ޚަބަރު

ކުޅުދުއްފުށި ސިޓީ އަނެއްކާވެސް މޮނިޓަރިންގެ ހާލަތަށް!


ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ފުލޫ ކުލިނިކަށް ދެއްކި މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވުމާ ގުޅިގެން އެރަށް އަނެއްކާވެސް މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން މައުލޫމާތު ދެއްވިގޮތުގައި ޕޮޒިޓިވްވެފައިވަނީ މާލެ ދަތުރުކުރާ ބޯޓެއްގެ ފަޅުވެރިއެކެވެ. އެއީ 45 އަހަރުގެ ފިރިހެނެކެވެ. އޭނާ ޕޮޒިޓިވްވީކަން އެނގުނީ އަލާމާތްތައް ހުރެގެން ފުލޫ ކުލިނިކަށް ދެއްކުމުން ޓެސްޓް ކުރުމުންނެވެ.

މިކަމާއި ގުޅިގެން ރޭ ދަންވަރު ވަނީ ކުޅުދުއްފުށީ ސިޓީ މޮނިޓަރިންގެ ހާލަތަށް ގެނެސް ރަށަށް އަރާ ފޭބުން މަނާކޮށްފައެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން މައުލޫމާތު ދެއްވިގޮތުގައި ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި މިހާތަނަށް 27 މީހުން ފާހަގަ ކުރެވިފައިވާކަމަށާއި އޭގެތެރޭން 24 މީހުންގެ ސާމްޕަލް ނަގާފައިވާކަމަށެވެ. އަދި މިސާމްޕަލްތަކުގެ ނަތީޖާ މިއަދު ހަވީރު ލިބޭނެކަމަށްވެސް އެހޮސްޕިޓަލުން މައުލޫމާތު ދެއްވައެވެ. އަދި އެނަތީޖާތައް ލިބުމުން ރެންޑަމް ސާމްޕަލް ނެގުމަށް ހަމަޖެހިފައިވާކަމަށްވެސް އެފަރާތުން މައުލޫމާތު ދެއްވައެވެ. މީގެއިތުރުން ކުޅުދުއްފުށީގެ 13 ގެއެއް ކަރަންޓީން ކުރެވިފައިވާކަމަށް ކޭއާރުއެޗުން ބުނެއެވެ.

މިދިޔަ މެއިމަހުވެސް ކުޅުދުއްފުށިން ޕޮޒިޓިވް ކޭސްތަކެއް ފެނިގެން އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވެއެވެ. އަދި ހދ އަތޮޅުގެ ބައެއް ރަށްތަކުންވެސް ކޮވިޑް ކޭސްތައް ދަނީ ފެންނަމުންނެވެ.

އެގޮތުން ހަނިމާދޫ އާއި މަކުނުދޫ އަދި ނޭކުރެންދޫވެސް ވަނީ މޮނިޓަރިންގ ހާލަތަށް ގެނެސްފައެވެ. މިތަނުން އެންމެ ބޮޑަށް ބަލި ފެތުރިފައިވަނީ ނޭކުރެންދޫގައިއެވެ.