ވިޔަފާރި

ބީއެމްއެލް އިސްލާމިކް ޕަރސަނަލް ފައިނޭންސިންގއަށް ހެޔޮ ބަދަލުތަކެއް!


ލުއި އެކްސްޕްރެސް ލޯނު ނަގާފައިވާ ފަރާތްތަކަށްވެސް ބީއެމްއެލް އިސްލާމިކް ޕަރސަނަލް ފައިނޭންސިންގއަށް އެދި ހުށަހެޅޭގޮތަށް ބަދަލު ގެނެސްފިއެވެ.

ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލްއިން ބުނީ މި ބަދަލުގެނެސްފައި ވަނީ ފައިނޭންސިންގ ހޯދުމުގައި ކަސްޓަމަރުންނަށް ލުއިފަސޭހަކަން ހޯދައިދިނުމުގެ ގޮތުންކަމަށެވެ. މިގެނައި ބަދަލާއެކު، ކަސްޓަމަރުންނަށް މުސާރައިގެ 5 ގުނަ އާ ހަމަޔަށް ފައިނޭންސިންގއަށް އެދި ހުށަހަޅެމުގު ފުރުސަތު ލިބިގެންދާނެއެވެ. އަދި ފައިނޭންސިންގއަށް އެދި ހުށަހަޅާ ތާރީހުން ފެށިގެން 7 ދުވަސް ތެރޭގައި ކަސްޓަމަރަށް މުދާ ލިބޭނެއެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ ބޭންކުން ކަސްޓަމަރުންގެ ބޭނުންތައް ފުރިހަމަކުރުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންދާކަމަށެވެ. އަދި ބޭންކް އޮފް މޯލްޑިވްސްގެ ކަސްޓަމަރުންގެ ބޭނުންތައް ފުއްދުމަށް މިހާރު ރީޓެއިލް އަދި އިސްލާމިކް ފައިނޭންސިންގެ ބޭނުންކުރުމުގެ ފުރުސަތު ފަހިވެގެން ގޮސްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

އޮންލައިންކޮށް ބީއެމްއެލް އިސްލާމިކް ޕަރސަނަލް ފައިނޭންސިންގ އަށް އެދި ހުށަހެޅޭނެއެވެ. މިގޮތުން އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ނުވަތަ ބޭންކުގައި ރަޖިސްޓްރީ ކޮށްފައިވާ އީމެއިލްއަކުން ބީއެމްއެލްގެ މެއިލް [email protected] އަށް ލޯނަށް އެދި ހުށަހެޅޭނެއެވެ.

ބީއެމްއެލް އިސްލާމިކް ޕަރސަނަލް ފައިނޭންސިންގ މެދުވެރިކޮށް ގޭތެރެއަށް ބޭނުންވާ އެކި ސާމާނު ގަނެވޭނެއެވެ. އަދި މަހުން މަހަށް އިންސްޓޯލްމަންޓަށް ބަހާލައިގެންވެސް ފައިސާ ދެއްކޭނެއެވެ. މި ފައިނޭންސިންގގައި ކަސްޓަމަރުންނަށް 20 ހާސް ރުފިޔާއިން ފެށިގެން 3 ލައްކަ ރުފިޔާއާއި ހަމައަށް ލޯނު ނެގޭނެއެވެ. އަދި ލޯނު އަނބުރާ ދެއްކުމަށް 5 އަހަރު ދުވަހުގެ މުއްދަތެއް ލިބޭނެއެވެ.