ކުޅިވަރު

ޖަރުމަނުވިލާތާއި ލެޓްވިއާ ބައްދަލުކުރިމެޗް ޖަރުމަނުވިލާތް ކާމިޔާބުކޮށްފި


ޔޫރޯ 2020އަށް ތައްޔާރު ވުމުގެގޮތުން ޖަރުމަނުވިލާތުން ކުޅުނު ރަހްމަތްތެރިކަމުގެ ފަހުމެޗް ކާމިޔާބުކޮށްފިއެވެ. މިމެޗް ޖަރުމަނުވިލާތް ކާމިޔާބުކުރީ ލެޓްވިއާ އާއި ބައްދަލުކޮށް 7 ލަނޑު އެއްލަނޑުންނެވެ.

ޖަރުމަނު ޓީމްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި އެޓީމްގެ ފުރަތަމަ ލަނޑު ޖަހައިދީފައިވަނީ މެޗްގެ 19 ވަނަ މިނެޓްގައި ރޮބިން ގޮސެންސްއެވެ. އަދި ދެވަނަ ލަނޑު އޭގެ ދެ މިނެޓްފަހުން އިލްކާއި ގުންޑޮގާން ކާމިޔާބުކޮށްދިންއިރު ތިންވަނަ ލަނޑު މެޗްގެ 27 ވަނަ މިނެޓްގައި ޖަހައިދިނީ ތޯމަސް މުލަރއެވެ. އަދި ޖަރުމަނުގެ ހަތަރުވަނަ ލަނޑަކީ ލެޓްވިއާގެ އޮޒޯލްސް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން ޖަރުމަނުގެ ފަސްވަނަ ލަނޑު ޖަހައިދިނީ ސަރޖީ ގްނެބްރީއެވެ. މިމެޗްގެ ދެވަނަ ހާފްގައި ޖަރުމަނުންވަނީ އިތުރު ދެ ލަނޑު ޖަހާފައެވެ. މިދެ ލަނޑު އެޓީމަށް ޖަހައިދިނީ 50 ވަނަ މިނެޓްގައި ޓީމޯ ވަރނަރ އަދި 76 ވަނަ މިނެޓްގައި ލިރޯއި ސާނޭއެވެ. ސާނޭ ލަނޑު ޖެހުމުގެ އެއްމިނެޓް ކުރިން ލެޓްވިއާގެ ސަވެލްޔޭވްސް ވަނީ އެޓީމަށް ލަނޑެއް ކާމިޔާބުކޮށްދީފައެވެ. ރޭގެ މެޗާއި އެކު ޖަރުމަނުގެ ކެޕްޓަން މެނުއަލް ނޯޔަރވަނީ ޖަރުމަނުވިލާތުގެ ޤައުމީ ޓީމަށް 100 މެޗް ކުޅެދިން ފުރަތަމަ ކީޕަރަށް ވެގެން ގޮސްފައެވެ.

ރޭގެމެޗަށް ޖަރުމަނުގެ ކޯޗް ޖޯހިމް ލޯވަނީ ޑެންމާކާއި އެކު ކުޅެ އެއްވަރުވި މެޗްގައި ބޭނުން ކުރި އެގާރައަށް ހަތަރު ބަދަލެއް ގެނެސްފައެވެ. މިފަހަރުގެ ޔޫރޯގައި އެންމެ ވަރުގަދަ ވާނެކަމަށް ގިނަ ބަޔަކު ގަބޫލް ކުރާ ގްރޫޕް އެފް ގައި ހިމެނޭ ޖަރުމަނު ޓީމް މުބާރާތުގެ ފުރަތަމަ މެޗްގައި ޖޫން 15 ވަނަ ދުވަހު ނިކުންނާނީ ދުނިޔޭގެ ޗެމްޕިއަން ފަރަންސޭސިވިލާތާއި ދެކޮޅަށެވެ. މިގްރޫޕްގައި ދެން ހިމެނެނީ ޕޯޗުގަލް އާއި ހަންގޭރީއެވެ.