ޚަބަރު

އެމް.ޑަބްލިޔު.އެސް.ސީން ހިންގި ތަމްރީން ޕްރޮގްރާމް ނިމިއްޖެ


ވިހާވެސް ގިނަ ޒުވާނުންނަށް ތަމްރީނުގެ ފުރުސަތު ފަހިކޮށްދެއްވުމަކީ އެމް.ޑަބްލިޔު.އެސް.ސީގެ އަމާޒެއްކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.ފަޒުލް މިހެން ވިދާޅުވީ އެމް.ޑަބްލިޔު.އެސް.ސީން ޔުޓިލިޓީ ސަރވިސް ދިނުމާ ގުޅޭގޮތުން ހިންގި ތަމްރީން ޕްރޮގްރާމް ފުރިހަމަކުރި ބައިވެރިންނަށް ހަނދާނީ ލިޔުން ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުނެވެ.ފަޒުލް ވިދާޅުވީ އެމް.ޑަބްލިޔު.އެސް.ސީއަށް ލިބިފައިވާ ތަޖުރިބާގެ އަލީގައި މީހުން ތަމްރީންކުރުމަށް އެ ކުންފުނިން އަބަދުވެސް އިސްކަމެއް ދޭނެކަމަށެވެ.އެމް.ޑަބްލިޔު.އެސް.ސީން ޔުޓިލިޓީ ސަރވިސް ދިނުމާ ގުޅޭގޮތުން ހިންގި ތަމްރީން ޕްރޮގްރާމް ނިންމައި، ބައިވެރިންނަށް ސެޓްފިކެޓް ދިނުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ އެންވަޔަރަމަންޓް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ޝަހީދާ އާދަމެވެ.މި ތަމްރީން ޕްރޮގްރާމަކީ އެންވަޔަރަމަންޓް މިނިސްޓްރީން އިސްނަންގަވައިގެން ޔޫ.އެން.ޑީ.ޕީގެ އެހީގައި ހިންގަވާ 3 ރަށެއްގެ ފެނުގެ ނިޒާމްގެ މަޝްރޫއު ނިމި، އޮޕަރޭޝަން އެންޑް މެއިންޓަނަންސަށް ބޭނުންވާ މީހުން ބިނާކުރުމަށް ހިންގި ތަމްރީން ޕްރޮގްރާމެކެވެ. އެ 3 ރަށަކީ، ހއ. އިހަވަންދޫ، އދ. މަހިބަދޫ އަދި ގދ. ގައްދޫއެވެ. 2 ހަފްތާގެ މުއްދަތަކަށް ހިންގި މި ތަމްރީން ޕްރޮގްރާމްގައި ޖުމްލަ 10 ފަރާތަކުން ބައިވެރިވެފައިވެއެވެ.މި ތަމްރީން ޕްރޮގްރާމްގެ ނިމުން ފާހަގަކުރުމުގެރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވީ، އެކުންފުނީގެ ފަރާތުން އަތޮޅުތަކުގައި ފެނާއި ނަރުދަމާގެ ބޮޑެތި މަޝްރޫޢުތައް ހިންގަމުންދާއިރު، ގިނަ ވަޒީފާތަކެއް އުފެދިގެންދާކަމަށެވެ. އަދި އެފަދަ މަޝްރޫޢުތަކުގެ ތެރެއިން މީހުން ތަމްރީން ކުރުމަށް އެ ކުންފުނިން އިސްކަމެއްދޭ ކަމަށާއި، އެއީ ރަށުގެ ތަރައްޤީއަށާއި، އަތޮޅުތަކުގެ ތަރައްޤީއަށްވެސް ލިބިގެންދާ ބޮޑު ކުރިއެރުމެއްކަމަށެވެ.އަދި މި ތަމްރީން ޕްރޮގްރާމްގެ ދަށުން އާރް.އޯ ޕްލާންޓް ހިންގާނެގޮތާއި، ފެނުގެ ނިޒާމަށް މައްސަލައެއް ދިމާވެއްޖެނަމަ ހައްލުކުރާނެގޮތާއި، ފެނުގެ ކޮލެޓީ ބެލުންފަދަ ފަންނީ ގޮތުން ބޭނުންވާ މުހިއްމު މަޢުލޫމާތުތަކެއް ބައިވެރިންނަށް ލިބިދެވުނުކަމަށްވެސް ފަޒުލް ވިދާޅުވިއެވެ. ތަމްރީން ޕްރޮގްރާމްގެ ބައިވެރިއަކު ބުނީ، މި ތަމްރީން ޕްރޮގްރާމުން ރާއްޖޭގެ ފެނުގެ ޙާލަތު ހުރިގޮތް ވަރަށް ރަނގަޅަށް އެނގިގެން ދިޔަކަމަށާއި، ތިމާވެއްޓާއި ރައްޓެހިގޮތެއްގައި ފެން އުފެއްދިދާނެ ތަފާތު ގޮތްތަކާއި، ފެނުން ކަރަންޓް އުފައްދާނެ ގޮތް އެނގިގެން ދިޔަކަމަށެވެ.