ސިޔާސީ

މިއީ ރައީސް ޞާލިޙުގެ ޒަޢާމަތަށް މުޅި ދުނިޔެ ތަރުޙީބު ދެމުންދާކަމުގެ އަލިގަަދަ ހެއްކެއް - މިނިސްޓަރ ޝާހިދު


އދ.ގެ 76ވަނަ ޢާންމު މަޖިލީހުގެ ރިޔާސަށް ދިވެހިރާއްޖެ ހޮވިގެން ދިޔަކަމީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ޒަޢާމަތަށް މުޅި ދުނިޔެ ތަރުޙީބު ދެމުންދާކަމުގެ އަލިގަަދަ ހެއްކެއްކަމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ފޮރިން މިނިސްޓަރ މިހެން ވިދާޅުވީ، އދ.ގެ ޢާންމު މަޖިލީހުގެ ރިޔާސަށް ހޮވިވަޑައިގެންނެވުމަށްފަހު އެމެރިކާގެ ނިއުޔޯކުގައި ހުންނަ އދ.ގެ މައި އިދާރާގައި ދެއްކެވި ވާހަކަފުޅުގައެވެ. މިނިސްޓަރ ޝާހިދުގެ ވާހަކަފުޅުގައި މިއަދު ދުނިޔޭގެ ހުރިހައި ޤައުމުތަކެއްގެ އިތުބާރާއި ޔަގީންކަން ދިވެހިރާއްޖެއަށް ލިބިގެން ދިއުމުން، މުޅި ދުނިޔެ، މިއަދު ރާއްޖެ ބަލައިގެންފައިވާކަން ސާބިތުވެއްޖެކަމަށް ވަނީ ވިދާޅުވެފައެވެ.

އެމަނިކުފާނަށް ދެއްވި ތާޢީދާއި، ކުރެއްވި އިތުބާރާއި، ދެއްވި ޔަގީންކަމަށްޓަކައި ހިތުގެ އެންމެ އިޚްލާސްތެރި އަދަބު އިޙްތިރާމް އަދާކުރައްވާކަމަށާއި، ދިވެހި ޤައުމަށް ދެއްވި ޤަދަރުވެރި ޝަރަފަށްޓަކައި ހިތްތިރިކަމާއިއެކު ޝުކުރު އަދާކުރައްވާކަމަށް ދުނިޔޭގެ ޤައުމުތަކާ މުޚާޠަބުކުރައްވައި މިނިސްޓަރ ޝާހިދު ވިދާޅުވެފައެވެ. އަދި ދިވެހިރާއްޖެފަދަ ކުޑަކުޑަ ޖަޒީރާ ޤައުމަކަށް މިފަދަ ޝަރަފުވެރި މަޤާމެއް ދެއްވިކަމަށްޓަކާ އެންމެހައި ދިވެހިންގެ ނަމުގައި މެންބަރު ޤައުމުތަކަށް ވަނީ ޝުކުރު އަދާކުރައްވާފައެވެ. މިނިސްޓަރ ޝާހިދު ވިދާޅުވީ، މިއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރާއި ދިވެހިރާއްޖެ ބައިނަލްޢަޤްވާމީ މުޖުތަމަޢުން ބަލައިގެންފައިވާ މިންވަރު ހާމަވެގެންދާ އަލިގަދަ ހެއްކެއްކަމަށެވެ.

"މި މަޖިލީހުގެ ރައީސްކަމުގެ މަގާމަށް އިންތިޚާބުވި ރައީސްގެ ގޮތުގައި ހުރެ، ދިވެހިންގެ ފަޚުރުވެރި ބަހުން، މިއަދު އަޅުގަނޑު މި އުފުލަނީ ދިވެހި ރައްޔިތުންގެ ފަޚުރުވެރި އަޑު. ދިވެހިރާއްޖެއަށް މި ފަޚުރާއި ޝަރަފު މިންވަރު ކުރެއްވިކަމަށްޓަކައި އަރަހުށި ހުސްޠާހިރުވަންތަ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ހަޟްރަތަށް ހަމްދާއި ޝުކުރު ދަންނަވަން. މިއަދު ދުނިޔޭގެ ހުރިހައި ޤައުމުތަކެއްގެ އިތުބާރާއި ޔަގީންކަން ދިވެހިރާއްޖެއަށް ލިބިގެން ދިއުމުން، ސާބިތުވެގެން މި ދިޔައީ، މުޅި ދުނިޔެ، މިއަދު ރާއްޖެ ބަލައިގެންފައިވާކަން. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ޒަޢާމަތަށް މުޅި ދުނިޔެ ތަރުހީބު ދެމުންދާކަން. ރައީސް ޞާލިހުގެ ޚާރިޖީ ސިޔާސަތު ދުނިޔެ ޤަބޫލުކޮށްފައިވާކަން" މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

