ކުޅިވަރު

އޮލިންޕިކްސްގައި ބައިވެރިވުމުގެ ފުރުސަތު ލިބުމަކީ ހުވަފެން ހަޤީގަތަކަށްވުން : ނަބާހާ


އޮލިންޕިކްސްގައި ބައިވެރިވުމުގެ ފުރުސަތު ލިބުމަކީ ހުވަފެނެއް ހަގީގަތަކަށްވުން ކަހަލަކަމެއްކަމަށް ބެޑްމިންޓަންގެ ތާރީހުގައި ފުރަތަމަ ފަހަރަށް އަންހެން ބެޑްމިންޓަން ކުޅުންތެރިންއަކަށް އޮލިމްޕިކްސްގައި ވާދަކުރުމުގެ ފުރުސަތު ލިބުނު ފާތިމަތު ނަބާހާ ބުނެފިއެވެ. ނަބާހާއަށް އޮލިންޕިކްސްއިން ފުރުސަތު ލިބިފައިވަނީ ޓްރައިޕާޓައިޓް ސްލޮޓެއްގައެވެ.

މީގެ ކުރިން ރާއްޖޭގެ އަންހެން ބެޑްމިންޓަން ޓީމްގެ ކުޅުންތެރިއަކަށް މިފުރުސަތު ލިބިފައިނުވާއިރު، 2012ވަނަ އަހަރު ލަންޑަންގައި ބޭއްވި އޮލިމްޕިކްސްގައި މުހައްމަދު އަޖުފާން ވަނީ ވާދަކޮށްފައެވެ. އޮލިންޕިކްސްގެ ޓްރައިޕާޓައިޓް ސްލޮޓެއްގައި ވާދަކުރުމުގެ ފުރުސަތު ލިބުމަށްފަހު ނަބާހާ ބުނީ މިއީ އަބަދުވެސް ހުވަފެން ދެކެމުން އައިސްފައިވާ ދުވަހެއްކަމަށާއި އޮލިންޕިކްސްގައި ވާދަކުރުމުގެ ފުރުސަތު ލިބުމާއެކު ރާއްޖޭގެ އަންހެން ބެޑްމިންޓަން ކުޅުންތެރިއަކަށް ނުދެވޭހާ ދުރަށް ދިއުމަކީ މިހާރު ކުރެވޭ އެންމެ ބޮޑު އެއް އަމާޒްކަމަށްވެސް ނާބާހާ ބުންޏެވެ. މުޅި ރާއްޖޭގައި ކުޅޭ ބެޑްމިންޓަންގެ މުހިންމު ކަން އެންމެ ބޮޑަށް އައިސްފައި ވަނީ އެންމެ ފަހުން ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ބެޑްމިންޓަންގެ ސިންގަލްސްއިން ނަބީ ރަން މެޑަލް ހޯދުމަށްފަހު، އަންހެން ބެޑްމިންޓަން ކުޅުންތެރިންނަށް ދެވޭ ސަމާލްކަން އިތުރުވެގެންދިޔަކަމަށްވެސް ނަބާހާ ބުންޏެވެ. މުޅި ދުނިޔޭގައިވެސް ބާއްވާ އެންމެ ބޮޑު އެއް ގޭމްސްއަށް އެންމެ އެކަށީގެންވާ ވަރަށް ތައްޔާރު ނުވެވޭކަމަށާއި ނަމަވެސް ލިބުނު ދުވަސްކޮޅާއި އަޅާބަލާއިރު، ރަގަނޅު ތަމްރީންތަކެއް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރާކަމަށްވެސް ނަބާހާ ބުންޏެވެ. މާލޭގައި ކޯވިޑް-19ގެ ހާލަތާއި ގުޅިގެން ކުޅިވަރު މުބާރާތްތަކާއި ކުޅިވަރު ކުޅޭ ތަންތަންވަނީ ބަންދުކޮށްފައެވެ. ނަބާހާބުނީ މިއީ ކުޅުންތެރިންއެއްގެ ހައިސިއްޔަތުން ލިބޭނެ ވަރަށް ވަރަށް ތަޖްރިބާއެއްކަމަށާއި ރާއްޖެއަށް ރީތިނަން ހޯދައިދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެކަމަށް ނަބާހާ ބުންޏެވެ.


" އަސްލުގައި ވަރަށް ދެރަވޭ އެހެން މުބާރާތްތަކާއި ދިމާކޮށް ވާ ތައްޔާރީތަކާއި އެއްވަރަށް މިމުބާރާތަށް ތައްޔާރު ނުވެވޭތީ. ނަމަވެސް ވެވުނު ވަރަކަށް މިމުބާރާތަށްވެސް ތައްޔާރުވާނަން. ވަރަށް ބޮޑަށް ބަލާލަން ބޭނުންވޭ ދުވަހަކުވެސް ކައިރިން ނުފެންނެ ދުނިޔޭގެ މަޝްހޫރު ކުޅުންތެރިންގެ ކުޅުން މިފަހަރު ފެނުމުގެ ފުރުސަތު ލިބިގެންދާނެތީވެ. ވިކްޓަރ އަދި ކެރޮލީނާ މާރިންފަދަ ކުޅުންތެރިންގެ ކުޅުން ފެނިގެންދާނެތީވެ އަސްލުގައި ވަރަށް އުފާވޭ. ބެޑްމިންޓަން ކުޅުންތެރިއެއްގެ ހައިސިއްޔަތުން މިއީ ވަރަށް ބޮޑު ހުވަފެނެއް. މިއޮތްހާ ދުވަހުގައި އޭޝިޔާގެ ގައުމްތަކުގައި މުބާރާތް ކުޅޭތީވެ، ޔޫރަޕްގެ މޮޅެތި ކުޅުންތެރިން އަދި އޭޝިޔާގެވެސް އެންމެ މޮޅެތި ކުޅުންތެރިންގެ ކުޅުން ފެނިފައެއް ނުވޭ. " ނަބާހާ ބުންޏެވެ.

މިފަހަރުގެ އޮޕިންޕިކްސްގެ ޓްރައިޕާޓައިޓް ސްލޮޓެއްގައި ވާދަކުރުމުގެ ފުރުސަތު ނަބާއަށް ލިބުނީ ބައިނަލަގްވާމީ ރޭންކިންގައި ނަބާގެ ޕޮއިންޓާއި އޮލިންޕިކް ސްކޮލަޝިޕްގެ ދަށުން ކުރިއަށް ގެންދިޔަ ތަމްރީންތަކުގެ އިތުރުން މޯލްޑިވްސް އޮލިންޕިކް ކޮމެޓީއާއި އިންޓަނޭޝަނަލް ފެޑެރޭޝަންތައް ގުޅިގެން ކުރިއަށް ގެންދިޔަ މަސައްކަތުންނެވެ.

ބެޑްމިންޓަން ދުނިޔޭގެ ފެޑެރޭޝަންގެ މުބާރާތަކުން ރާއްޖެއަށް އެންމެ ފުރަތަމަ ދެ ރަން މެޑަލް ހޯދައިދީފައިވަނީ ވެސް ނަބާހާއެވެ. އެއީ 2019ވަނަ އަހަރު ޕާކިސްތާންގައި ކުރިއަށްދިޔަ ޔޮނެކްސް ސަންރައިސް ޕާކިސްތާން އިންޓަނޭޝަނަލް ސީރީސްގެ މިކްސް ޑަބަލްސް އިވެންޓުން ހޯދި ދެ ރަން މެޑަލްއެވެ.