ޚަބަރު

ޕީ.އެސް.އެމްގެ މީޑިއާ އިންސްޓިޓިއުޓްގެ ދެ ކޯހެއް ފަށައިފި


ޕަބްލިކް ސަރވިސް
މީޑިއާގެ މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓުން ހިންގާ ޕްރޮޑަކްޝަން ޓެކްނީޝަންއާއި
ސެޓްފިކެޓްއިން ޓެލެވިޒަން ކެމެރާ އޮޕަރޭޓަރ ކޯސް ފުރަތަމަ ބުރު މިއަދު ފަށައިފިއެވެ.



ތިން ހަފްތާއަށް
ކުރިއަށްދާ މި ދެ ކޯހުގައި 84 ބައިވެރިން ބައިވެރިވެފައިވެއެވެ. 



މިއަދު
ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމްގައި ބޭއްވި ރަސްމިއްޔާތުގައި އެމް.އެމް.އައި އިން ހިންގާ ކޯސް އިފްތިތާޙްކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ޕީއެސްއެމްގެ މެނޭޖިންގ
ޑިރެކްޓަރ އިބްރާހީމް ޚަލީލް ވިދާޅުވީ ޕީއެސްއެމްގެ މީޑިއާ އިންސްޓިޓިއުޓްގެ
މަސައްކަތް ރަސްމީގޮތުން ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށާއި މި
އިންސްޓިޓިއުޓަކީ، ރާއްޖޭގެ ބްރޯޑްކާސްޓިންގ އިންޑަސްޓްރީއަށް މީހުން ބިނާކުރުމުގެ
ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ތަނެއް ކަމަށެވެ. 

މިއަދު ފެށި ކެމެރާމަނުން
ތަމްރީންކުރުމުގެ ކޯހާއި އަދި ޕްރޮޑަކްޝަން ޓެކްނީޝަނުން ތަމްރީންކުރުމުގެ ކޯހަށް
އިޝާރާތްކުރައްވައި މެނޭޖިންގ ޑިރެކްޓަރ ވިދާޅުވީ، މި ފަންނުތަކަކީ ދިވެހި
ޒުވާނުން ކުރިއެރުމަށް، މަގުފަހި އަދި ޚާއްޞަކޮށް އެކަށީގެންވާ ޢާމްދަނީއެއް ހޯދެން
އޮތް މުހިންމު ފަންނެއް ކަމަށެވެ.

ޕީއެސްއެމްގެ ޑެޕިއުޓީ
މެނޭޖިންގ ޑިރެކްޓަރ އައިމިނަތު ޝާޔަން ޝާހިދު ވިދާޅުވީ ރާއްޖޭގެ ރީތިކަމާއި
ހިތްގައިމުކަން ދައްކައިދޭ ވީޑިއޯ ޕްރޮޑަކްޝަންތައް، ބޭރުގެ ފަރާތްތަކުން
ތައްޔާރުކޮށް، ބޭރުގައި ބޮޑުއަގުގައި ވިއްކަމުންދާ ކަމަށާއި މިކަމަކީ ދިވެހި
ޒުވާނުންނަށް ކުރެވޭނެ މަންފާހުރި މަސައްކަތެއްކަމަށެވެ.