ޚަބަރު

ޢާންމު މަޖިލީހުގެ ރިޔާސަތުގެ އިންތިޚާބު މިރޭ; ރާއްޖެއަށް ހާއްސަ ވަގުތުކޮޅެއް


އދ.ގެ 76 ވަނަ ޢާންމު މަޖިލީހުގެ ރިޔާސަތަށް ވަޑައިގަންނަވާނެ ބޭފުޅެއް ކަނޑައެޅުމަށްޓަކައި، ބާއްވާ އިންތިޚާބު މިރޭ އޮންނާނެއެވެ.

މި އިންތިޚާބު އޮންނާނީ ރާއްޖެ ގަޑިން މިރޭ 7:00 ޖަހާއިރު އެމެރިކާގެ ނިއުޔޯކުގައި ހުންނަ އދގެ މައި މަރުކަޒުގައެވެ.

އދ.ގެ އާންމު މަޖިލީހުގެ ރިޔާސަތު ކަނޑައެޅުމަށް ބާއްވާ އިންތިޚާބު ރާއްޖެއަށް ޚާއްސަ ވެގެންދަނީ މިއިންތިޚާބުގައި ރާއްޖޭގެ ފަރާތުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވާދަކުރައްވާތީއެވެ. މި އިންތިޚާބުގައި އާއްމު މަޖިލީހުގެ ރިޔާސަތަށް ވާދަކުރައްވަނީ މިނިސްޓަރ ޝަހިދުއާއި އަފްޢާނިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރ ޑރ. ޒަލްމާއި ރަސޫލްއެވެ.

މިހާތަނަށް ކުރެވިދިޔަ މަސައްކަތްތަކަށް ބަލާއިރު، އިންތިޚާބު ކަމިޔާބު ކުރެއްވޭނެކަމުގެ ވަރަށްބޮޑު އުންމީދެއް އެބައޮތްކަމަށް މިނިސްޓަރ ޝާހިދު ވަނީ ވިދާޅުވެފައެވެ. އެގޮތުން ޝާހިދުއަށް ތާއީދުކުރައްވާނެކަން ގިނަ ޤައުމުތަކަކުން ވަނީ ހާމަކޮށްފައެވެ.

އދގެ އާންމު މަޖިލިސް ނުވަތަ ޖެނެރަލް އެސެމްބްލީގެ ރިޔާސަތަކީ އެ ޖަމްއިއްޔާގެ އެންމެ އިސް އެއް މަގާމެވެ.

ކޮންމެ އަހަރަކުވެސް އާންމު މަޖިލީހުގެ ރިޔާސަތަށް އިންތިޚާބުކުރާނީ ޖިއޮގްރަފިކް ފަސް ސަރަހައްދުގެ ތެރެއިން ކޮންމެވެސް އެއް ސަރަހައްދަކުންނެވެ އެއީ އެފްރިކާ، އޭޝިއާ-ޕެސެފިކް، އީސްޓާން ޔޫރަޕިއަން، ލެޓިން އެމެރިކާ އެންޑް ކެރިބިއަންގެ އިތުރުން ވެސްޓާން ޔޫރަޕިއަން ސަރަހައްދެވެ. މިއީ އެއް އަހަރު ދުވަހުގެ ދައުރެކެވެ.

މިހާރު ހިނގަމުންދާ 75 ވަނަ އދ.ގެ ޢާންމު މަޖިލީހުގެ ރިޔާސަތު ބަލަހައްޓަމުންދަނީ ވެސްޓާން ޔޫރަޕިއަން ސަރަހައްދުގެ ޤައުމުތަކުގެ ތެރެއިން ތުރުކީވިލާތުގެ ބޭފުޅެކެވެ. އަދި 76 ވަނަ ދައުރުގެ ރިޔާސަތު ބެލެހެއްޓުމުގެ ފުރުސަތު ލިބިގެންދާނީ އޭޝިއާ ޕެސިފިކް ސަރަހައްދުގެ ޤައުމުތަކުގެ ތެރެއިން ޤައުމަކަށެވެ. މިނިސްޓަރ ޝާހިދު ވާދަކުރައްވަނީ މިސަރަހައްދަށެވެ. އދ. ގެ 76 ވަނަ އާންމު މަޖިލިސް ފަށަން ތާވަލްކޮށްފައިވަނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހު ބޭއްވުމަށެވެ.