ކުޅިވަރު

ޔޫރޯ 2020 ގެ ގްރޫޕް އޭ އިން ފާހަގަ ކޮށްލެވޭ ހަތަރު ކުޅުންތެރިން



ޔޫރޯ 2020 ގައި ވާދަކުރާ 24 ޓީމުގެ ތެރެއިން ގްރޫޕް ބީ އަށް ބަލާލާއިރު މިއީވެސް މިފަހަރުގެ މުބާރާތުގައި ފާހަގަކޮށްލެވޭ ކުޅުންތެރިންތަކެއް ފެނިގެންދާނެ ގްރޫޕެކެވެ. މިގްރޫޕްގައި ހިމެނޭ ޓީމްތަކަކީ ބެލްޖިއަމް، ޑެންމާކް، ފިންލަންޑް އަދި ރަޝިޔާއެވެ.

ގްރޫޕް ބީ އިން އެންމެ ފުރަތަމަ މިބަލާލާނީ ފީފާ ރެންކިން ގައި އެއްވަނަ މަޤާމްގައި މިވަގުތު އޮތް ބެލްޖިއަމް ޓީމަށެވެ. ބެލްޖިއަމް ޓީމްގެ ކޮންމެ ދިމާލަކަށް ބަލާލިކަމުގައި ވީނަމަވެސް ފެނިގެންދަނީ ފާހަގަކޮށްލެވޭ މޮޅެތި ކުޅުންތެރިންނެވެ. ނަމަވެސް މިފަހަރު މިބަލާލަނީ އެޓީމްގެ އެންމެ ކުރިއަށް ކުޅެމުންދާ ހުނަރުވެރި ފޯވަޑް ރޮމެލޫ ލުކާކޫއަށެވެ. އިޓާލިއަން ސެރީއާގެ ޗެމްޕިއަން އިންޓަރ މިލާނަށް ކުޅެމުންދާ ލުކާކޫވަނީ މިނިމުނު ސީޒަންގައި އިންޓަރގައި ވަރަށް މޮޅު ކުޅުމެއް ދައްކާފައެވެ. އަދި ގިނަ އަހަރު ތަކަކަށްފަހު އެޓީމަށް ލީގު ކާމިޔާބު ކޮށްދިނުމުގައި ލުކާކޫގެ ދައުރު ވަރަށް ބޮޑެވެ. 2010 ވަނަ އަހަރު ބެލްޖިއަމް ޤައުމީ ޓީމަށް ކުޅެން ފަށާފައިވާ ލުކާކޫވަނީ މިހާތަނަށް ބެލްޖިއަމްއަށް 93 މެޗް ކުޅެދީ 60 ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި މިފަހަރު މުބާރާތް ކާމިޔާބު ކުރާނެކަމަށް ގިނަ ބަޔަކު ޤަބޫލް ކުރާ ޓީމް ތަކުގެ ތެރޭގައި ހިމެނޭ ބެލްޖިއަމް ޓީމުން އެންމެ ބޮޑަށް ފާހަގަ ވެގެންދާނެ އެއް ކުޅުންތެރިޔަކަށް ލުކާކޫ ވެގެންދާނެކަމަށް ގަބޫލް ކުރެވެއެވެ.

ޑެންމާކް ޓީމަށް ބަލާލާއިރު އެންމެ ބޮޑަށް ފާހަގަވެގެންދާ އެއް ކުޅުންތެރިޔަކީ ކްރިސްޓިއަން އެރިކްސަންއެވެ. ނިމިދިޔަ ސީޒަންގެ ފަހު ކޮޅު އިންޓަރ މިލާނުން ހޯދި ކާމިޔާބީތަކުގައި މުހިންމު ދައުރެއް އަދާކުރުމުގެ ފުރުސަތު ލިބިގެންދިޔަ އެރިކްސަންއަކީ އިދިކޮޅަށް ކުޅޭ ކޮންމެ ޓީމަކަށްވެސް ނުރައްކަލަކަށް ވާނެ ކުޅުންތެރިޔެކެވެ. 2010 ވަނަ އަހަރު އުމުރުން 18 އަހަރުގައި ޑެންމާކް ޤައުމީ ޓީމަށް ކުޅެން ފެށި އެރިކްސަން ވަނީ މިހާތަނަށް 108 މެޗް ކުޅެނީ 36 ލަނޑު ކާމިޔާބުކޮށްދީފައެވެ. އޭނާއަކީ ޕެނަލްޓީ އޭރިޔާ ތެރެއާއި ބޭރުންވެސް ގޯލާ ރައްޓެހި އަދި އެއްކޮށް ކުޅޭ ކުޅުންތެރިންނަށް ފުރުސަތު ތަނަވަސް ކޮށްދިނުމުގައި ފާހަގަކޮށްލެވޭ ކުޅުންތެރިޔެކެވެ. އެހެން ކަމުން އެރިކްސަން ވެގެންދާނީ މިފަހަރުގެ ޔޫރޯގައި ޑެންމާކާއި ދެކޮޅަށް ކުޅޭ ޓީމްތަކުން އެންމެ ބޮޑަށް ވިސްނަން ޖެހޭނެ އެއްކުޅުންތެރިޔާއެވެ.

