ޚަބަރު

ތައިލެންޑުގެ ޢާންމު ރައްޔިތުންނަށް ކޯވިޑް-19ގެ ވެކްސިން ދޭން ފަށައިފި


ދިގު އިންތިޒާރަކަށްފަހު ތައިލެންޑުގެ ޢާންމު ރައްޔިތުންނަށް ކޯވިޑް-19ގެ ވެކްސިން ދޭން ފަށައިފިއެވެ.

ތައިލެންޑުގައި މިހާތަނަށް 179،886 މީހުންނަށް ކޯވިޑް-19 ޖެހި 1،269 މީހުންވަނީ މަރުވެފައެވެ. އަދި އެ ޤައުމުން ދަނީ ކޯވިޑް-19ގެ ނުރައްކާތެރި ތިންވަނަ ރާޅަކާ ހަނގުރާމަކުރަމުންނެވެ.

ތައިލެންޑުގައި ކޯވިޑް-19އާ ދެކޮޅަށް ބޭނުންކުރަނީ ޚާއްޞަ ޙުއްދައެއްގެ ދަށުން އެ ޤައުމުގައި އުފައްދައި އެސްޓުރަޒެނެކާގެ ވެކްސިންނާއި ޗައިނާއިން އެތެރެކޮށްފައިވާ ސީނޯވެކް ވެކްސިނެވެ. ކުރިއަށް އޮތް ތަނުގައި ފައިޒަރ ވެކްސިންވެސް އެ ޤައުމުގައި ބޭނުންކުރުމަށްވަނީ ހަމަޖެހިފައެވެ.

ތައިލެންޑުގެ ބޮޑުވަޒީރު ޕުރަޔުތު ޗަން-އޮޗާ ވިދާޅުވީ އެ ޤައުމުގެ ރައްޔިތުންގެ އިތުރުން އެ ޤައުމުގައި ދިރިއުޅޭ ބިދޭސީންނަށްވެސް ވެކްސިން ލިބޭނެ އިންތިޒާމު ހަމަޖައްސަވާނެކަމަށެވެ. ޖޫން މަހުގެ 7ވަނަ ދުވަހު އެ ޤައުމުގެ ހުރިހާ ޕުރޮވިންސެއްގައި ވެކްސިން ދޭން ފަށާފައިވާކަމަށާއި ޕުރޮވިންސުތަކަށް ވެކްސިން ފޯރުކޮށްދެނީ ބަލިފެތުރިފައިވާ މިންވަރަށް ރިޢާޔަތްކުރުމަށްފަހުކަމަށް އޭނާ ވިދާޅުވިއެވެ.

ތައިލެންޑުންވަނީ މި މަހުގެ ތެރޭގައި ވެކްސިންގެ 6 މިލިޔަން ޑޯޒު ދިނުމަށް އަމާޒުކޮށްފައެވެ. މި އަހަރު ނިމުމުގެ ކުރިން 66 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ތައިލެންޑުގެ 70 އިންސައްތަ މީހުންނަށް ވެކްސިން ދިނުމަށް އެ ޤައުމުން މަސައްކަތް ކުރާނެއެވެ. ކުރީ ސަފުގައި މަސައްކަތްކުރާ މީހުންނާއި ބަލީގެ ނުރައްކާ އެންމެ ބޮޑު މީހުން ހިމެނޭގޮތަށް އެ ޤައުމުގައި މިހާތަނަށް 2.8 މިލިޔަން މީހުންނަށްވަނީ ވެކްސިނުގެ ފުރަތަމަ ޑޯޒު ދީފައެވެ.