ކުޅިވަރު

ޤައުމީ ޓީމުގެ ސްކޮޑުން ޖާގައެއް ހޯދުން އެއީ ކުރި އުންމީދެއް: ހައިޝަމް


މި ސީޒަންގައި ލީގުގައި ދެއްކުނު ކުޅުމަށް ބަލާއިރު ޤައުމީ ސްކޮޑުން ޖާގަ ލިބޭނެކަމަށް ކުރިންވެސް އުއްމީދު ކުރިކަމަށް ޤައުމީ ސްކޮޑުގައި އަލަށް ހިމެނުނު ފޯވާޑް އަލީ ހައިޝަމް ބުނެފިއެވެ.

ޤައުމީ ސްކޮޑުން މިފަހަރު މުޅިން އަލަށް ޖާގަ ހޯދި ކުޅުންތެރިންގެ ތެރޭގައި ޢަލީ ހައިޝަމް ހިމެނެއެވެ. އޭނާވަނީ މި ސީޒަންގައި ލީގުގައި ރަނގަޅު ކުޅުމެއް ދައްކައިފައެވެ.

ޤައުމީ ޓީމުން ލިބުނު ފުރުސަތާއި ގުޅޭގޮތުން ހައިޝަމް ބުނީ މިއީ އަބަދުވެސް ބޭނުންވެފައި ހުރި ފުރުސަތެއްކަމަށާއި، މިފަހަރު ލީގުގައި ދެއްކުނު ކުޅުމާއެކު ވަރަށް ބޮޑަށް ޓީމުން ޖާގަ ލިބޭނެކަމަށް އުއްމީދުކުރިކަމަށެވެ. ހައިޝަމް ބުނީ ޤައުމީ ޓީމުގެ މާހައުލާއި ފަރިތަކުރުންތައް ހުރިހާ ގޮތަކުންވެސް ތަފާތުކަމަށާއި، މިއީ ވަރަށް ތަފާތު ތަޖުރިބާއެއްކަމަށެވެ. އޭނާ ބުނީ ކޮންމެ ކުޅުންތެރިއަކުވެސް މިކަހަލަ ފުރުސަތުތަކުގެ ބޭނުން ރަނގަޅު ގޮތުގައި ހިފަން ޖެހޭނެކަމަށާއި، ޤައުމީ ޓީމަށް ހޮވުމާއި ހަމައިން ހުއްޓާލަން ނުވާނެކަމަށެވެ. އަދި މިއީ އިތުރު ހިތްވަރެއްލާފައި މަގާމު ދަމަހައްޓަން މަސައްކަތްކުރަންވީ ވަގުތުކަމަށް އޭނާ ބުންޏެވެ.

"އަސްލު ކޮންމެ ކުޅުންތެރިއަކަށްވެސް މިހާރު އިތުބާރު އިންނާނެ ކަންނޭނގެ ކުލަބުގައި ރަނގަޅަށް ކުޅެފިއްޔާ ހަމަ ނެޝަނަލް ޓީމަށް އަރާނެކަން. އެއީ ކޯޗު މި ނަގާފައިން ސްކޮޑަށް ބަލާއިރު އެކަން ވަރަށް ބޮޑަށް އެނގިގެންދޭ" ޢަލީ ހައިޝަމް ބުންޏެވެ.