މިނިސްޓަރ ޝާހިދު ވިދާޅުވީ، އަޅުގަޑުމެން މިއަދު 76ވަނަ ސެޝަނާއި ބައްދަލު މިކުރީ ގޮންޖެހުން ގިނަ ވަގުތެއްގައިކަމަށާއި، ފާއިތުވި އަހަރު ސިފަވެގެން ގޮސްފައިވަނީ ބަލިމަޑުކަމާއި، ނުތަނަވަސްކަމާއި، އުއްމީދު ގެއްލިފައިވާ އަހަރެއްގެ ގޮތުގައިކަމަށެވެ. އަދި ހަމަހަމަކަން ގެއްލި ބޭއިންސާފާއި ހަމަނުޖެހުން އިތުރުވެފައިވާކަމަށާއި، އަޅުގަނޑުމެން ވަށައިގެންވާ ތިމާވެއްޓާއި، ކަނޑާއި، ދުނިޔެއަށް ތަފާތު ގެއްލުންތައް ކުރިމަތިވަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ނަމަވެސް މިކަންކަމުން އަރައިގަތުމަށް އަނެއްކާވެސް ހިތްވަރާއެކު ތެދުވެ މަސައްކަތް ފަށައިގަންނަ ޖެހޭކަމަށާއި، މިއީ މުޖުތަމަޢުތައް އަލުން ބިނާކޮށް، އިޤްސާދުތައް އަނބުރާ އިއާދަކުރަން ޖެހޭ ވަގުތުކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ފޮރިން މިނިސްޓަރުގެ ވާހަކަފުޅުގައި އދ.ގެ ޢާންމު މަޖިލީހުގެ ރިޔާސަތާއި އެމަނިކުފާނު ހަވާލުވާ ހިސާބުން އެންމެ ފުރަތަމަ އަދި އެންމެ ބޮޑު އިސްކަމެއްދެއްވާނީވެސް ކޯވިޑް-19ގެ ޙާލަތުން އަރައިގަނެ، މުޅި ދުނިޔޭގެ ވެކްސިން ޕްރޮގްރާމް ފުޅާކުރުމަށްކަމަށެވެ.

"އެންމެ ފުރަތަމަ އަދި އެންމެ ބޮޑު އިސްކަމެއް ދޭނީ ކޯވިޑް-19ގެ ބަލިމަޑުމަކުން އަރައިގަތުމަށް. އެގޮތުން މިހާރުވެސް ރާވާފައި ހުރި ކަންތައްތަކަށް އިސްކަންދީ، ސިއްހީ ދުޅަހެޔޮކަން އިތުރުކުރުމަށް މަސައްކަތްކޮށް، އިގްތިޞާދުތައް ހަރުދަނާ ކުރުމަށް މަސައްކަތް ކުރާނަން. އަދި އެންމެނަށް ވެކްސިން ހަމަހަމަކަމާ އެކު ލިބޭނޭ މަގު ގާއިމްކުރުމުގެ މަސައްކަތް ކުރާނަން. މުޅި ދުނިޔެ ވެކްސިނޭޓް ކުރަން ޖެހޭ! އާދެ! ހުރިހާ މީހުންނަށް ރައްކާތެރިކަން ލިބެންދެން އެއްވެސް މީހަކީ ސަލާމަތްކަން ލިބިފައިވާ މީހެއް ނޫން" މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

އދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަން ވެގެންދާނީ ދުނިޔޭގެ ގުދުރަތީ މާހައުލަށް ޚާއްސަ ސެޝަނަކަށްކަމަށް ޤަބޫލުކުރައްވާކަމަށް ފޮރިން މިނިސްޓަރ ޝާހިދު ވަނީ ވިދާޅުވެފައެވެ. އަދި އާންމުންގެ ބޭނުންތަކަށް އިޖާބަދީ މަޝްވަރާ ކުރުމަކީވެސް އެހާމެ މުހިންމު ކަމެއްކަމަށާއި، އެންމެގެ ހައްޤުތަކަށް އިޚްތިރާމްކޮށް، ގިނަ ބައެއްގެ ބޭނުންތަކާއި އިޙްސާސްތައް ހިމެނިގެން އިންސާނީ އެހީތެރިކަން ފޯރުކޮށް ދިނުމަކީ މެދުކެނޑުމެއް ނެތި ކުރިއަށް ދާންޖެހޭ މަސައްކަތެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޖެނެރަލް އެސަމްބްލީގައި ޒުވާނުންގެ އަޑު އިތުރުކޮށް ޒުވާނުންނަށް އޮތް ޖާގަ އިތުރުކޮށްދޭނޭ ކަމުގެ ޔަގީންކަން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވަނީ އަރުވާފައެވެ. އަދި ޖިންސީ ހަމަހަމަ ކަމަށް ވަކާލާތްކޮށް، ޖިންސީ ތަފާތުކުރުންތަކާއި ދެކޮޅަށް އަޑު އުފުލާނެކަމަށާއި، ޖެނެރަލް އެސްމްބްލީގެ ރައީސެއް ގޮތުގައި ހުރެ، އަންހެނުންނާއި ފިރިހެނުންގެ ހަމަހަމަ ކަން ނެތް އެއްވެސް ޕެނަލްއެއްގައި ބައިވެރި ނުވާނޭ ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. މިނިސްޓަރ ޝާހިދު ވިދާޅުވީ، މިއަދުގެ ބޭނުންތަކަށް ޖާވާބުދާރީ ވުމަށް އދ އަކީ މިއަށްވުރެވެސް ވަރުގަދަ ތަނެއް ކަމުގައި ވާންޖެހޭކަމަށެވެ. އަދި ދެފުއް ފެންނަ، ފުރިހަމަ އަށް މަސައްކަތް ކުރެވޭ، ނަތީޖާ ނެރެވޭ، ޒިންމާދާރު ތަނަކަށް ވާންޖެހޭކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.