މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ފަލަސްޠީނުގެ ޣައްޒާގައި 3،958 މާބަނޑު އަންހެނުން ބައިގެންދިޔަ ކަމަށް ރެކޯޑުތަކުން ދައްކައިފިއެވެ.
ޕަލަސްޓީނިއަން މެޑިކަލް ރިލީފް ސޮސައިޓީގެ ޑިރެކްޓަރ، ޑރ ބައްސާމް ޒަޣޫތު ވިދާޅުވީ ޔަހޫދީންގެ ޢުދުވާނީ ހަމަލާތަކުގައި ޣައްޒާގެ ޞިއްޙީ ނިޒާމު ފުނޑުފުނޑުވެ، މާބަނޑުމީހުންނާއި ދަރިމައިވުމާ ގުޅޭ ފަރުވާތައް ނުދެވޭ ކަމަށެވެ. އޭނާ ވިދާޅުވީ ބައިގެންދާ މީހުންގެ ޢަދަދު މީގެ ކުރިން އުފުލިފައި ނުވާ މިންވަރަށް އުފުލިފައިވާ ކަމަށެވެ.
ޑރ ޒަޣޫތު ވިދާޅުވީ ބައިގެންދާ އަންހެނުންގެ ޢަދަދު އެހާ ބޮޑަށް އިތުރުވެފައިވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ޣައްޒާގައި މާބަނޑު އަންހެނުން ތަޙައްމަލް ކުރަންޖެހޭ އުނދަގޫތަކާއި، ގެދޮރު ގެއްލި އެއް ސަރަޙައްދުން އަނެއް ސަރަޙައްދަށް ބަދަލުވުމަށް މަޖުބޫރުވުން ހިމެނޭ ކަމަށެވެ. އޭގެ އިތުރުން ދަތުރުކުރުމަށް ނުރައްކާތެރި ވަޞީލަތްތައް ބޭނުންކުރުމާއި މަގުތައް ސުންނާފަތިވެފައިވުމާއި އެދެވޭ ބޯހިޔާވަހިކަމެއް ނެތުމާއި ރައްކާތެރި ނަރުދަމާގެ ނިޒާމެއް ނެތުމާއި ޔަހޫދީންގެ ހަމަލާއެއް އަމާޒުވެދާނެ ކަމުގެ ބިރުވެރިކަމުގެ ތެރޭގައި އަބަދު ވެސް އުޅެން ޖެހުމަކީ ބައިގެންދިޔުމަށް މަގުފަހިވާ އިތުރު ސަބަބުތަކެއް ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.
ޒަޣޫތު އިތުރަށް ވިދާޅުވީ ހޫނުފެން ނުލިބުމާއި ސާފުތާހިރުވުމަށް ބޭނުންވާ ސާމާނު ނުލިބުމުގެ އިތުރުން ތޮއްޖެހިފައިވާ ކޭމްޕުތަކުގައި ހަލުވިކަމާއެކު ބަލިތައް ފެތުރުމަކީ ވެސް ބައިގެންދިޔުން އިތުރުވުމަށް މަގުފަހިވާ ސަބަބުތަކެއް ކަމަށެވެ. ރައްކާތެރި އަދި އިތުބާރުހިފޭ ސިއްޙީ ފަރުވާ ނުލިބުމާއި، ބޭސް ނުލިބުމާއި އެހެން ޞިއްޙީ ވަސީލަތްތައް ނުލިބުމަކީ ވެސް ކަންބޮޑުވުމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ. އޭގެ ސަބަބުން ހަނގުރާމައިގައި ސުންނާފަތިނުވެ ހުރި ޞިއްޙީ މަރުކަޒުތަކުން ވެސް އެދެވޭ ފަރުވާއެއް ނުުދެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އޭޕްރިލް މަހުގެ ތެރޭގައި އެކަނި ވެސް 921 މީހުން ބައިގެންގޮސްފައިވެއެވެ. އެ މަހު 2،004 އަންހެނުން ވިހާފައިވެއެވެ. އެހެންކަމުން ޣައްޒާގައި ވިހާ ކޮންމެ 1،000 އަންހެނަކަށް 460 އަންހެނުން ބައިގެންދެއެވެ. އެއީ ޢާންމު ޙާލަތަށް ވުރެ ތިން ގުނަ އިތުރު ޢަދަދެކެވެ.
ޣައްޒާގައި އުފަންވެފައިވާ ކުދިންގެ ޢަދަދު ވެސް ވަނީ ބޮޑުތަނުން ދަށަށް ގޮސްފައެވެ. އެ ގޮތުން މި އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި 5،210 ކުދިން އުފަންވެފައިވާއިރު ފެބްރުއަރީ މަހު އުފަންވެފައި ވަނީ 3،433 ކުދިންނެވެ. އެއަށް ފަހު މާރިޗު މަހުގެ ތެރޭގައި 3،233 ކުދިން އުފަންވެފައިވާއިރު، އޭޕްރިލް މަހުގެ ތެރޭގައި އެ ޢަދަދު ވަނީ 2،004އަށް ދަށަށް ގޮސްފައެވެ. މެއި މަހު 1،701 ކުދިން އުފަންވިއިރު، މި ޢަދަދަކީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އުފަންވި 6،076 ކުދިންނާ އާޅާބަލައި އިރު 67 އިންސައްތަ ދަށް ޢަދަދެކެވެ.
ޣައްޒާގައި ބައިގެންދާ މީހުންގެ ޢަދަދު އިތުރުވުމާއި އުފަންވާ ކުދިންގެ ޢަދަދު ދަށަށް ދަނީ ޔަހޫދީން ސީދާ އެ މަޤުސަދުގައި ކުރިއަށް ގެންދާ ސިޔާސީ އަދި އަސްކަރީ ޙަރަކާތްތަކުގެ ސަބަބުންތޯ ތަހުޤީޤު ކުރުމަށް އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ އިދާރާތަކުން ވަނީ ގޮވާލައިފައެވެ.