ޚަބަރު

ނ.ހެނބަދޫ ފެނުގެ ނިޒާމް ޤާއިމްކުރުމުގެ އަމަލީ މަސައްކަތް ފަށައިފި


ނ.ހެނބަދޫ ފެނުގެ ނިޒާމް ޤާއިމްކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނަ އެމްޑަބްލިޔުއެސްސީން ވިދާޅުވީ އެ މަސައްކަތުގެ ދަށުން މިހާރު ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ އިމާރާތުގެ މަސައްކަތްތަކާއި ފެނުގެ މައި ނެޓްވޯކުގެ ހޮޅި ވަޅުލުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.

މި މަޝްރޫޢުގެ ދަށުން ހެނބަދޫގައި 83.4 ކިލޯ މީޓަރގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯރކް ޤާއިމް ކުރުމާއި އާރް.އޯ ފެސިލިޓީބިލްޑިންގ އިމާރާތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ފެން އުފެއްދުމަށްޓަކައި 2 އާރް.އޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި 3 ތާންގި ބެހެއްޓުން ހިމެނެއެވެ. މީގެ އިތުރުން، ގޭގޭގައި ފެންމީޓަރ ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، މި ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދެވިގެންދާނެކަމަށް އެ ކުންފުނިން ވިދާޅުވެއެވެ. މިއާއިއެކު، ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސަމާނު މިމަޝްރޫޢުގެ ދަށުން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ހެނބަދޫ ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަޝްރޫޢުއަށް ޖުމުލަ 41 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުވެއެވެ. މި މަޝްރޫއުގެ މަސައްކަތް އެއް އަހަރާއި 3 މަސްދުވަހުގެ ތެރޭ ނިންމަންޖެހެއެވެ.

މިމަޝްރޫޢުގެ މަސައްކަތް ނިމުމުން ހެނބަދޫ ރައްޔިތުންނަށް ރައްކާތެރި ސާފު ބޯފެނުގެ ނިޒާމެއް ލިބިގެންދާނެކަމަށް އެމްޑަބްލިޔުއެސްސީން ވިދާޅުވެއެވެ.