ޚަބަރު

އީރާނުގެ ރިޔާސީ ބަހުސްގައި ވަރުގަދަ ބަހުގެ ޙަމަލާތަކެއް


އީރާނުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ މެދުގައި ބޭއްވި ފުރަތަމަ ރިޔާސީ ބަހުސްގައި ވަރުގަދަ ބަހުގެ ޙަމަލާތަކެއް ބަދަލުކޮށްފިއެވެ.

އިރާނުގެ ރިޔާސީ އިންތިޚާބުގައި ވާއްދަކުރައްވަނީ 7 ބޭފުޅުންނެވެ. ޖޫން މަހުގެ 5ވަނަ ދުވަހު ބޭއްވި ބަހުސްގައި އިންތިޚާބުގައި ވާދަކުރައްވައި އެންމެ މަޤްބޫލު 5 ކެންޑިޑޭޓުންވަނީ އެ ޤައުމުގެ މިހާރުގެ ރައީސް ޙަސަން ރޫޙާނީގެ މަސައްކަތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އިންތިޚާބުގައި ވާދަކުރައްވައި އެ ޤައުމުގެ މަރުކަޒީ ބޭންކުގެ ކުރީގެ އިސްވެރިޔާ ޢަބްދުއްނާޞިރު ހިންމަތީ ވިދާޅުވީ އީރާނާއި ހުޅަނގުގެ ޤައުމުތަކާ ދެމެދު އޮންނަ ގުޅުން ގޯސްވެފައިވަނީ ސަރުކާރުގެ ސިޔާސަތުތަކާ އިދިކޮޅު ފަރާތްތަކުގެ ސަބަބުންކަމަށާއި އޭއާއެކު އީރާނަށް ކުރިމަތިވެފައިވާ އިޤްތިޞާދީ މައްސަލަތައް އިތުރުވެފައިވާކަމަށެވެ.

އީރާނުގެ އިންޤިލާބީ ފައުޖުގެ ކުރީގެ އިސްވެރިޔާ މުޙްސިން ރިޒާއީވަނީ އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ހިންމަތީ ފުރިހަމައަށް ޢަމަލުކުރައްވާފައިވާކަމަށް ވިދާޅުވެފައެވެ. އަދި އެއީ ޤައުމަށް ޚިޔާނާތްތެރިވުމުގެ ދަޢުވާ އުފުލޭނެފަދަ ޢަމަލެއްކަމަށް އޭނާ ވިދާޅުވިއެވެ. އަދި އޭނާގެ ވެރިކަމެއްގައި ހިންމަތީއާއި ރޫޙާނީގެ ސަރުކާރުގެ އިސް ފަރާތްތަކަށް ޤައުމުން ބޭރަށް ނުދެވޭނެ ގޮތް ހައްދަވާނެކަމަށް ރިޒާއީ ވިދާޅުވިއެވެ. އަދި އެމީހުންނަކީ ޤައުމަށް ޚިޔާނާތްތެރިވެފައިވާ ބައެއްކަން ކޯޓުގައި ސާބިތުކޮށްދޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިންތިޚާބުގައި ވާދަކުރައްވައި އީރާނުގެ އުއްތަމަފަނޑިޔާރު އިބްރާހީމު ރައީސީއަށްވެސްވަނީ ބަހުގެ ޙަމަލާތަކެއް އަމާޒުވެފައެވެ. ވެރިކަމަށް ވާދަކުރައްވައި ކެންޑިޑޭޓެއްކަމަށްވާ މުޙްސިން މަހްރުޢަލީޒާދާ ވިދާޅުވީ އިދާރީ އަދި ދީނީ ދާއިރާއިން ކިޔަވައި ވިދާޅުވެފައި ތިއްބަވާ ބޭފުޅުންނަށް ޤައުމުގެ އިޤްތިޞާދު ނުހިންގޭނެކަމަށެވެ. އަދި ޤައުމަށް ކުރިއެރުން ގެނައުމަށް ރާވަންޖެހޭ ކަންކަން ރޭވުމުގެ ޤާބިލުކަން އެ ބޭފުޅުންގެ ކިބައިގައި ނުހުންނާނެކަމަށެވެ.

ބަހުސްގައި ވާހަކަދައްކަވަމުން ރައީސީވަނީ ރޫޙާނީގެ ވެރިކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އީރާނުގައި ތަކެތީގެ އަގު އުފުލި ފައިސާގެ އަގު ވެއްޓުނީ ސަރުކާރުގެ ސަބަބުންކަމަށް އޭނާ ވިދާޅުވިއެވެ. އެ މައްސަލަތައް ޤައުމަށް ދިމާވީ އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޖޫން 18ވަނަ ދުވަހު އީރާނުގެ ރިޔާސީ އިންތިޚާބު ބޭއްވުމުގެ ކުރިން އިތުރު 2 ރިޔާސީ ބަހުސް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.