ކުޅިވަރު

މާދަމާ ފަށާ ޔޫރޯ ފުޓުބޯޅަ މުބާރާތް 2020



ޔޫރޯ 2020 ގައި ވާދަކުރާ 24 ޓީމަށް ބަލާލާއިރު ފާހަގަކޮށްލެވޭ މުހިންމު ކުޅުންތެރިންތަކެއް ފެނިގެންދާނެއެވެ. މިހާރުވެސް ފަރިތަ ގިނަ މޫނުތަކެއް ފެނިގެންދާނެއިރު އާމޫނުތަކެއް ވެސް ތައާރަފް ވާނެއެވެ. ހަމައެއާއެކު މުބާރާތްތެރޭގައި ބައެއް ކުޅުންތެރިންގެ ވިދުން ގަދަވެގެން ވެސް ދާނެއެވެ. މިގްރޫޕްގައި މިބަލާލަނީ ގްރޫޕް އޭގައި ވާދަކުރާ ހަތަރު ޓީމް ކަމަށްވާ އިޓަލީވިލާތް، ތުރުކީވިލާތް، ސްވިޓްޒަލަންޑް އަދި ވޭލްސްއިން މިފަހަރު ފަހަގަކޮށްލެވޭނެކަމަށް ބެލޭވޭ ހަތަރު ކުޅުންތެރިންނަށެވެ.

ގްރޫޕް އޭއިން އެންމެ ފުރަތަމަ މިބަލާލާނީ އިޓަލީވިލާތުގެ ޓީމުން މިފަހަރު އެންމެ ފަހަގަ ކޮށްލެވޭނެކަމަށް ބެލެވޭ އެއް ކުޅުންތެރިޔާއަށެވެ. މިގޮތުން އިޓަލީގެ ކޯޗް ރޮބާޓޯ މަންޗީނީ އެކުލަވާލި 26 ކުޅުންތެރިންގެ ލިސްޓުން ފާހަގަކޮށްލެވޭ ގިނަ މޫނުތަކެއް ފެނިގެންދާއިރު މިރިޕޯޓްގައި މިބަލާލަނީ ނަޕޯލީގެ ކެޕްޓަން ލޮރެންޒޯ އިންސިގްނޭ އަށެވެ. 2012 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 11 ވަނަ ދުވަހު ޤައުމީ ޓީމަށް ކުޅެން ފެށި ސިންސިގްނޭއަކީ އިޓަލީ ޓީމްގެ ކުރިއަށް ކުޅޭ ކުޅުންތެރިންގެ ތެރެއިން ފާހަގަކޮށްލެވޭ މޮޅު ކުޅުންތެރިޔެކެވެ. މިހާތަނަށް 41 މެޗް ޤައުމީ ޓީމަށް ކުޅެދީފައިވާއިރު އަށް ގޯލް ކާމިޔާބުކޮށްދީފައިވެއެވެ. އަދި ނުވަ އެސިސްޓް ކޮށްފައިވެއެވެ. އިޓާލިއަން ސެރީއާގައި މިސީޒަންގައި ނަޕޯލީއަށް މޮޅު ކުޅުމެއް ދައްކާފައިވާ އިންސިގްނޭއަކީ މިފަހަރު އިޓަލީވިލާތުގެ ޓީމުގައިވެސް މުހިންމު ދައުރެއްއަދާކުރާނެ ކުޅުންތެރިއެއްގެގޮތުގައި ގިނަބަޔަކު އަންނަނީ ފާހަގަކުރަމުންނެވެ.

ތުރުކީވިލާތުގެ ޓީމަށް ބަލަލާއިރު އެޓީމުގެ މެދުތެރެއިން އެންމެ މުހިންމު ދައުރެއް އަދާ ކުރާނެ އެއް ކުޅުންތެރިޔަކަށް ވާނީ ހާކާން ޗަލްހަނޫގްލޫއެވެ. އިޓާލީއަން ސެރީއާގެ އޭސީ މިލާނަށް ކުޅޭ މިކުޅުންތެރިޔާ ތުރުކީ ޤައުމީ ޓީމަށް ކުޅެން ފަށާފައި ވަނީ 2013 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 6 ވަނަ ދުވަހުއެވެ. އަދި މިހާތަނަށް 56 މެޗް ކުޅެފައިވާއިރު 13 ލަނޑު ވަނީ ޤައުމީ ޓީމަށް ޖަހައިދީފައެވެ. ޗަލްހަނޫގްލޫ ވަނީ ގިނަ އަހަރު ތަކަކަށްފަހު މިއަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން އޭސީ މިލާނަށް ޖާގަ ހޯދައިދިނުމަށް މުހިންމު ދައުރެއް އަދާކޮށްފައެވެ. މިފަހަރުގެ ޔޫރޯގެ ކޮލިފައިންގެ އެންމެ މެޗެއް ފިޔަވައި އެހެން ހުރިހާ މެޗެއްގައި އޭނާ ވަނީ ތުރުކީ ޓީމަށް ކުޅެފައެވެ. އަދި ޗަލްހަނޫގްލޫއަކީ މިފަހަރުގެ މުބާރާތުގައި އޭނާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދާނެކަމަށް ބެލެވޭ ކުޅުންތެރިއެކެވެ.