ޔޫރޯ ގައި މުޅިން އަލަށް މިފަހަރު ވާދަކުރާ ފިންލަންޑް ޓީމަށް ބަލާލާއިރު އެންމެ ފާހަގަ ކޮށްލެވޭ ކުޅުންތެރިޔާއަކީ ކުރިއަށް ކުޅޭ ޓީމޫ ޕޫކީއެވެ. 2009 ވަނަ އަހަރު ފިންލަންޑް ޓީމަށް ކުޅެން ފެށި ޕޫކީ ވަނީ މިހާތަނަށް 30 ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި މިފަހަރުގެ ޔޫރޯއަށް ކޮލިފައިކޮށްދިނުމުގައި އެންމެ މުހިންމު ދައުރެއްއަދާކުރި އެއް ކުޅުންތެރިޔަކީ ޕޫކީއެވެ. މިގޮތުން ކޮލިފައިންގ ގައި ފިންލަންޑް އިން ޖެހި 16 ލަނޑުގެ ތެރެއިން 10 ލަނޑު ޖަހާދީފައިވަނީ ވެސް އޭނާއެވެ. ކުރިއަށް އޮތް ސީޒަނަށް ޕްރިމިއަރ ލީގަށް ނޯވިޗް އަލުން އަނބުރާ ގެންދިއުމުގައިވެސް ޕޫކީ ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. އަދި މިފަހަރުގެ ޔޫރޯގައިވެސް އިދިކޮޅު ޓީމްތައް ސިއްސުވާލާނެ އެއް ކުޅުންތެރިޔަކަށް ޕޫކީ ވުމަކީ ވަރަށް ގާތް ކަމެކެވެ.

ރަޝިޔާ ޓީމަށް ބަލާލާއިރު އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިޔެއްގެ ގޮތުގައި ފާހަގަވަނީ އެލެގްޒެންޑަރ ގޮލޮވިންއެވެ. 2015 ވަނަ އަހަރު ރަޝިޔާ ޤައުމީ ޓީމަށް ކުޅެން ފެށި ގޮލޮވިން ވެގެންދިޔައީ 2016 ވަނަ އަހަރުގެ މުބާރާތުގައި ވާދަކުރި ރަޝިޔާ ޓީމުގައި ހިމެނުނު އެންމެ ޒުވާން ކުޅުންތެރިޔާއެވެ. އޭގެ ހަތަރު އަހަރުފަހުން މިފަހަރުގެ މުބާރާތަށް ކުރިމަތިލާއިރު އުމުރުން 25 އަހަރުގެ މިކުޅުންތެރިޔާއަކީ ރަޝިޔާގެ ރައްޔިތުންގެ އެންމެ ބޮޑު އުންމީދަށް މިވަނީ ވެގެން ގޮސްފައެވެ. އަދި މިހާރު ރަޝިޔާ ޓީމުގައި އެންމެ ރަނގަޅަށް ކުޅޭ އެއް ކުޅުންތެރިޔަކީ ގޮލޮވިންކަމަށް ގިނަ ބަޔަކު ޤަބޫލް ކުރެއެވެ. މިހާތަނަށް 38 މެޗް ޤައުމީ ޓީމަށް ކުޅެދީ 5 ލަނޑު ކާމިޔާބުކޮށްދީފައިވާ ގޮލޮވިން އޭ އެސް މޮނާކޯއަށް ބަދަލުވިފަހުން އޭނާގެ ކުޅުންވަނީ ކުރިއަށް ވުރެ ފުރިހަމަ ވެފައެވެ.