ޚަބަރު

މިދިރާސީ އަހަރު ނިމެންދެން ކިޔަވާނީ އޮންލައިންކޮށް - އެޑިއުކޭޝަން


މިހާރު ކުރިއަށްދާ ދިރާސީ އަހަރުގެ ކިޔެވުން ނިމެންދެން އޮންލައިންކޮށް ކިޔަވައިދިނުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ނިންމަވައިފިއެވެ. އެމިނިސްޓްރީން މިގޮތަށް ނިންމަވާފައިވަނީ ހަމައެކަނި މާލެ ސަރަޙައްދުގެ ސްކޫލްތަކުގައި ކަމަށް އެޑިއުކޭޝަނުން ވިދާޅުވެއެވެ.

ކޯވިޑް-19އާއި ގުޅިގެން ރައްކާތެރިކަމަށްޓަކާ ފިޔަވަޅުތައް ވަރުގަދަ ކުރުމާއި ގުޅިގެން މިމަހުގެ 4 ވަނަ ދުވަހުން ފެށިގެން މާލެ ސަރަޙައްދުގައި ސްކޫލްތަކުގެ ހުރިހާ ގްރޭޑަކަށް އޮންލައިންކޮށް ކިޔަވައިދިނުން ކުރިއަށްގެންދިޔުމަށްވަނީ ނިންމާފައެވެ. މިފިޔަވަޅުތަކާއެކު ޕޮޒިޓިވްވާ މީހުންގެ ޢަދަދު ދަށަށް ދިޔުމުން ސްކޫލްތައް އަލުން ހުޅުވާލާނެ ކަމަށް މީގެކުރިން ލަފާކުރެވިފައި އޮތްނަމަވެސް އެޑިއުކޭޝަން މިނިސްޓްރީން މިހާރުވަނީ މިހިނގާ ދިރާސީ އަހަރުގެ ކިޔެވުން ނިމެންދެން މާލެ ސަރަޙައްދުގެ ސްކޫލްތަކުގެ ކިޔެވުން އޮންލައިންކޮށް ކުރިއަށްގެންދިޔުމަށް ނިންމަވާފައެވެ.

އެމިނިސްޓްރީން ވިދާޅުވީ މިގޮތަށް ނިންމާފައިވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭގެ ލަފާގެ މަތިންކަމަށެވެ. ދިރާސީ އަހަރުގެ ކިޔެވުން މިއަހަރު ނިމޭނީ މިމަހުގެ 24 ވަނަ ދުވަހުއެވެ. މިހާރު ކުރިއަށްދަނީ ސްކޫލްތަކުގައި ދެވަނަ ޓާމުގެ އިމްތިޙާނުތަކާއި އޯލެވެލް އިމްތިޙާނެވެ. ދަރިވަރުން ގޭތެރޭގައި ތިބޭތާ ގިނަ ދުވަސްވެ އެކުދިންގެ އުޅުމަށާއި ވިސްނުމަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަމުގެ ޝަކުވާ ބެލެނިވެރިން ކުރަމުން އަންނައިރު ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށްޓަކާ ގޭތެރޭގައި ކުރެވޭނެ ކަންކަން ކުރަމުންގެންދިޔުމަށް ސިއްޙީ މާހިރުން އަންނަނީ ލަފާދެއްވަމުންނެވެ.

ދިރާސީ އަހަރުގެ ކިޔެވުމަށްފަހު މިމަހުގެ 27 ވަނަ ދުވަހުން ފެށިގެން އަންނަ އޯގަސްޓް މަހުގެ 8 ވަނަ ދުވަހާއި ހަމައަށް އޮތް ދަރިވަރުންގެ ބޮޑު ޗުއްޓީއާވެސް ގިނަ ބެލެނިވެރިންގެ ކަންބޮޑުވުންވަނީ ގުޅިފައެވެ. މާލެއާއި އަތޮޅު ތެރޭގައި ކޯވިޑްއަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އިތުރުވަމުންދިޔުމާއި ގުޅިގެން އެޗްޕީއޭއިންވަނީ ވަކި ޚާއްސަ ޙާލަތްތަކެއްގައި އެޗްޕީއޭގެ ހުއްދައާއެކު ނޫނީ މިދުވަސްވަރު ރަށްރަށަށް ނުދެވޭގޮތަށް ހަމަޖައްސާފައެވެ. ކޯވިޑްގެ ކޭސްތައް މޭއިމަހާއި މިމަހުގެ ކުރީކޮޅު ހާހުން މަތީގައި ހުރުމަށްފަހު މިހާރުވަނީ 500އަށްވުރެ ދަށްވެފައެވެ. މިހާލަތު ބަދަލުވެއްޖެނަމަ ކުރިއަށް އޮތް މަސްތެރޭގައި ޗުއްޓީއަށް ދެވޭނެކަމުގެ އިޝާރާތެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުވަނީ ދެއްވާފައެވެ.