ޚަބަރު

ހައްޖު ކޯޓާ ލިބިއްޖެނަމަ ކޯޓާ ދޫކުރާނީ ޙައްޖު ކޯޕަރޭޝަނަށް: މިނިސްޓަރ ޒާހިރު


ރާއްޖެއިން މީހުން ޙައްޖަށް ގެންދިޔުމަށް ކޯޓާ ލިބިއްޖެނަމަ އެކޯޓާ ދޫކުރާނީ ޙައްޖު ކޯޕަރޭޝަނަށް ކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ އަޙްމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ. މިވޭތުވެ ދިޔަ އަހަރުވެސް ރާއްޖެއަށް ޙައްޖުގެ ކޯޓާ ލިބިފައެއް ނުވެއެވެ. އަދި މިއަހަރުގެ މިހާތަނަށްވެސް ރާއްޖެއަށް ޙައްޖުގެ ކޯޓާ ލިބިފައެއް ނުވެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓަރ ޑރ އަޙްމަދު ޒާހިރު ވިދާޅުވީ އެހެން އަހަރުތަކާ އެއްފަދައިން މިއަހަރުވެސް ރާއްޖެއިން މީހުން ޙައްޖަށް ގެންދިޔުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރައްވަމުން އަންނަކަމަށާއި ޙައްޖު ކޯޓާ ރާއްޖެއަށް ހޯދުމުގެ މަސައްކަތް ކުރައްވަމުން އަންނަކަމަށެވެ. އެގޮތުން ސަޢުދީ އަރަބިއްޔާގެ ހައްޖު މިނިސްޓްރީއަށާއި ސަރުކާރުގެ ކަމާއި ގުޅޭ ފަރާތްތަކަށް ޙައްޖު ކޯޓާ ހޯދުމަށް އެދި ދަންނަވާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ރާއްޖެއަށް ކޯޓާ ލިބޭނެކަމަށް އުއްމީދުކުރެއްވި ނަމަވެސް އެހެން އަހަރުތަކާ ޚިލާފަށް ކޯޓާގެ އަދަދު މަދުވާނެކަމަށެވެ. އަދި ފަހުވަގުތުގައި ކޯޓާ ލިބުނު ނަމަވެސް ރާއްޖެއިން މީހުން ޙައްޖަށް ފޮނުވާނެ ކަމަށާއި ނަމަވެސް އެކޯޓާގައި ޙައްޖަށް ފޮނުވާނީ ޙައްޖު ކޯޕަރޭޝަންގެ ބެލުމުގެ ދަށުންކަމަށެވެ. މިގޮތަށް ނިންމަވާފައިވަނީ ވަގުތު ކުޑަތަންވުމުގެ ސަބަބުން ޖަމާއަތްތަކަށް އެ ފުރުޞަތު ދީގެން ދަތިތަކާ ކުރިމަތިލާން ޖެހިދާނެތީ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އެހެން އަހަރުތަކުގައި ރާއްޖެއަށް ލިބޭ ކޯޓާގެ ދެބައިކުޅަ އެއްބައި މިދެނީ އަމިއްލަ ޖަމާއަތްތަކަށް. އެހެންނަމަވެސް މިއަހަރުގެ މި ދަނޑިވަޅަށް ބަލައި ވަގުތުވެސް ކުޑަތަންވެފައި ވުމުގެ ސަބަބުން ޖަމާއަތްތަކުގެ ބެލުމުގެ ދަށުން ޙައްޖަށް ދާން އުނދަގޫވާނެ. ކުރީ އަހަރުތަކުގައި ލިބޭ ވަރަށްވުރެވެސް މަދުން މިފަހަރު ކޯޓާ ލިބުނަސް ލިބޭނީ." އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު އަލީ ވިދާޅުވިއެވެ.

ޙައްޖު ކޯޓާ ރާއްޖެއަށް ލިބެއްޖެނަމަ ޙައްޖު ކޯޕަރޭޝަނަށް ދޭން ނިންމާފައިވާއިރު ރާއްޖެއިން މީހުން ޙައްޖަށް ގެންދިޔުމަށް ހުއްދަ ލިބެންވާއިރަށް ކުރަންޖެހޭ މަސައްކަތްތައް އެ ކޯޕަރޭޝަނުން އަންނަނީ ކުރަމުންނެވެ. އަދި ޙައްޖަށް ދާން ބޭނުންވެގެން 2500 އެއްހާ މީހުން ފައިސާގެ 75 އިންސައްތަ އެކޯޕަރޭޝަނަށްވަނީ ދައްކާފައެވެ.

މިއަހަރު ރާއްޖެއިން މީހުން ޙައްޖަށް ގެންދިޔުމަށް ކޯޓާ ލިބިއްޖެނަމަ އިސްކަންދޭނީ ކޯވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ކަމަށް އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު އަލީ ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ކޯވިޑްއިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅުތަކާއެކު ސަޢުދީ ޢަރަބިއްޔާއިން ވަނީ މިއަހަރުގެ ޙައްޖުގެ އަޅުކަން ކުރިއަށް ގެންދިއުމަށް ނިންމާފައެވެ. ނަމަވެސް މިފަހަރު ބޭރު ޤައުމުތަކަށް ފުރުޞަތު ދޭކަމެއް ނުވަތަ ނުދޭކަމެއް އަދި އެ ޤައުމުން ރަސްމީކޮށް ހާމައެއް ނުކުރައްވައެވެ. ކޮންމެ އަހަރަކުވެސް ރާއްޖެއިން މީހުން ހައްޖަށް ގެންދިޔުމަށްޓަކައި 1000 ކޯޓާ ލިބެއެވެ. އެހެންނަމަވެސް މިދިޔަ އަހަރު ކޯވިޑްގެ ސަބަބުން ރާއްޖެއިން އެއްވެސް ބަޔަކު ހައްޖަކަށް ގޮސްފައެއް ނުވެއެވެ.

އަހަރަކު ދެ މިލިއަނަށްވުރެ ގިނަ މުސްލިމުން ބައިވެރިވާ ޙައްޖުގެ އަޅުކަމުގައި މިދިޔަ އަހަރު ބޭރު ޤައުމުތަކުން ދަތުރުކުރާ މީހުންނަށް ބައިވެރިވުމުގެ ފުރުޞަތު ސަޢުދީ ޢަރަބިއްޔާއިން ދީފައެއް ނުވެއެވެ. މިދިޔަ އަހަރު ޙައްޖުވުމުގެ ފުރުޞަތު ދީފައިވަނީ ސަޢުދީ ޢަރަބިއްޔާގައި ދިރިއުޅޭ 1،000 މީހުންނަށެވެ. އެ ޤައުމުން އެގޮތަށް ނިންމީ ޙައްޖުގައި ބައިވެރިވާ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ޔަޤީންކުރުމަށެވެ. އަދި ޙައްޖުގެ އަޅުކަން އަދާކޮށްފައިވަނީ ކޯވިޑްއިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާވެސް އެކުގައެވެ.