ޚަބަރު

މިޝްކާގެ މަރު: ކޮމެޓީއަށް ހެލްތާއި އެޗްއާރުސީއެމް ހާޒިރުކުރަނީ


ފަރުވާދިނުން ލަސްވެގެން ކޯވިޑް ބަލީގައި ނިޔާވި އުމުރު 10 އަހަރުގެ ފާތުމަތު މިޝްކާ މުހައްމަދު މަރުގެ މައްސަލާގައި މަޖިލީހުގެ ކޮމެޓީއަށް ހެލްތް މިނިސްޓްރީ ހާޒިރުކުރުމަށް ނިންމައިފިއެވެ. މިޝްކާގެ މަރުގެ މައްސަލާގައި ވެފައިވާ އިހްމާލުތައް ބަލަމުން އަންނަނީ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީންނެވެ.

ރައްޔިތުން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމެޓީން ވަނީ މިޝްކާގެ މަރާއި ގުޅޭ މައުލޫމާތުތައް ހޯދަން މުއައްސަސާތަކަށް ހުށައަޅާފައެވެ. މިޝްކާގެ މަރާއި ގުޅިގެން ކޮމެޓީއަށް ހެލްތް މިނިސްޓްރީގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް ( އެޗްއާރުސީއެމް ) ވެސް މާދަމާ ހާޒިރުކުރަން ވަނީ ނިންމާފައެވެ. ކޮމެޓީގެ ބައްދަލަވުން އޮންނާނީ މެންދުރު 14:00 ގައެވެ.

މިޝްކާގެ މަރާއި ގުޅިގެން ހެލްތް މިނިސްޓްރީންވެސް ވަނީ ރިވިއުއެއް ހަދާފައެވެ. ހެލްތް މިނިސްޓްރީގެ ރިޕޯޓްގައިވަނީ މިޝްކާގެ ހާލު ގޯސްވެގެން އާއިލާއިން ތަކްރާރުކޮށް ގުޅުމުން އެމްބިއުލާންސް ފޮނުވިކަމަށް ކޯލް ސެންޓަރުން ބުނިނަމަވެސް އެމްބިއުލާންސް އެކްޓިވޭޓްކޮށްފައި ނުވާކަން އެނގޭކަމަށެވެ. އަދި އެމްބިއުލާންސް ފޮނުވީ އެކަން ލަސްވެގެން އާއިލާ މީހަކު ދަރުބާރުގެއަށް ދިޔަ ފަހުންކަމަށާއި އެމްބިއުލަންސް އެކްޓިވޭޓްނުކުރެވި 2 ގަޑިއިރާއި 26 މިނެޓް ހޭދަވެފައިވާކަމަށް އެ ރިވިއުގައި ވަނީ ބަޔާންކޮށްފައެވެ.

މީގެއިތުރުން މިޝްކާގެ މި ކޭސްގައި ފަރުވާ ދިނުމުގައި އެމަޖެންސީ ހާލަތެއްގެ ގޮތުގައި ބެލިފައި ނުވާކަމަށާއި އެފަދަ ހާލަތެއްގައި އަމަލުކުރަން ކަނޑައަޅާފައިވާ އުސޫލާއި އެއްގޮތަށް އަމަލުކޮށްފައި ނުވާކަންވެސް ރިޕޯޓްގައިވަނީ ފާހަގަކޮށްފައެވެ.

