ޚަބަރު

ސްޓޫޑެންޓް ލޯން ދެއްކުމުގެ މުއްދަތު މިއަހަރުގެ ނިޔަލަށް ފަސްކޮށްދީފި


ސްޓޫޑެންޓް ލޯން ދެއްކުން މިއަހަރުގެ ނިޔަލަށް ފަސްކޮށްދެއްވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސްޓޫޑެންޓް ލޯން ދެއްކުން ފަސްކުރުމާ ގުޅޭގޮތުން ފިނޭންސް މިނިސްޓްރީއާއި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބައްދަލުކޮށް އެކަމާ ގުޅޭ ގޮތުން މަޝްވަރާކޮށް އެގޮތަށް ނިންމާފައިވާކަމަށެވެ.

މިގޮތުން ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ގިނަ މީހުންގެ ޢާމްދަނީއަށް އަސަރުކޮށްފައިވުމާއެކު އާއްމު ހާލަތަށް ރުޖޫއަވުމަށް ވަގުތު ނަގާނެތީވެ އެކިދާއިރާތަކުން ވަނީ އެހީތެރިކަން ފޯރުކޮށްދެއްވާފައެވެ. މީގެ ތެރޭގެ މަތީ ތަޢުލީމާއި ތަމްރީން ހާސިލް ކުރުމަށް ސަރުކާރުން ދޫކުރާ ލޯންގެ އެހީގައި ކިޔަވަމުންދާ ދަރިވަރުންގެ ލޯން ދައްކަންޖެހޭ މުއްދަތު މިވަނީ ފަސްކޮށްދެއްވާފައެވެ. ސަރުކާރުން އެންމެ ފުރަތަމަ ލޯން ދެއްކުން ފަސްކޮށްދިނީ މިދިޔަ އަހަރުގެ މާޗްމަހުގެ ތެރޭގައެވެ. އެންމެ ފުރަތަމަ 6 މަސްދުވަހަށް ލޯން އަނބުރާ ދެއްކުން ފަސްކޮށްދިނެވެ. އަދި އެއަށްފަހު މިދިޔަ ސެޕްޓެމްބަރު މަހުވަނީ މިދިޔަ އަހަރުގެ ނިޔަލަށް ލޯން އަނބުރާ ދެއްކުން ފަސްކޮށްދެއްވާފައެވެ.

ސްޓޫޑެންޓް ލޯން އެހީގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައިވެސް ގިނަ އަދަދެއްގެ ދަރިވަރުން އަންނަނީ މަތީ ތަޢުލީމް ހާސިލު ކުރަމުންނެވެ. އެގޮތުން މިދިޔަ އަހަރު 514 ދަރިވަރުންނަށް ލޯން ދޫކޮށްފައިވެއެވެ. މި ލޯންތަކަށް 150 މިލިއަނަށްވުރެ ގިނަ ފައިސާ ޚަރަދުވާކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. އަދި މިއަހަރު 770 ފުރުޞަތު ހުޅުވާލާ ވަގުތީ ލިސްޓްގައި 417 ދަރިވަރަކަށް ވަނީ ލޯން ލިބިފައެވެ. މި ލިސްޓްގެ ފައިނަލް ލިސްޓް މިމަހުގެ 20 ވަނަދުވަހު އިޢުލާން ކުރާއިރު މިފަހަރު 137 މިލިޔަން ރުފިޔާ ލޯނަށް ކަނޑައަޅާފައިވެއެވެ.

ސަރުކާރުން ވަނީ މަތީ ތަޢުލީމުގެ ލޯން ސްކީމް ނުވަތަ ސްޓޫޑެންޓް ލޯނުގެ އިންޓްރެސްޓް ރޭޓް %3 ކުޑަކޮށްފައެވެ. ކުރިން މި ލޯނު ދޫކުރަމުން އައީ %5 އިންޓްރަސްޓް ރޭޓުގައެވެ.