އިނގިރޭސިވިލާތަށް ކުރައްވަމުންދާ 3 ދުވަހުގެ ދަތުރުފުޅުގައި ޖޯ ބައިޑަންވަނީ އެ ޤައުމުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަނާ ބައްދަލުކުރައްވައިފައެވެ. ޖޫން މަހުގެ 11ވަނަ ދުވަހުން 13ވަނަ ދުވަހަށް ބާއްވާ ބައްދަލުވުމަށްފަހު އިނގިރޭސި ރާނީ އެލިޒަބަތާ ބައްދަލުކުރެއްވުމަށް ބައިޑަންގެ ދެކަނބަލުން ވިންޑުސޯ ކާސުލަށް ވަޑައިގަންނަވާނެއެވެ. އެއަށްފަހު ބެލްޖިޔަމުގައި ބާއްވާ ނޭޓޯގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެންނެވުމުގެ އިތުރުން ރަޝިޔާގެ ރައީސް ވުލަޑުމިރު ޕޫޓިނާ ބައްދަލުކުރެއްވުމަށްވަނީ ހަމަޖެހިފައެވެ.