ޚަބަރު

އިންތިޤާލީ އިންސާފުގެ އޮފީހަށް މައްސަލަތައް ހުށަހަޅަން 13 ވަނަ ދުވަހު ހުޅުވާލަނީ


އިންތިޤާލީ އިންސާފުގެ އޮފީހަށް މައްސަލަތައް ހުށަހެޅުމަށްޓަކައި، މިމަހުގެ 13 ވަނަ ދުވަހު ހުޅުވާލާނެކަމަށް އެ އޮފީހުން ވިދާޅުވެއްޖެއެވެ.

އިންތިޤާލީ އިންސާފުގެ އޮފީހުގެ މަސައްކަތްތަކާއި ގުޅޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންތިޤާލީ އިންސާފު އޮފީހުގެ އޮމްބަޑްސްޕަރސަން އަލްއުސްތާޒާ ޖިހާދާ އަނީސް ވިދާޅުވީ 1953 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ ނިޔަލަށް ހިންގާފައިވާ އެކި މައްސަލަތަކަށް އިންސާފު ހޯދުމުގައި އެންމެ ބޮޑު އިސްކަމެއްދޭނީ ވާހަކަ ދައްކައިގެން މަޝްވަރާގެ އުސޫލުން ކަންކަން ކުރުމަށްކަމަށެވެ. އަދި ޤާނޫނުވެސް ބާރުއަޅަނީ އެގޮތަށް ކަމަށާއި، ވާހަކަ ދައްކައިގެން ހައްލު ނުކުރެވޭ ހާލަތެއްގައި ތަހުގީގްކޮށް ދައުވާކުރަންޖެހޭ ހާލަތަށް ދާންޖެހިއްޖެނަމަ އެމަސައްކަތްވެސް ކުރާނެކަމަށް ޖިހާދާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން އޮފީހުގެ އެންމެބޮޑު އަމާޒަކީވެސް އަދި ޤާނޫނުގެވެސް އެންމެ ބޮޑު މަޤްސަދަކީ މީހުންނަށް އަދަބުދީ މައްސަލަތަކުގައި ދައުވާ ކުރުން ނޫންކަމަށެވެ. ޤާނޫނުގައިވެސް އެންމެބޮޑަށް ބާރުއަޅަނީ މައްސަލަތަކުގައި ދެފަރާތް ހާޒިރުކޮށް، ހައްލުކުރުން. އެކަން ކުރުމަށް އަޅުގަނޑުމެން އެންމެ ބޮޑު އިސްކަމެއްދޭނީ." ޖިހާދާ ވިދާޅުވިއެވެ.

އިންތިޤާލީ އިންސާފުގެ އޮފީހުގެ މަސައްކަތް ކުރިއަށް ގެންދިއުމަށާއި، މައްސަލަތައް ބެލުމަށްޓަކައި މިމަހުގެ 13 ވަނަ ދުވަހުން ފެށިގެން ހުޅުވާލުމަށް ވަނީ ހަމަޖެހިފައެވެ.

ޕްރެސް ކޮންފަރެންސްގައި ޗީފް އޮމްބަޑްސްޕަރސަން ޢަބްދުއްސަލާމް ޢާރިފް ވިދާޅުވީ ޤާނޫނު ވުޖޫދަށް އައީ ވަކި ވެރިކަމެއްގެ ކަންކަން ބަލާކަށް ނޫންކަމަށެވެ. އެއޮފީހުން ވަރަށް ގިނަ ވެރިކަން ތަކުގައި ހިނގައިދިޔަ ކަންކަން ބެލުމަށް މަތިކޮށްފައިވާއިރު، އިންސާނީ ހައްގުތަކާއި، އަސާސީ ހައްގުތަކަށް ހަނިވާ ގޮތަށް ހުރި ކަންކަން ބެލުމަށް ކުރަންޖެހޭ މަސައްކަތް ކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.

ސަލާމް ވިދާޅުވީ އޮފީހުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ސަރުކާރުން ފޯރުކޮށް ދެއްވާފައިވާކަމަށެވެ. އަދި އަމާޒަކީ ހުށަހެޅޭ މައްސަލަތައް އިންސާފުވެރިކަމާއިއެކު ބަލައި، ރާއްޖޭގެ މަސްލަހަތު ހިފެހެއްޓުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުންކަމަށް އޭނާ ވިދާޅުވިއެވެ.

އާރިފް ވިދާޅުވީ މިމަސައްކަތަކީ ރާއްޖޭގެ ދިގު މާޒީއަށްޓަކައިވެސް ކުރަންޖެހޭ މުހިންމު މަސައްކަތްތަކެއްކަމަށް ދެކޭކަމަށެވެ.

އިންތިޤާލީ އިންސާފުގެ އޮފީހުގެ މަސައްކަތްތަކީ 1953 ޖަނަވަރީ 1 އިން ފެށިގެން 2018 ނޮވެންބަރު 17 އާ ދެމެދު ހިނގާދިޔަ މުއްދަތުގެ ތެރޭގައި ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއަކު، ރައްޔިތުންގެ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފަށް ހިންގާފައިވާ ޢަމަލުތައް ބަލައި، ތަޙްޤީޤުކޮށް، ޙަޤީޤަތް ހާމަކޮށް، އެފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް ޙައްލުތައް ހޯދައި ދިނުމެވެ.