ސްވިޓްޒަލަންޑް ޓީމަށް ބަލާލާއިރު އެންމެ ފާހަގަކޮށްލެވޭ އެއް ކުޅުންތެރިޔަކީ ޓީމުގެ މައި ތަނބުގެ ގޮތުގައި ފާހަގަ ކުރެވިފައިވާ ޓީމްގެ ކެޕްޓަން ގްރަނިޓް ޜަކާއެވެ. ޤައުމީ ޓީމަށް 2011 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ކުޅެން ފަށާފައިވާ ޜަކާ ވަނީ މިހާތަނަށް ޤައުމީ ޓީމަށް 94 މެޗް ކުޅެދީ 12 ލަނޑު ޖަހައިދީފައެވެ. އޭނާއަކީ މިފަހަރުގެ ޓީުގައި ހިމެނުނު 26 ކުޅުންތެރިންގެ ތެރެއިން އެންމެ ގިނަ މެޗް ޤައުމީ ޓީމަށް ކުޅެދީފައިވާ ކުޅުންތެރިޔާއެވެ. އިންގްލިޝް ޕްރިމިއަރ ލީގުގެ އާސެނަލްއަށް ކުޅޭ ޜަކާއަކީ ގިނަ ބަޔަކު ޤަބޫލް ކުރާގޮތުގައި ސްވިޓްޒަލަންޑް ޓީމްގެ ސިކުނޑިއެވެ. އަދި މިފަހަރުގެ މުބާރާތުގައި ސްވިޓްޒަލަންޑުން ރަނގަޅު ކާމިޔާބީއެއް ހޯދާކަމަށްވާނަމަ ޜަކާގެ ފަރާތުން މޮޅުކުޅުމެއް ފެނުން މުހިންމު ވާނެއެވެ.

ގްރޫޕް އޭގެ އެންމެ ފަހު ޓީމެއްގެގޮތުން މިބަލާލަނީ ވޭލްސްގެ ފަރާތުން މިފަހަރުގެ މުބާރާތުގައި އެންމެ ފާހަގަ ކޮށްލެވޭނެކަމަށް ބެލޭވޭ ގެރެތު ބޭލްއަށެވެ. 2006 ވަނަ އަހަރު ވޭލްސް ޓީމަށް ކުޅެން ފަށާފައިވާ ބޭލް ވަނީ މިހާތަނަށް ވޭލްސް ޓީމަށް 91 މެޗް ކުޅެދީ 33 ލަނޑު ކާމިޔާބުކޮށްދީފައެވެ. ލޯނު އެއްބަސް ވުމެއްގެ ދަށުން މިނިމުނު ސީޒަންގައި ރެއާލް މެޑްރިޑުން ޓޮޓްނަމް ހޮޓްސްޕަރއަށް ބަދަލުވެ ކުޅުނު 20 މެޗްގައި ވަނީ 11 ލަނޑު ކާމިޔާބުކޮށްދީފައެވެ. 2006 ވަނަ އަހަރު ވޭލްސް ޓީމަށް ކުޅެން ފެށީއްސުރެ ބޭލްވެފައި ވަނީ އެޓީމަށް ވަރަށް މުހިންމު ކުޅުންތެރިޔަކަށެވެ. އަދި މިހާތަނަށް އޭނާ ވަނީ މުހިންމު ލަނޑު ތަކެއްވެސް އެޓީމަށް ކާމިޔާބު ކޮށްދީފައެވެ. އެހެންކަމުން މިފަހަރުގެ ޔޫރޯގައި ވޭލްސްއިން އަނެއްކާވެސް އެންމެ ބޮޑަށް ވިދާލާނެކަމަށް ބެލެވޭ އެއް ކުޅުންތެރިޔަކީ ބޭލްކަމުގައި ގިނަ ބަޔަކު ޤަބޫލް ކުރެއެވެ.