ޚަބަރު

ކިނޮޅަހުގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ 35 އިންސައްތަ މަސައްކަތް ނިމިއްޖެ


ރ.ކިނޮޅަހުގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތުގެ 35 އިންސައްތަ މަސައްކަތް ނިންމާލައިފިއެވެ.

ކިނޮޅަހުގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުންދާ އެމް.ޑަބްލިޔު.އެސް.ސީން ވިދާޅުވީ އެ މަޝްރޫޢުގެ ފެނުގެ ނިޒާމްގައި ހިމެނޭ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ އިމާރާތުގެ %91 މަސައްކަތް ނިންމާލާފައިވާކަމަށެވެ.

މި މަސައްކަތުގެ ދަށުން ކިނޮޅަހުގައި 6.27 ކިލޯ މީޓަރގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯރކް އެޅުމާއި، ފެން އުފެއްދުމަށްޓަކައި 2 އާރ.އޯ ޕްލާންޓް ބެހެއްޓުމާއި ފެން ރައްކާކުރުމަށްޓަކައި 3 ތާންގީ ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. އަދި 135 ގެއަކަށް ފެނުގެ ކަނެކްޝަން ގުޅައިދީ، ފެންމީޓަރ ބަހައްޓައި، މި ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދެވިގެންދާނެއެވެ.

މިމަޝްރޫޢުގެ ނަރުދަމާ ނިޒާމުގައި ހިމެނޭ 7.45 ކިލޯ މީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯރކްގެ ހޮޅިވަޅުލުމުގެ %72 މަސައްކަތް ވަނީ ނިންމާލާފައެވެ. އަދި ގޭގެއަށް ނަރުދަމާ ކަނެކްޝަން ގުޅައިދިނުމުގެ %77 މަސައްކަތާއި ސީ އައުޓް ވޯލް އެޅުމުގެ %35 މަސައްކަތް، އަދި ޕަންޕިން ސްޓޭޝަންތަކުގެ %16 މަސައްކަތް ވަނީ ނިމިފައެވެ.

އެމް.ޑަބްލިޔު.އެސް.ސީން ވިދާޅުވީ ނަރުދަމާ ނިޒާމު ޤާއިމް ކުރުމުގެ މަސައްކަތުގެ ދަށުން ކިނޮޅަހުގައި 695 މީޓަރގެ ޕަމްޕިން ލައިން އަޅާނެކަމަށެވެ. މިއާއެކު، ފެނާއި ނަރުދަމާ ނިޒާމް ހިންގައި ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރ ސެޓާއި ވެހިކަލް އަދި ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސާމާނު މިމަޝްރޫޢުގެ ދަށުން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިމަޝްރޫޢުގެ އަގަކީ ޖުމްލަ 36,048,032.06 މިލިއަން ދިވެހި ރުފިޔާއެވެ. މިމަޝްރޫޢުގެ މަސައްކަތް ނިމުމުން ކިނޮޅަހުގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާ ނިޒާމެއް ލިބިގެންދާނެކަމަށް އެކުންފުނިން ވިދާޅުވެއެވެ.