އުދައިގެ ސަބަބުން ބޮޑެތި ގެއްލުންތައް ލިބިގެން ޚިދުމަތް މެދުކަނޑާލާފައިވާ ހޯރަފުށީ އެއަރޕޯޓްގެ ދަތުރުތައް މިމަހުގެ 15ގައި ފަށާނެކަމަށް ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީން ބުނެފިއެވެ.
ހޯރަފުށީ އެއަރޕޯޓަށް ދަތުރުތައް މެދުކަނޑާލީ މިދިޔަ މަހުގެ 14 ވަނަ ދުވަހުއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީގެ މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ރިޒްވީ ވިދާޅުވީ އުދައެރުމުގެ ސަބަބުން ޓަމިނަލަށް ލިބުނު ގެއްލުންތައް މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ. އެމްޓީސީސީން ކުރިއަށްގެންދާ މި މަސައްކަތް ދެ ދުވަހެއްގެ ތެރޭގައި ނިންމައި ރީޖަނަލް އެއަރޕޯޓްސްއާ އެއަރޕޯޓް ހަވާލުކުރާނެކަމަށް ރިޒްވީ ވިދާޅުވިއެވެ.
ރިޒްވީ ވިދާޅުވީ ރަންވޭއަށް ގެއްލުންވެފައިވޭތޯ ބެލުމަށް ކުރިއަށްގެންދިޔަ ސަރވޭ ނިމިފައިވާކަމަށާ، އުދައެރުމުގެ ސަބަބުން ރަންވޭއަށް އެއްވެސް ގެއްލުމެއް ވެފައި ނުވާކަން ސަރވޭއިން ޔަގީންކޮށްފައިވާކަމަށެވެ.
އެއަރޕޯޓަށް އެންމެ ބޮޑު ގެއްލުމެއްވީ ޓަރމިނަލަށެވެ. ގަދަވައިގެ ސަބަބުން ޓަރމިނަލްގެ ދޮރުތައް ވެއްޓުމާ އަދި ފެން ވަނުމުގެ ސަބަބުންވެސް ގެއްލުންތައް ވެފައިވެއެވެ. ރިޒްވީ ވިދާޅުވީ ޓަރމިނަލް މަރާމާތުކުރުމުގެ ޚަރަދު ބަލަޙައްޓަނީ އެމްޓީސީސީންކަމަށެވެ.
"ޕްރޮޖެކްޓްގަ 1 އަހަރުގެ ވޮރަންޓީ ޕީރިއަޑެއް އޮވޭ. އޭގެ ދަޑުން މި މަރާމާތުގެ ޚަރަދާ މަސައްކަތް އެމްޓީސީސީން ބަލަހައްޓަނީ." ރިޒްވީ ވިދާޅުވިއެވެ.
ޓަރމިނަލްގެ އިތުރުން ހޯރަފުއްޓާ ހޯރަފުށީ އެއަރޕޯޓް ގުޅާލާ ކޯޒްވޭއަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އެގޮތުން ކޯޒްވޭގެ ވެލިގަނޑު ދަމައިގަނެ، މަގުގަ ޖަހާފައިވާ ލައިޓްތައްވެސް ވެއްޓިފައިވެއެވެ. ރިޒްވީ ވިދާޅުވީ ކޯޒްވޭގެ ގެއްލުންތައް ދެނެގަނެ އެ މައްސަލަތައްވެސް ޙައްލުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ.
އުދަ އެރުމުގެ ސަބަބުން އެއަރޕޯޓަށް ބޮޑު ގެއްލުމެށް ލިބުނީ، އެއަރޕޯޓް ވަށައިގެން ތޮށިލާ ޙިމާޔަތްކޮށްފައި ނުވާތީކަމަށް ކަމާގުޅޭ ފަރާތްތަކުން ބުނެއެވެ. ޚިދުމަތް ފެށިއިރު ބޮޑުހިލަޖަހާ ޙިމާޔަތްކޮށްފައިވަނީ އެއަރޕޯޓްގެ ހިއްކިބިމުގެ ވަކި ސަރަޙައްދެކެވެ.
ޕްލޭނިން މިނިސްޓްރީން ވިދާޅުވީ ހޯރަފުށީ އެއަރޕޯޓްގައި ބޮޑު ހިލައިން ޙިމާޔަތް ނުޖަހައި އޮތް ސަރަޙައްދު ޙިމާޔަތްކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާކަމަށެވެ.
ހޯރަފުށީ އެއަރޕޯޓަކީ ރާއްޖޭގައި އެންމެ ފަހުން ޚިދުމަތަށް ގެނައި އެއަރޕޯޓެވެ. އެއަރޕޯޓްގެ މަސައްކަތް ނިންމާ ޚިދުމަތް ފެށީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުއެވެ.