ޚަބަރު

މައި ކޮލެޖާއި މިއާންޒް ގްރޫޕު ގުޅިގެން ސިއްޙީ އެހީތެރިންނަށް ކެއަރ ޕެކޭޖުތަކެއް


ކޯވިޑް-19 އާއި ދެކޮޅަށް މަސައްކަތްކުރަމުންދާ ސިއްޙީ އެހީތެރިންނަށް ކާނާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް، މައި ކޮލެޖާއި މިއާންޒް ގްރޫޕު ގުޅިގެން "މިއާންޒް ކެއާސް" ނަމުގައި ކެއަރ ޕެކޭޖްތަކެއް ހެލްތު މިނިސްޓްރީއާ ހަވާލުކޮށްފިއެވެ.

މިކަމަށްޓަކައި އޮންލައިންކޮށް ބޭއްވި ރަސްމިއްޔާތު އިފްތިތާހު ކޮށްދެއްވީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު އާދިލެވެ. މިރަސްމިއްޔާތުގައި ރަމްޒީގޮތުން މިކެއަރ ޕެކޭޖް ސްޓޭޓް މިނިސްޓަރާ ހަވާލުކޮށްދެއްވީ މައިކޮލެޖުގެ ސީއީއޯ މުޙައްމަދު ހަލީމެވެ.

މައިކޮލެޖުން އިންތިޒާމުކޮށް، މިއާންޒް ގްރޫޕުގެ އެހީތެރިކަމާއެކު ހަދިޔާކުރި މި ކެއަރ ޕެކޭޖްތަކަކީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޤާއިމްކޮށްފައިވާ ތަފާތު ދިހަ ކޯވިޑް ފެސިލިޓީގައި މަސައްކަތްކުރައްވާ ސިއްޙީ އެހީތެރިންނަށް ޚާއްޞަކޮށް ހަދިޔާކުރި ކެއަރ ޕެކޭޖްތަކެކެވެ.

މިކެއަރ ޕެކޭޖް ދިނުމަށް ހަމަޖެހިފައިވަނީ، ހުޅުމާލެ މެޑިކަލް ފެސިލިޓީ، ގުޅީފަޅު އައިސޮލޭޝަން ފެސިލިޓީ، ފަރުކޮޅުފުށި އައިސޮލޭޝަން ފެސިލިޓީ، ވެލިދޫ އައިސޮލޭޝަން ފެސިލިޓީ، ހުޅުމާލެ ހޮސްޕިޓަލް، ށ.ފުނަދޫ ކޯވިޑް ފެސިލިޓީ، ބ.އޭދަފުށި ކޯވިޑް ފެސިލިޓީ، ލ.ގަން ކޯވިޑް ފެސިލިޓީ، ގއ. ވިލިގިނލީ ކޯވިޑް ފެސިލިޓީގެ އިތުރުން އައްޑޫ ކޯވިޑް ފެސިލިޓީއަށެވެ.

މިކެއަރ ޕެކޭޖް ކޯވިޑް ފެސިލިޓީތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް، ކުރިޔަށް އޮތް މަސްތަކަށް ދެމިގެންދާނެ ކަމަށް މައިކޮލެޖުން މަޢުލޫމާތުދެއެވެ. މި ކެއަރ ޕެކޭޖުގައި ހިމެނޭ ބާވަތްތަކުގެ ތެރޭގައި ހިކި ކިރު، ބިސްކޯދު، ކޮފީ، ސައިފަތް، ހަކުރު، ކޭކު އަދި ކަދުރު ހިމެނެއެވެ.

މި ޕްރޮގްރާމްގެ މަޤްޞަދަކީ ކޯވިޑް ޙާލަތުގައި މަސައްކަތް ކުރައްވަމުންދާ ސިއްޙީ އެހީތެރިން ކުރައްވަމުންގެންދާ މަސައްކަތްތަކާއި ވަމުންދާ ގުރުބާނީގެ އަގުވަޒަންކުރުން ކަމަށް މައިކޮލެޖުން މަޢުލޫމާތުދެއެވެ.

ކެއަރ ޕެކޭޖްތައް ރަމްޒީގޮތުން ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މައިކޮލެޖްގެ ރެކްޓަރ ލަމްޔާ އަބްދުލް ހާދީއާއި މިއާންޒް ގްރޫޕުގެ ޗެއާމަން އަޙްމަދު މުއްތަކީ ބައިވެރިވެވަޑައިގެންނެވިއެވެ.