ޚަބަރު

ލައިސަންސް ކާޑާއި ރަޖިސްޓްރީ ދޫކުރުމަށް ސެލްފް ކަލެކްޝަން ސްޓޭޝަނެއް


އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ކާޑާއި ރަޖިސްޓްރީތައް ސެލްފް ކަލެކްޝަން ސްޓޭޝަންއަކުން ދޫކުރާގޮތަށް ހަމަޖައްސައިފިއެވެ.

ސެލްފް ސަރވިސް މި ޚިދުމަތަކީ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން މުޅިން އަލަށް ފެށި ޚިދުމަތެކެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ދޫކުރާ ލައިސަންސް ކާޑާ، ރަޖިސްޓްރީތަށް ދޫކުރުމަށް ޤާއިމުކުރި ސެލްފް ކަލެކްޝަން ސެންޓަރުގެ ޚިދުމަތް ފަށްޓަވައިދެއްވީ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާއެވެ. މި ސެންޓަރު ހުންނާނީ ޓްރާންސްޕޯޓް އޮތޯރިޓީ މިހާރު ހިންގަމުން އަންނަ މ.ޗަނބޭލީވިލާ(މާފަންނު ސްޓަރސިނަމާ އިމާރާތް)ގެ 2ވަނަ ފަންގިފިލާފައެވެ.

މި ސެންޓަރުން ލައިސަންސް ކާޑާއި ވެހިކަލް ރަޖިސްޓްރީތައް ދޫކުރާނެއެވެ. މި ޚިދުމަތަކީ ކިއުގައި ނުޖެހި އަވަސް، ފަސޭހަ ޚިދުމަތެއް ދިނުމަށްޓަކާ ޤާއިމުކުރި ޚިދުމަތެއްކަމަށް ޓްރާންސްޕޯޓުން ވިދާޅުވެއެވެ.

މި ސެންޓަރުން ދޫކުރާ ކާޑާއި ރެޖިސްޓްރީ ތައްޔާރުވުމުން އެކަން ވެރިފަރާތައް އަންގާނެއެވެ.

ކޯވިޑް19ގެ ޙާލަތާ ގުޅިގެން، އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސަށް އަލަށް އެދޭ މީހުންނަށް އެ ޚިދުމަތް ދިނުން ވަގުތީގޮތުން ވަނީ މެދުކަނޑާލާފައެވެ. ބަލި ފެތުރުން ކުޑަކުރުމަށް، މީހުން އެއްވާ އެއްވުން ވީހާވެސް މަދުކުރުމަށްޓަކާ މި ޚިދުމަތް މެދުކަނޑާލީ މޭ މަހުގެ 5 ވަނަ ދުވަހުއެވެ. ނަމަވެސް އެއްގަމު އުޅަނދު ލައިސަންސް އާކުރުމާއި ރެޖިސްޓްރޭޝަންއާ ގުޅޭ ޚިދުމަތް މިހާރުވެސް އަންނަނީ ދެމުންނެވެ. މި ޚިދުމަތްތަކަށް އޮންލައިންކޮށް އެދެވޭނެ އިންތިޒާމްވެސް ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ހަމަޖައްސާފައެވެ.

ދުވަސް ހަމަވެފައިވާ ލައިސަންސްތައް ވަކި މުއްދަތަކަށް ބޭނުންކުރެވޭނެގޮތްވެސް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ހަމަޖައްސާފައެވެ. މިގޮތަށް ހަމަޖައްސާފައިވަނީ ކޮވިޑް19ގެ ޙާލަތާ ގުޅިގެން އާއްމުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުންނެވެ. މިނިސްޓްރީން ވިދާޅުވީ މޭ މަހުގެ އެކަކުން ފެށިގެން މުއްދަތުހަމަވާ އެއްގަމުގައި އުޅަނދު ދުއްވުމުގެ ލައިސަންސްތައް އަންނަ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ބޭނުންކުރެވޭނެކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މަޢުލޫމާތުދޭގޮތުގައި، ކޯވިޑް19ގެ ޙާލަތު ރަނގަޅުވުމުން އަލަށް ލައިސަންސް ނަގާ މީހުންނަށް އެ ޚިދުމަތް ދޭން ފަށާނެކަމަށެވެ.