ޕްރޮސެކިއުޓަރ ޖެނަރަލްގެ މަޤާމަށް އައްޔަންކުރަން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވެވި އައިޝަތު ބިސާމްއަށް ރުހުން ދިނުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށްފިއެވެ.
ބިސާމް އަށް ރުހުން ދޭން ފާސްކުރީ، މިއަދު ބޭއްވި އެކޮމިޓީގެ ބައްދަލުވުމުގައެވެ. ކޮމިޓީން ބިސާމްއަށް ރުހުން ދިނުމަށްފަހު ދެން އޮންނާނީ މަޖިލީހުގެ ތަޅުމުން ބިސާމްއަށް ރުހުން ދިނުމުގެ މަރުހަލާއެވެ.
ޕްރޮސެކިއުޓަރ ޖެނަރަލްގެ މަޤާމަށް އައްޔަންކުރެއްވުމަށް ބިސާމްގެ ނަންފުޅު ރައީސް މަޖިލީހަށް ފޮނުއްވެވީ، އެމަޤާމުގައި ކުރިން ހުންނެވި މުހްތާޒް މުހްސިން ޕީޖީގެ މަޤާމުން މިމަހުގެ ދިހަވަނަދުވަހު ވަކިކުރެއްވުމާއި ގުޅިގެނެވެ.
ޕީޖީގެ މަޤާމަށް އައްޔަންކުރަން ފޮނުއްވާފައިވާ ބިސާމް އަކީ ރައީސް ޑރ މުހައްމަދު ވަހީދްގެ ވެރިކަމުގައި ބަންޑާރަ ނައިބްކަންވެސް ކުރައްވާފައިވާ ބޭކަނބަލެކެވެ. އައިޝަތު ބިސާމް މިވަގުތު ހުންނެވީ ރައީސް އޮފީހުގެ ލީގަލް އެފެއަރޒް ސެކްރެޓަރީގެ މަގާމްގައެވެ.