ކުޅިވަރު

މިއީ ޓީމް ބައްޓަން ކުރަން ލިބޭ ތިން މެޗް - ކޫޕްމަން


މި ތިން މެޗުގެ ބޭނުން އެންމެ ބޮޑަށް ކުރަނީ އޭނާ ބައްޓަން ކުރަން ބޭނުންވާ ޤައުމީ ޓީމު ބިނާކުރުމަށްކަމަށް ޤައުމީ ފުޓްބޯޅަ ޓީމްގެ ކޯޗު މާޓިން ކޫޕްމަން ބުނެފިއެވެ.

ވަރލްޑް ކަޕް އަދި އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފައިންގައި މިރޭ ދިވެހިރާއްޖެއާއި ޗައިނާ ވާދަކުރާނެއެވެ. މި މެޗާއި ގުޅޭގޮތުން ކޯޗު ކޫޕްމަން ބުނީ އެންމެ ފަހުން ސީރިއާއާއި ދެކޮޅަށް ކުޅުނު މެޗަށްފަހު ޓީމުން ކުރިއެރުންތަކެއް ހޯދާފައިވާކަމަށެވެ. ފިޓްނަސްގެ ގޮތުންނާއި، ކުޅުމަށް ބަލާއިރުވެސް އޭނާ ބޭނުންވާ ވައްޓަފާޅި ޓީމުން ފެންނަމުން އަންނަކަމަށް އޭނާ ބުންޏެވެ. ކޯޗު ކޫޕްމަން ބުނީ ޗައިނާއާއި ދެކޮޅަށް ކުޅޭ މެޗެއް ފަސޭހަ ނުވާނެކަމަށާއި، އެކަމަކު ފުޓްބޯޅައިގައި ކޮންމެފަދަ ގޮތެއްވެސް ވެދާނެކަމަށެވެ. އޭނާ ބުނީ ކޮލިފައިންގެ މި ތިން މެޗަކީ އޭނާ ތައްޔާރުކުރަން ބޭނުންވާ ޓީމުގެ ފައުންޑޭޝަން އަޅަން ލިބޭ ރަނގަޅު ފުރުސަތެއްކަމަށާއި، ސެޕްޓެމްބަރުގައި އޮންނަ ސަރަހައްދީ މުބާރާތަށް ޓީމް ހިތްހަމަޖެހޭ ލެވެލްއަކަށް ގެންދެވޭނެކަމަށެވެ. ކޯޗު ބުނީ އަސްލު ދިވެހިޓީމަށް ތައްޔާރުވާން ވަގުތު ނުލިބި މި މެޗުތައް ކުޅުމަކީ ދިވެހި ޓީމަށް އެހާ އިންސާފުވެރި ގޮތެއްވެސް ނޫންކަމަށެވެ.

"ސީރިއާ މެޗަށްފަހު މި ކުރި ޕްރެކްޓިސްތަކުގައި ޓީމުން ކުރިއެރުންތަކެއް ހޯދައިފި. ކުޅުމާއި، ފިޓްނަސްއަށް ބަލާއިރު ހާމަވޭ، ޗައިނާ ކަހަލަ ބޮޑު ޓީމަކާއި ދެކޮޅަށް ރާއްޖެ ކަހަލަ ކުޑަ ޓީމަކަށް ކުޅުމަކީ ފަސޭހަކަމަކަށްނުވޭ" ކޫޕްމަން ބުންޏެވެ.