ވިޔަފާރި

ފުވައްމުލައް ސިޓީގައި ބިދޭސީންލައްވައި މަސައްކަތްކުރުން ވަގުތީގޮތުން ހުއްޓާލައިފި


ފުވައްމުލައް ސިޓީގައި ގިނަ އަދަދެއްގެ ބިދޭސީން ކޯވިޑަށް ޕޮޒިޓިވްވާތީ ބިދޭސީން ލައްވައި މަސައްކަތް ކުރުވުން ވަގުތީގޮތުން ހުއްޓާލުމަށް ސިޓީ ކައުންސިލުން އަންގައިފިއެވެ.

ފުވައްމުލައް ސިޓީ ކައުންސިލުން ބިދޭސީން ލައްވައި މަސައްކަތް ކުރުވުން ވަގުތީގޮތުން ހުއްޓާލަން އެންގި ނަމަވެސް ބައެއް ޚިދުމަތްތައް ދިނުމުގައި ކައުންސިލްގެ ހުއްދަ ހޯދައިގެން ބިދޭސީން ލައްވައި މަސައްކަތް ކުރެވިދާނެކަމަށް ވަނީ ބުނެފައެވެ. އެއީ ފިހާރަތަކާއި، ރެސްޓޯރަންޓްތަކުގެ ޑެލިވަރީގެ ޚިދުމަތްދިނުމާއި ރެސްޓޯރަންޓްތަކުގައި ކެއްކުމަށް ބިދޭސީ ޝެފުން ގެންގުޅުމަށެވެ.

ފުވައްމުލައް ސިޓީގައި ބިދޭސީން ލައްވައި މަސައްކަތް ކުރުވުން މެދުކަނޑާލުމަށް އަންގާފައިވަނީ މިއަދުން ފެށިގެން މިމަހުގެ 14 ވަނަ ދުވަހާއި ހަމައަށެވެ. ފުވައްމުލައް ސިޓީ ކައުންސިލުން ވިދާޅުވީ، އެ ސިޓީން ކޯވިޑަށް ޕޮޒިޓިވްވާ ގިނަ މީހުންނަކީ ބިދޭސީންކަމަށެވެ. އެހެންކަމުން މި ފިޔަވަޅަކީ އެ ސިޓީގައި ކޯވިޑް ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅެއްކަމަށެވެ.

ފުވައްމުލައް ސިޓީ ކައުންސިލުން ވިދާޅުވީ ހުއްދަ ހޯދައިގެން ބިދޭސީން ލައްވައި މަސައްކަތް ކުރުމަށް ހުއްދަ ދެވިފައިވާ ކަންކަން ފިޔަވައި އެހެން ޚިދުމަތެއް ދިނުމުގައި ބިދޭސީން ބޭނުންކުރާނަމަ ފިޔަވަޅު އަޅާނެކަމަށެވެ.

ފުވައްމުލައް ސިޓީގައި 1300 އަށްވުރެ ގިނަ ބިދޭސީން އަންނަނީ މަސައްކަތް ކުރަމުންނެވެ. މީގެތެރެއިން ގިނަ މީހުން މަސައްކަތް ކުރަނީ އިމާރާތްކުރުމުގެ ދާއިރާގައެވެ. ފުވައްފުމައް ސިޓީގައި މިހާތަނަށް 500 އަށްވުރެ ގިނަ މީހުން ވަނީ ކޯވިޑް19 އަށް ޕޮޒިޓިވްވެފައެވެ. މޭމަހުގެ 6 ވަނަ ދުވަހުން ފެށިގެން ފުވައްމުލަކު ސިޓީ ވަނީ މޮނިޓަރިންއަށްވެސް ލާފައެވެ.