ޚަބަރު

ޠާލިބާނުންގެ ވަރުގަދަ ޙަމަލާތަކެއްގައި އަފްޣާނިސްތާނުގެ ފައުޖުތަކަށް ބޮޑެތި ގެއްލުންތަކެއް


ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އަފްޣާނިސްތާނުގައި ޙަރަކާތްތެރިވާ ޠާލިބާން ޖަމާޢަތުން ދިން ވަރުގަދަ ޙަމަލާތަކެއްގައި އަފްޣާނިސްތާނުގެ އަސްކަރިއްޔާއަށް ބޮޑެތި ގެއްލުންތަކެއް ލިބިޖެއެވެ. އެގޮތުން ޠާލިބާނުންގެ ޙަމަލާތަކުގައި މަރުވި އަދި ޒަޚަމުވި ސިފައިންގެ ޢަދަދު 150ން މައްޗަށް އަރާފައިވާކަމަށް އެ ޤައުމުގެ ސަރުކާރުންވަނީ ބުނެފައެވެ.

އެމެރިކާގެ އަސްކަރީ ފައުޖުތައް އަފްޣާނިސްތާނުން ފައިބަމުންދާ ދަނޑިވަޅެއްގައި ސަރުކާރުގެ ފައުޖުތަކާއި ޠާލިބާނުންނާ ދެމެދު ބަދަލުކުރަމުންދާ ޙަމަލާތައްވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އަފްޣާނިސްތާނުގެ 34 ޕުރޮވިންސުގެ ތެރެއިން 26 ޕުރޮވިންސެއްގައި ޙަމަލާބަދަލުކުރަމުންދާކަމަށް އަފްޣާނިސްތާނުގެ ސަރުކާރުން ބުނެއެވެ. އަދި ޙަމަލާތަކުގައި މަރުވި މީހުންނާއި ޒަޚަމްވި މީހުންގެ ޢަދަދު ވަރަށް ގިނަކަމަށްވެސް އެ ޤައުމުގެ ސަރުކާރުން ބުނެއެވެ.

އަފްޣާނިސްތާނުގެ ސަރުކާރުން ބުނީ އެ ޤައުމުގެ ޣައުރު ޕުރޮވިންސުގައި އޮންނަ ޝަހްރަކު ޑިސްޓުރިކްޓު ޠާލިބާނުންގެ ބާރުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ. އޭގެ އިތުރުން ބަލަޚު ޕުރޮވިންސުގައި އޮންނަ ޚާސުން ބަލަޚު ޑިސްޓުރިކްޓުގެ ފުލުހުންގެ އިދާރާއަށް އަމާޒުކޮށް ކާރު ބޮމުގެ ޙަމަލާއެއްވަނީ ދީފައެވެ. އަދި ފާރިޔާބު ޕުރޮވިންސުގެ ޤައިސަރު ޑިސްޓުރިކްޓަށްވެސް ގިނަ ޙަމަލާތަކެއް ދީފައިވެއެވެ.

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑު ޓުރަންޕުގެ ސަރުކާރުންވަނީ ޠާލިބާނުންނާއެކު ޞުލްޙައިގެ އެއްބަސްވުމެއްގައި މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގެ ދަށުން އަންނަ މެއި މަހުގެ 1ވަނަ ދުވަހުގެ ކުރިން އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ ސިފައިން ބާލަން ޖެހެއެވެ. އެ އެއްބަސްވުމުގެ ދަށުން ފާއިތުވި އަހަރުގެ ތެރޭގައި އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ ގިނަ ޢަދަދެއްގެ ސިފައިންވަނީ އަނބުރާ ޤައުމަށް ގެންގޮސްފައެވެ. ނަމަވެސް 2،500އެއްހާ އެމެރިކާގެ ސިފައިން އަދިވެސް އަފްޣާނިސްތާނުގައި އެބަ ތިއްބެވެ. ސެޕްޓެމްބަރު މަހުގެ 11ވަނަ ދުވަހުގެ ކުރިން އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ ސިފައިން އަނބުރާ ގެންދަވާނެކަމަށް އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑަންވަނީ އިޢުލާނުކުރައްވައިފައެވެ. އެއާއެކު އެމެރިކާގެ ސިފައިން އަފްޣާނިސްތާނުން ފޭބުމުން ޠާލިބާނުންގެ ނުފޫޒު ވަރަށް ބޮޑަށް އިތުރުވާނެކަމަށް ތަޖުރިބާކާރުން ބުނެއެވެ.