މުނިފޫހިފިލުވުން

ޑަޔާނާއަށް ޗާރލްސް ދިން އެންގޭޖްމެންޓް ހަދިޔާ ނީލަމަށް


ކައިވެނި ކުރުމުގެ ދެ މަސްކުރިން 1981 ވަނަ އަހަރު އިނގިރޭސިވިލާތުގެ ޕްރިންސް ޗާރލްސް ޕްރިންސެސް ޑަޔާނާއަށް ހަދިޔާކުރެއްވި ފޯރޑް އެސްކޯޓް ގިއާ ސެލޫން ކާރު ގާތްގަޑަކަށް 40 އަހަރު ފަހުން ނީލަމުގައި ވިއްކާލުމަށް ނިންމައިފިއެވެ.

އެންގޭޖްމަންޓް ހަދިޔާއެއްގެ ގޮތުގައި ޗާރލްސް ދެއްވި މިކާރު 1982 ވަނަ އަހަރާއި ހަމައަށް ބޭނުންކުރުމަށްފަހު ޑަޔާނާ ވަނީ މިކާރު އަމިއްލަ ކާރު ދުއްވާ މީހަކަށް ވިއްކާލާފައެވެ.

ޑަޔާނާގެ ވަރަށްބޮޑު ފޭނެއް ވަނީ މިކާރު 20 އަހަރު ދުވަސް ވަންދެން ރައްކާކޮށް ބާއްވާފައެވެ. ބީބީސީ އާއި ޙަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓް ކުރާގޮތުގައި ރިހި ކުލައިގެ މިކާރު ވިއްކާލަން ހަމަޖެހިފައިވަނީ 30،000 ނުވަތ 40،000 ޕައުންޑަށެވެ.

މިކާރުގެ އިންޓީރިއަރ އަދި ޕެއިންޓްވޯރކް ވެސް އަދިވެސް ވަރަށް ރީތިކަމަށާއި ކާރުގެ ރޭޑިއޯވެސް އަދިވެސް އެބަހުރިކަމަށް ޚަބަރުތައް ބުނެއެވެ. ޑަޔާނާ މި ކާރު ބޮޑަށް ބޭނުންކުރެއްވީ ލަންޑަންގެ އެތެރޭގައި ދުއްވަންކަމަށާއި ޗާރލްސްގެ ޕޯލޯ މެޗްތައް ބައްލަވާލެއްވުމަށް އަމިއްލަފުޅަށްވެސް މިކާރު ދުއްވެވި ކަމަށް މީޑިއާތަކުން ރިޕޯޓް ކުރެއެވެ.