ވިޔަފާރި

އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާ މިމަހުގެ 20 ވަނަ ދުވަހު ބާއްވަނީ


މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ، އެމްޓީސީސީގެ 2020 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ މިމަހުގެ 20 ވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސައިފިއެވެ.

އެމްޓީސީސީގެ 2020 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ ބާއްވަން ކުރިން ނިންމާފައިވަނީ މިދިޔަ މަހުގެތެރޭގައެވެ. ނަމަވެސް އަހަރީ އާންމު ޖަލްސާ ފަސްކޮށްފައިވަނީ އެމްޓީސީސީގެ ހާއްސަ ގޮތުން ކުރި އާންމު ޖަލްސާ މެއި 16 ވަނަ ދުވަހު ބާއްވަން ޖެހުމާ ގުޅިގެންކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. ޖަލްސާ ފަސްކުރީ ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީގެ ހުއްދަ އާއެކުގައިކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

އެމްޓީސީސީގެ 2020 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީގެ އޮންލައިން ވެބް އެޕްލިކޭޝަން "ފަހިވޯޓް" މެދުވެރިކޮށެވެ. މި ޖަލްސާ އޮންނާނީ މިމަހުގެ 20 ވާ ޢާދިއްތަ ދުވަހުގެ މެންދުރު 13:00 ގައެވެ.

މިޖަލްސާގައި ބައިވެރިވެވަޑައިގަނެވޭނީ 19 މެއި 2021 ވަނަ ދުވަހުގެ ނިޔަލަށް އެކުންފުނީގެ ޙިއްޞާދާރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.

އަހަރީ އާންމު ޖަލްސާގައި 2020 ވަނަ އަހަރުގެ ފައިދާއިން ޙިއްޞާދާރުންނަށް ބެހުމަށް ޑިރެކްޓަރުންގެ ބޯޑުން ހުށަހަޅާފައިވާ ޢަދަދު ފާސްކުރުން އޮންނާނެއެވެ. އަދި މި އަހަރަށް ކުންފުނީގެ އޮޑިޓަރުން ހޮވާ، އެފަރާތުގެ އުޖޫރަ ކަނޑައެޅުމާއި، ކުރިއަށް އޮތް ދައުރަށް ޑިރެކްޓަރުންގެ ބޯޑަށް އައްޔަނުކުރުންވެސް އޮންނާނެއެވެ.

ޖަލްސާގައި ބައިވެރިވާން ބޭނުންވާ ޙިއްޞާދާރުން މިމަހުގެ 18 ވަނަ ދުވަހުގެ 13:00ގެ ކުރިން ރަޖިސްޓަރ ކުރައްވަން ޖެހިވަޑައިގަންނަވާނެކަމަށް އެމްޓީސީސީން ބުނެއެވެ.