ޚަބަރު

އެމެރިކާގެ މުބާރާތެއްގައި ޔޫކްރެއިންގެ ޑްރޯން!


އެމެރިކާގެ ދިފާޢީ ވުޒާރާ، ޕެންޓެގަންގެ ޑްރޯން ޑޮމިނަންސް ޕްރޮގްރާމުގައި ބައިވެރިކުރުމަށް ޔޫކްރެއިންއިން އެމެރިކާއަށް ޑްރޯން އެކްސްޕޯޓު ކުރުމަށް އެއްބަސްވެފައިވާ ކަމަށް މަސްދަރުތަކުން ބުނެފިއެވެ.

ދެ ޤައުމުން މި ފަދަ އެއްބަސްވުމަކާ ހަމައަށް އައިސްފައި މި ވަނީ ޔޫކްރެއިންއިން އުފައްދާ ޔޫއޭވީ ވިއްކުމަށް އެމެރިކާއާއެކު މަޝްވަރާތައް ކުރަމުން ދާ ދުވަސްވަރެއްގައެވެ. ޔޫކްރެއިންއާއި ރަޝިޔާއާ ދެމެދު ކުރަމުންދާ ހަނގުރާމައިގައި ޔޫކްރެއިންގެ ޔޫއޭވީތަކުން ހަމަލާތައް ދިނުމުގައި ހޯދާފައިވާ ކާމިޔާބީތަކުގެ ސަބަބުން އެހެން ޤައުމުތަކުގެ ފަރާތުން ޔޫއޭވީއަށް އޮންނަ ޑިމާންޑު ވަނީ އިތުރުވެފައެވެ. ގިނަ ޤައުމުތަކަކުން ޔޫއޭވީތައް ތަޖުރިބާކޮށްލައި، ޔޫކްރެއިންގެ ތަޖުރިބާތަކުން ފިލާވަޅު ހޯދުމަށް އެ ހަތިޔާރު ގަތުމަށް ޝައުޤުވެރިވެއެވެ.

ޑްރޯން ޑޮމިނަންސް ޕްރޮގުރާމަކީ ޑްރޯން އުފައްދާ އެކި ކުންފުނިތަކުގެ އުފެއްދުންތައް، ހަނގުރާމައެއް ކުރަމުންދާ ވަގުތު އޮންނާނެ ފަދަ މައިދާނެއްގައި ވާދަކޮށް ހުނަރު ދައްކަން ޖެހޭ މުބާރާތެކެވެ. މި މުބާރާތުގައި ބައިވެރި ކުރުމަށް 100އެއްހާ ޑްރޯން އެމެރިކާއަށް އެކްސްޕޯޓުކުރުމުގެ ޙުއްދަ ޔޫކްރެއިންގެ ހަ ޑްރޯން ކުންފުންޏަކަށް ދީފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.

އެ މުބާރާތުގެ ފުރަތަމަ ބުރު ކާމިޔާބުކޮށްފައި ވަނީ ޔޫކްރެއިންގެ ޑްރޯން ކުންފުންޏެއް ކަމަށްވާ ސްކައިފޯލްއާއި އިނގިރޭސިވިލާތުގެ ކުންފުންޏެއް ކަމަށްވާ ސްކައިކަޓަރއިން ގުޅިގެން އުފައްދާފައިވާ ޔޫއޭވީއަކަށެވެ.

ޔޫކްރެއިންއިން މިހާރު ވެސް ވަނީ ވިލާތުގެ ގިނަ ޤައުމުތަކަކާއި މެދުއިރުމަތީގެ ޤައުމުތަކަކާއެކު ޑްރޯންއާ ގުޅުންހުރި އެއްބަސްވުންތަކެއްގައި ސޮއިކޮށްފައެވެ. 2022ވަނަ އަހަރުން ފެށިގެން ޔޫކްރެއިންއާއި ރަޝިޔާ ހަނގުރާމަ ކުރަމުންދާއިރު، ހަނގުރާމައިގެ ޙާލަތުގައި ދިފާޢީ އުފެއްދުންތައް އެކްސްޕޯޓުކުރުން ޔޫކްރެއިންއިން އޮތީ ހަނިކޮށްފައެވެ. ނަމަވެސް އެ ޤައުމުން މިހާރު ވަނީ އެ ފަދަ ފިޔަވަޅުތަކަށް ކޮޮންމެވެސް މިންވަރެއްގެ ލުއިތަކެއް ދީފައެވެ.