ޚަބަރު

ގަމަށް ތިން އެއަރލައިނެއްގެ ޝެޑިއުލް ދަތުރުތައް ފަށަނީ


އައްޑޫ ސިޓީގެ ގަން އިންޓަނޭޝަނަލް އެއަރޕޯޓަށް އިންޓަނޭޝަނަލް ފްލައިޓްތައް ޖެއްސުމަކީ އައްޑޫ ސިޓީގެ ރައްޔިތުންގެ ވަރަށް ބޮޑު އުއްމީދެކެވެ.އެ އުއްމީދު ޙާޞިލްކޮށްދެއްވުމަށްޓަކައި ސަރުކާރުން މިހާރު ގެންދަވަނީ އައްޑޫ އިންޓަނޭޝަނަލް އެއަޕޯޓް އިތުރަށް ތަރައްޤީކުރައްވަމުންނެވެ. އެގޮތުން އެއަރޕޯޓްގެ ރަންވޭ ބޮޑުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު އެ އެއަރޕޯޓަށް ވަރަށް އަވަހަށް ބޭރުގެ އެއަރލައިންތަކެއްގެ ޝެޑިއުލް ފްލައިޓްތައް ޖައްސަން ފަށާނެކަމުގެ އުފާވެރި ޚަބަރު ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވަނީ ދެއްވާފައެވެ.ގަން އިންޓަނޭޝަނަލް އެއަރޕޯޓުން އަވަށްޓެރި ޤައުމުތަކަށް ދަތުރުކުރެވުމަކީ އައްޑޫ ރައްޔިތުން އެދި އެދި ތިބިކަމެކެވެ. އަދި މިއީ ރައްޔިތުންނަށް ކުޑަ ހޭދައެއްކޮށްގެން ދަތުރުކުރެވޭނެ ގޮތެކެވެ.އައްޑޫ ސިޓީ ގެ އެއަރޕޯޓް ތަރައްޤީކުރެއްވުމަށް ކުރައްވާ މަސައްކަތްތަކާ ގުޅޭގޮތުން ޕީއެސްއެމް އިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ވިދާޅުވީ، ގަން އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރެއްވުމަށް ކުރައްވަމުންގެންދާ މަސައްކަތުން 220 މިޓަރުގެ ރަންވޭއެއް އަންނަ މަހުގެ ތެރޭގައި ނިންމާލެވޭނެކަމަށެވެ. އަދި ވަރަށް އަވަހަށް 3 އެއަރލައިނެއްގެ ޝެޑިއުލް ދަތުރުތައް ގަން އެއަޕޯޓަށް ފަށާނެކަމުގެ ޔަޤީންކަން މިނިސްޓަރ ދެއްވިއެވެ.އައްޑޫ ސިޓީ ގައި ހިންގަމުން އަންނަ ދެ ރިސޯޓްކަމަށްވާ، ޝަންގްރިއްލާ އަދި ކެނަރީފް ރިސޯޓަށް ފަތުރުވެރިން ގެނައުމުގައި ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީވެސް ޔޫޕަރަޕްގެ ޤައުމުތަކުން ސީދާ ފްލައިޓްތައް ގަމަށް ނުޖެއްސުމެވެ.މިނިސްޓަރ ވިދާޅުވީ ، ޔުރަޕްގެ ޤައުމުތަކުގެ އިތުރުން ޗައިނާއިންވެސް ޗާޓަރ ފްލައިޓްތައް ޖެއްސުމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.މިދިޔަ އަހަރުވެސް ، ޑެންމާކުން ގަމަށް ޗަޓަރ ފްލައިޓެއް ޖައްސާފައިވެއެވެ. މިއަހަރުގެ ޑިސެމްބަރ މަހުގެ 22 ވަނަ ދުވަހު ކެނަރީފް ރިސޯޓަށް ފަތުރުވެރިން ގެނައުމަށް ޗާޓަރު ފްލައިޓް ޖައްސާނެކަމަށް އެ ރިސޯޓުން ބުނެއެވެ.މިނިސްޓަރ ޒަމީރު ވިދާޅުވީ މަދު ދުވަސްކޮޅެއްގެ ތެރޭގައި އޭވިއޭޝަންގެ ދާއިރާއިން ބޮޑު ކުރިއެރުންތަކެއް ފެނިގެންދާނޭކަމަށާއި އޭގެތެރެއިން އައްޑޫ އެއަރޕޯޓަށްވެސް ކުރިއެރުންތަކެއް ލިބިގެންދާނެކަމަށެވެ.ގަން އިންޓަނޭޝަނަލް އެއަރޕޯޓްގެ މަސައްކަތް މުޅިން ނިމޭއިރު ރަންވޭގެ ބޮޑުމިނުގައި 3400 މީޓަރު ހުންނާނެކަމަށާއި، މަސައްކަތް އެކީ ނިމުމުން އެންމެ ބޮޑެތި ކާގޯ ފްލައިޓްތައް ޖެއްސޭނެކަމަށް އައްޑޫ އިންޓަނޭޝަނަލް އެއަޕޯޓް ކޮމްޕެނީން މައުލޫމާތުދެއެވެ.