ޚަބަރު

އެންވަޔަރަންމަންޓް މިނިސްޓަރަަކަށް ޝައުނާ އައްޔަން ކުރުމަށް މަޖިލީހުން ރުހުންދެއްވައިފި


މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކޮނޯލިޖީ މިނިސްޓަރަކަށް އައިމިނަތު ޝައުނާ އައްޔަން މަޖިލީހުން ރުހުން ދެއްވައިފިއެވެ.

މިނިސްޓަރ ޝައުނާއަށް ރުހުން ދެއްވުމަށް ކޮމިޓީގެ ރިޕޯޓު ތަޅުމަށް ހުށަހެޅުމަށްފަހު، މިއަދު ނެގުނު ވޯޓުގައި ޝައުނާއަށް ރުހުން ދެއްވާފައިވަނީ 65 މެމްބަރުންގެ ތެރެއިން 57 މެމްބަރުންގެ އަޤްލަބިއްޔަތުންނެވެ. ޝައުނާއަށް ރުހުން ދޭން ނުފެންނަކަމަށް 8 މެމްބަރަކު ވޯޓް ދެއްވިއިރު، ވަކިކޮޅަކަށް ވޯޓް ނުދެއްވާ 1 މެމްބަރަކު އިންނެވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާކޮމިޓީން މިނިސްޓަރުކަމަށް ޝައުނާ އައްޔަން ކުރެއްވުމަށް ރުހުން ދެއްވާފައިވާނީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ.

މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކޮނޯލިޖީ މިނިސްޓަރަކަށް އައްޔަން ކުރެއްވި ޝައުނާ މީގެ ކުރިން ހުންނެވީ ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީގެ މަގާމުގައެވެ. ޝައުނާއަށް ވަޒީރުކަން ހަވާލުކުރެއްވީ އެންވަޔަރަންމަންޓް މިނިސްޓްރުގެ މަޤާމުގައި ހުންނެވި ޑރ ހުސެއިން ރަޝީދު ފިޝަރީޒް މިނިސްޓްރީއަށް ބަދަލު ކުރައްވައި އެންވަޔަނރަމަންޓް މިނިސްޓްރީއާއި، ޓެކްނޯލޮޖީ މިނިސްޓްރީ އެއްކޮށްލުމަށްފަހުގައެވެ.

ސައިންސް އެންޑް ޓެކްނޯލޮޖީ މިނިސްޓްރީ އުވާލެއްވުމުން އެ މިނިސްޓްރީން ކުރައްވަމުން ގެންދެވި ހުރިހާ މަސައްކަތްތަކެއް ކުރައްވަނީ އަލަށް އުފެއްދެވި މިނިސްޓްރީންނެވެ. އަދި އެ މިނިސްޓްރީގައި ތިބި ހުރިހާ މުވައްޒަފުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއަށް ބަދަލުވެގެންދާނެކަމަށްވެސް ރައީސް އޮފީހުން ވިދާޅުވެއެވެ.

ސަރުކާރު ހިންގެވުމަށް ބަދަލުތަކެއް ސަރުކާރުން ގެންނަވާފައި ވަނީ ލޯކަލް ކައުންސިލް އިންތިޚާބުން މާލެއިން އެމްޑީޕީއަށް ނާކާމިޔާބުވުމުން އެކަމާއި ގުޅޭ ކަންކަން ދިރާސާކުރައްވާ ސަރުކާރު ހިންގެވުން އިތުރަށް ހަރުދަނާ ކުރައްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވުމަށްފަހުއެވެ. އަދި ސަރުކާރުގެ ވައުދުތައް ފުއްދެވުމަށް އިތުރު މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަންވެސް ރައީސް ވަނީ ދެއްވާފައެވެ.