މުނިފޫހިފިލުވުން

ކެޓްރީނާ 'ޓައިގަރ 3' ގެ ޝޫޓިން ފަށަނީ


ކެޓްރީނާ ކައިފް ހިންދީ ސިނަމާގައި މަޝްހޫރުވެފައިވަނީ ނެށުމާއި އެކްޓިންގެ ހުނަރަށް މޮޅު ތަރިއެއްގެ ގޮތުގައެވެ. ރޯހިތް ޝެޓީގެ އެކްޝަން ފިލްމު 'ސޫރަޔަވްންޝީ' އަދި ހޮރަ ކޮމެޑީ ފިލްމު 'ބޫތު ޕޮލިސް' އިން ދެން އެންމެ އަވަހަށް ފެނިގެންދާނެ ކަޓްރީނާ މިހާރު ވަނީ އޭނާގެ ކާމިޔާބު ޓައިގަރ ސީރީޒްގެ ' ޓައިގަރ 3' ގެ ޝޫޓިންތައް ފެށުމަށް ތައްޔާރުވުމުގެ މަގުމަތީގައެވެ.

ކޯވިޑާއި ހެދި އިންޑިއާގައި އަޅާފައިވާ ފިޔަވަޅުތައް މަޑުމަޑުން މިހާރު ލުއި ކުރަމުންދިއުމާއެކު ފިލްމުގެ ޓީމާއި ވަރަށް އަވަހަށް ކެޓްރީނާ ގުޅޭނެކަމަށްވައެވެ. އަދި ޝޫޓިންތައް ފެށުމަށް ކެޓްރީނާ ހުރީ ވަރަށް ބޭނުންވެފައިކަމަށާއި 'ޓައިގަރ ޒިންދާ ހޭ' އަދި 'އެކްތާ ޓައިގަރ' ފަދައިން 'ޓައިގަރ 3' އަކީވެސް އޭނާއާއި ވަރަށް ގާތް ފިލްމެއްކަމަށް ކެޓްރީނާ ބުނެފައިވާކަމަށް ޚަބަރުތައް ބުނެއެވެ. މި ފިލްމުގައިވެސް ކެޓްރީނާގެ ވަރުގަދަ އެކްޝަން ސީންތަކެއް ފެންނާނެކަމަށް މީޑިއާތަކުން ރިޕޯޓް ކުރެއެވެ.

ގާތްގަޑަކަށް 35 މިލިއަން އެމެރިކާ ޑޮލަރުގެ ބަޖެޓެއްގައި ހަދާ މި ފިލްމުގައި ކެޓްރީނާ އަދި ސަލްމާނުގެ އިތުރުން އިމްރާން ހާޝްމީ ނެގެޓިވް ރޯލަކުން ފެނިގެންދާނެއެވެ. ޕްރިންސިޕަލް ފޮޓޮގްރަފީ މާރިޗްގައި ފަށާފައިވާ މި ފިލްމުގެ މަންޒަރުތައް އިސްތަންބޫލު، ޔޫއޭއީ އަދި އޮސްޓްރޭލިއާގައިވެސް ނެގުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ފިލްމު ރިލީޒްކުރުން އަންނަ އަހަރުގެ އޭޕްރީލް މަހަށް ތާވަލުވެސް ވަނީ ކޮށްފައެވެ.