މިޝްކާގެ މަރާއި ގުޅިގެން މިފަދަ ހިތާމަވެރި ކަމެއް އިތުރަށް ތަކުރާރު ވިޔަ ނުދިނުމަށް ބައެއް ބަދަލުތައް ވަގުތުން ވަގުތައް ގެނެސްފައިވާކަންވެސް ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ. މިގޮތުން އެޗްއީއޯސީގެ މެޑިކަލް ރެސްޕޮންސް ޓީމުން މަސައްކަތް ކުރާގޮތް ބަދަލުކޮށް އިމަޖެންސީ ކޯލްތައް ކެޓަގަރައިޒްކޮށް އެ ކޯލްތަކާއި ގުޅިގެން އަމަލުކުރާ ގޮތް ބެލޭނެ އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ. މީގެއިތުރުން އެމަޖެންސީ ކޭސްތަކުގެ މައުލޫމާތު ޑޯކްޓަރުންނަށް ވަގުތުން ލިބި ޑޮކްޓަރުން އެކަންކަމަށް އެޓެންޑްވޭތޯ ބަލާނެ އިންތިޒާމުތައްވެސް ޤާއިމުކުރާނެކަން ހެލްތް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ކޯވިޑް ބަލީގެ މީހުން ޑޮކްޓަރަށް ދައްކާ އައުޓް ޕޭޝަންޓް ބޭސިސްގައި ފަރުވާ ލިބޭނެ އިންތިޒާމުތައް މާލެ ސަރަހައްދުގައި ހަމަޖައްސާ އެތަންތަނުން 24 ގަޑިއިރު ހިދުމަތް ލިބޭނެ އިންތިޒާމު މިހާރު ފަށާފައިވާކަމަށްވެސް ރިޕޯޓްގައިވެއެވެ. އަދި އިމަޖެންސީ ހާލަތުގައި އެމްބިއުލާންސަށް އެދެފިނަމަ އެ ބޭނުންވާ ހިދުމަތް ދިނުމަށް އެމްބިއުލާންސް ފޮނުވަންޖެހޭ އިންތިޒާމުތައް ހަމަޖައްސާ އިމަޖެންސީ މެޑިކަލް ސާރވިސް ވަކި ހިދުމަތެއްގެ ގޮތުގައި ހަމަޖައްސާ އެކަމަށް ވަކި ނަމްބަރެއް ކަނޑައަޅާ އެކަން ތައާރަފު ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށްވެސް ހެލެތް މިނިސްޓްރީގެ ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.

އިމާދުއްދީން ސްކޫލްގެ ޖުވެލް ސެންޓަރުގެ ގްރޭޑް 7ގައި ތައުލީމް ހާސިލްކުރަމުންދިޔަ ހުނަރުވެރި ދަރިވަރު ފާތިމަތު މިޝްކާ މުހައްމަދަކީ މިބަލީގައި ރާއްޖެއިން ނިޔާވި ފުރަތަމަ ކުޑަކުއްޖާއެވެ. 2018 ވަނަ އަހަރު ޢިމާދުއްދީން ސްކޫލާއި ގުޅުނު މިޝްކާއަކީ ކިޔެވުމުގެ އިތުރުން ސްކޫލުގައި ބާއްވާ ހުރިހާ އިތުރު ހަރަކާތެއްގައި ބައިވެރިވެ އެކި ވަނަ ހޯދާ ހުނަރުވެރި ދަރިވަރެކެވެ. ޚާއްސަ ދުވަސްތައް ފާހަގަކުރުމަށް ސްކޫލުގައިތަކުގައި މަދަހައާއި ޅެން ހުށައެޅުމުގެ އިތުރުން، ގުރުޢާން މުބާރާތާއި މަދަޙަ މުބާރާތުންވެސް މިޝްކާ ވަނީ ފަޚުރުވެރި ވަނަތަކެއް ޙާސިލްކޮށްފައެވެ. އެގޮތުން އެންމެ ފަހުން ޢިމާދުއްދީން ސްކޫލްގައި އޮންލައިންކޮށް ބޭއްވި، "ސްޓޯރީ ޓެލިން" އަދި "ކްރިއޭޓިވް ރައިޓިންގ" އިންވެސް އެންމެ މޮޅު 5 ދަރިވަރުންގެ ތެރޭގައި މިޝްކާ ވަނީ ހިމެނިފައެވެ.