ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓް ކުރުމަށް ގޮވާލަމުންދާ ބައެއް ފަރާތްތަކުން އެކަން ކުރަމުންދަނީ، ރާއްޖެއާ ވާދަވެރި އެހެން މަންޒިލްތަކުގެ މީހުން ފައިސާ ދިނުމުން އެފައިސާގެ ދަހިވެތިކަމުގައި ކަމަށް ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ތުހުމަތުކުރައްވައިފިއެވެ. ޕީ.އެސް.އެމުން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ، މިހިނގާ 2015 ވަނަ އަހަރު ފެށުނީއްސުރެ ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓް ކުރުމަށް ދިވެހީންގެ ތެރެއިން ބައެއް މީހުން ގޮވަމުން ދިޔަ ކަމަށާއި، ރާއްޖޭގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކުރެއްވި ދަނޑިވަޅު، އެކަމުގެ ސަބަބުން ގެއްލުންވާނެކަމަށް ހަމަ އެފަރާތްތަކުން ބުނަމުން ދިޔަ ކަމަށެވެ. އޭގެ ފަހުން މަސައްކަތް ކުރައްވަމުންގެންދެވީ، އިތުރަށް ޓީމުތަށް ނެރެގެން ފަތުރުވެރިކަން ބޯއިކޮޓް ކުރުމަށް ގޮވަމުންދިޔަ މީހުންގެ ކިބައިން ރާއްޖޭގެ ފަތުރުވެރިކަމުގެ އިންޑަސްޓްރީ ސަލާމަތް ކުރުމުގެ މަސައްކަތް ކުރައްވަމުން ކަމަށެވެ.މިނިސްޓަރ ވިދާޅުވީ، އަންނަ އަހަރަށް ކަނޑައަޅުއްވާ އާ މާކެޓިންގ ޕްލޭންގެ ދަށުން ފަތުރުވެރިކަން ބޯއިކޮޓް ކުރަން ގޮވާލާ ފަރާތްތަކަށާއި ރާއްޖެއާއި ވާދަކުރާ މަންޒިލްތަކަށް އެޑްރެސް ކުރައްވާނެކަމަށެވެ.ޓޫރިޒަމް ބޮއިކޮޓް ކުރުމަށް ބާރުދޭ ފަރާތްތަކުގެ ތަފްޞީލް ނުދެއްވި ނަމަވެސް މިނިސްޓަރ ވަނީ ފަތުރުވެރިން ގިނައިން އަންނަ ބައެއް ރަށްރަށަށް ސީދާ ޓާގެޓްކޮށްގެން މީހުން ނައުމަށް ގޮވާލަމުންދާ ކަމަށް ތުހުމަތުކުރައްވާފައެވެ. ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ފަރަންސޭސިވިލާތް ފަދަ ޤައުމުތަކުގައިވެސް އެކަންކޮށްފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެކަމުން އަރައިގަތުމަށްޓަކައި ދިވެހި ޕީ.އާރު ފާމްތަކުން ޕެރިހުގައިވެސް މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވަމުން މިނިސްޓަރ މޫސާ ރަމީޒް ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓް ކުރުމަށް ގޮވާލާ މީހުންނަށް އެފުރުޞަތު ނުދެއްވައި، އެފަދަ ފަރާތްތަކުގެ ކިބައިން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތު ސަލާމަތް ކުރައްވާނެކަމަށެވެ. ޓޫރިޒަމް މިނިސްޓަރ ވިދާޅުވީ ދުނިޔޭގެ އެކި ހިސާބުތަކުގައި ހިނގާ ބައެއް ކަހަލަ ޙާދިސާތަކުގެ ސަބަބުން ފަތުރުވެރިކަމަށް ނޭދެވޭ އަސަރު ކުރަމުންދާކަމަށެވެ. އެގޮތުން ފަރަންސީސިވިލާތުގައި ދެވުނު ޓެރަރިޒަމް ޙަމަލާއާއި، މިޞުރުގެ ޝަރުމުއްޝައިޚުން ފުރައިގެންދިޔަ ފްލައިޓް ގޮއްވާލުމާ ގުޅިގެން ޔޫރަޕްގެ ގިނަ ޤައުމުތަކަށް ނުތަނަވަސްކަން ވެރިވެފައިވާކަމަށެވެ. އެހެންކަމުން މިދުވަސްވަރު ކޮންމެވެސްވަރަކަށް އެކަމުގެ އަސަރު ކުރިނަމަވެސް ވިޒިޓް މޯލްޑިވްސް އިޔާއަށް މިހާރު ކުރެވެމުންދާ މަސައްކަތަށް ބަލާއިރު، ކުރިއަށް އޮތްތާނގައި ބުކިންގސް ރަނގަޅުވާނެކަމަށެވެ.2016 ވަނަ އަހަރަށް ލަފާކުރައްވާ ދައުލަތުގެ ބަޖެޓުގައި ރާއްޖޭގެ އިޤްތިޞާދު ހަރުދަނާކުރެއްވުމަށްޓަކައި ފަތުރުވެރިކަން ކުރިއެރުވުމަށް ސަރުކާރުންވަނީ މުހިންމު ގިނަ ޕްރޮގްރާމްތަކެއް ހިމަނުއްވާފައެވެ.