ޚަބަރު

ޕާކިސްތާނުގައި 2 ރޭލު ޖެހި 40 މީހުން މަރުވެއްޖެ


ޕާކިސްތާނުގެ ދެކުނުގެ ސަރަޙައްދެއްގައި 2 ރޭލު ޖެހި ހިނގި ޙާދިޘާއެއްގައި ގިނަ ޢަދަދެއްގެ މީހުން މަރުވެއްޖެއެވެ.

ޕާކިސްތާނުގެ ކަރާޗީއާ 440 ކިލޯމީޓަރު ދުރުގައި އޮންނަ އަވަށެއް ކައިރީގައި ހިނގި ހާދިޘާގައި 40އަށްވުރެ ގިނަ މީޙުން މަރުވެ 120އަށްވުރެ ގިނަ މީހުންވަނީ ޒަޚަމުވެފައެވެ. އެ ހާދިޘާ ހިނގީ ޕާކިސްތާނުގެ އުތުރުގެ ސަރަޙައްދަކަށް ދަތުރުކުރަމުންދިޔަ ރޭލެއްގެ 8 ކާރު ރޭލު ދަގަނޑުން ކަހައިލުމުންނެވެ.

ކުއްލި ޙާލަތްތަކުގައި ޙަރަކާތްތެރިވާ ފަރާތްތަކުން ދަނީ އެ ރޭލުތަކުގެ އެތެރޭގައި ތާށިވެފައިވާ މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުންނެވެ. ކެރޭނާއި އެފަދަ އެހެން އަޅަނދުތައް ބޭނުންކޮށްގެން ކުރަމުންދާ އެ މަސައްކަތަށް އެހީތެރިވުމަށް ހެލިކޮޕުޓަރުތަކާއި އެންބިޔުލާންސުތައް އެ ސަރަޙައްދަށްވަނީ ފޮނުވައިފައެވެ. 2 ރޭލު ޖެހުމުގެ ސަބަބުން ރޭލުތަކުގެ ބައިތައް ޗަސްވެ ގިނަ ޢަދަދެއްގެ މީހުން އަދިވެސް އެތެރޭގައި ތާށިވެފައިވާކަމަށް ބެލެވެއެވެ. އެހެންކަމުން މަރުވި މީހުންގެ ޢަދަދު އިތުރުވާނެކަމަށްވެސް ބެލެވެއެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ޢިމުރާން ޚާންވަނީ އެ ހާދިޘާގައި އަނިޔާވި މީހުންނަށް ޞިއްޙީ ފަރުވާދިނުމުގެ ކަންކަން ހަމަޖެއްސުމަށާއި މަރުވި މީހުންގެ ޢާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުގެ ވުޒާރާތަކަށް ޢަމުރުކުރައްވައިފައެވެ. އަދި ހާދިޘާ ހިނގި ގޮތް ތަޙްޤީޤުކުރުމަށްވެސް އިމުރާން ޚާންވަނީ ޢަމުރުކުރައްވައިފައެވެ.

ފާއިތުވި އަހަރުތަކުގައި ޕާކިސްތާނުގެ ޒަމާންވީ ރޭލުގެ ނިޒާމުގެ ސަބަބުން ގިނަ ޢަދަދެއްގެ ނުރައްކާތެރި ހާދިޘާތަކެއް ހިނގާފައިވެއެވެ. އެ ޤައުމުގެ ސަރުކާރުތަކުން އެ ނިޒާމު ޒަމާނީ ފެންވަރަކަށް މަރާމާތުކޮށް ބެލެހެއްޓުމަށް ސަމާލުކަމެއް ދީފައެއް ނުވެއެވެ. 2019ވަނަ އަހަރުގެ ތެރޭގައި ރޭލެއްގެ ތެރޭގައި ގޭސް ފުޅިއެއް ގޮވައި އަލިފާން ރޯވެ 70އަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ.