ކުރީގެ އަމީރު އަޙްމަދު ސްކޫލް ހިންގި ބިން، ތަޢުލީމުދޭ މަރުކަޒެއް ހިންގުމަށް އެޑިއުކޭޝަން މިނިސްޓްރީއަށް ދިނުމަށް ނިންމާފައިވާކަމަށް މާލެ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ. މި ބިން ދޫކޮށްފައިވަނީ ޕަބްލިކް ޕްރައިވެޓް ޕަރޓްނާޝިޕްގެދަށުންނެވެ.
މާލެ ސިޓީގެ ތަރައްޤީގެ މަސައްކަތްތަކާ ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޢުލޫމާތުދެއްވަމުން މާލެ ސިޓީގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ ތަޢުލީމުދޭ މަރުކަޒެއް ހެދުމަށް ކުރީގެ އަމީރު އަޙުމަދު ސްކޫލް ހިންގި ބިން ދޫކޮށްފައިވަނީ 35 އަހަރުދުވަހުގެ މުއްދަތަށްކަމަށެވެ.
އަމީރު އަޙްމަދު ސްކޫލް ހިންގި ބިމަކީ، އަމީރުއަޙުމަދު ޕްރީ-ސްކޫލް އަދި ހެންވޭރު އަވަށު އޮފީހުގެ ގޮތުގައިވެސް ބޭނުންކުރި ބިމެކެވެ. މިހާރު އެ ބިމުގައި ހިންގަނީ އަމިއްލަ ފަރާތެއްކަމަށްވާ އައިލެންޑަރސް އެޑިއުކޭޝަނުން ހިންގާ ޕްރީ-ސްކޫލެކެވެ.
ޑރ.މުޢިއްޒު ވިދާޅުވީ ބިން ދޫކުރުމަށް ކައުންސިލުން ނިންމާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި އެޑިއުކޭޝަން މިނިސްޓްރީގެ އެދުމުގެ މަތިންކަމަށެވެ. އަދި މިކަމަކީ މީގެކުރިންވެސް އެޑިއުކޭޝަން މިނިސްޓްރީން ސިޓީކައުންސިލްގައި އެދެމުން އައި ކަމެއްކަމަށް މޭޔަރު ޑރ.މުޢިއްޒު ވިދާޅުވިއެވެ.
"މި ބިމިގައި ތަޢުލީމުދޭ މަރުކަޒެއް ހިންގާ ބެލެހެއްޓުމަށް އެޑިއުކޭޝަން މިނިސްޓްރީއަށް ދޫކުރުމަށް މި ނިންމީ. ކައުންސިލްގެ އިއްތިފާޤުން ފާސްކުރީ 35 އަހަރަށް ބިން ދޫކުރުމަށް." ޑރ.މުޢިއްޒު ވިދާޅުވިއެވެ.
ޑރ.މުޢިއްޒު ވިދާޅުވީ އެބިން، ތަޢުލީމުދޭ މަރުކަޒެއްގެ ގޮތުގައި ބޭނުންކުރުމަށް ދިގު މުއްދަތަކަށް ދޫކޮށްފައިވަނީ، މިކަމަކީ އެ ސަރަޙައްދުގެ ރައްޔިތުންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބޭނެ އަދި މިކަމަށް ރައްޔިތުން އެދެމުންދާ ކަމަކަށް ވާތީކަމަށެވެ.
މާލޭގެ އާބާދީ ބޮޑުވުމާ އަދި ތަޢުލީމު ހޯދުމަށް ގިނަ އާއިލާތަކެއް މާލެއަށް ހިޖުރަކުރަމުން އަންނައިރު، ސްކޫލްތަކަށްވަނީ ބާރުބޮޑުވެފައެވެ. ސަރުކާރުން މިހާރު އަމާޒުކޮށްފައިވަނީ މާލެ ސަރަޙައްދުގެ ސްކޫލްތަކަކީ އެއް ދަންފަޅިއަށް ކިޔަވައިދޭ ސްކޫލްތަކަށް ހެދުމަށެވެ. ނަމަވެސް މިކަމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީވެސް ޖާގައިގެ ދަތިކަމެވެ.
މާލޭގައި ތަޢިލީމުދޭ ސްކޫލްތައް އިތުރުކުރުމަށް މިދިޔަ އަހަރުވަނީ އިތުރު ސްކޫލެއް ހުޅުވާފައެވެ. އިއްޒުއްދީން ސްކޫލްގެ ކިޔެވުން ފަށާފައިވަނީ 240 ދަރިވަރުންނާއެކުއެވެ. އަދި ދަރުމަވަންތަ ސްކޫލްގެ އާ އިމާރާތް އެޅުމުގެ މަސައްކަތްވެސް ސަރުކާރުން މިހާރުވަނީ ފަށާފައެވެ. މި ސްކޫލް ތަރައްޤީކުރަނީ 1000ކުދިންނަށް ކިޔަވައިދެވޭނެ ޖާގައާއެކުއެވެ.