ޔޫރަޕިއަން އަންޑަރ ޓުވެންޓީވަން ޗެމްޕިއަންޝިޕްގެ ފައިނަލަށް ޕޯޗުގަލް އާއި ޖަރުމަނުވިލާތް ފުރިހަމައަށް ތައްޔާރުވެފައިވާކަމުގައި މިދެޓިމުން ހާމަކޮށްފިއެވެ.
ޕޯޗުގަލް ޓީމްގެ ކޯޗު ރުއި ޖޯޖް ހާމަކުރިގޮތުގައި 21 އަހަރުން ދަށުގެ ޔޫރަޕިއަން ތަށި ޕޯޗުގަލްއިން އުފުލާލަން ބޭނުންވާކަމުގައިވާނަމަ ފައިނަލް މެޗްގައި ޖަރުމަނުވިލާތުގެ ޓީމާއި ދެކޮޅަށް ވަރަށް މޮޅަށް ކުޅެން ޖެހޭ ކަމަށެވެ. އޭނާ ހާމަކުރިގޮތުގައި ޖަރުމަނު ޓީމަކީ ވަރަށް ވަރުގަދަ ޓީމެއް ކަމަށާއި އަދި އެއީ ބަލިކުރަން ފަސޭހަ ވާނެ ޓީމެއް ނޫން ކަމަށެވެ. ނަމަވެސް އޭނާގެ ހުރިހާ ކުޅުންތެރިން މިހާތަނަށް މެޗްތަކުގައި ދެއްކި ހިތްވަރުގަދަ މޮޅު ކުޅުން ދައްކައިފިނަމަ އެކަން ކުރެވިދާނެކަމަށްވެސް އޭނާ ހާމަކުރިއެވެ. މިފަހަރުގެ ފައިނަލުން ޕޯޗުގަލް ޖާގަހޯދީ ގްރޫޕް ޑީގެ އެއްވަނަ ޓީމްގެ ގޮތުގައި ކްއާޓަރ ފައިނަލުގައި އިޓަލީވިލާތް ބަލިކޮށް އަދި ސެމީފައިނަލްގައި އެންމެފަހުގެ ޗެމްޕިއަން ސްޕެއިން ބަލިކުރުމަށްފަހުއެވެ. ޕޯޗުގަލް ޓީމްގެ މެދުތެރެއަށް ކުޅޭ ވިޓީނިއާ ހާމަކުރިގޮތުގައި މިވަގުތު ޓީމްގެ ތެރޭގައި އިތުބާރު ވަރަށް ބޮޑަށް އެބައޮތް ކަމަށާއި އަދި މިހާރު ބޭނުންވަނީ ފައިނަލް މެޗަށް ރަނގަޅަށް ފޯކަސްކޮށް އެމެޗުން މޮޅުވެ މިމުބާރާތުގެ ތަށި ފުރަތަމަ ފަހަރަށް އުފުލާލުން ކަމަށެވެ.
ޖަރުމަނުވިލާތުގެ ކޯޗް ސްޓެފަން ކުންޓްޒް ހާމަކުރިގޮތުގައި ޓީމްގެ ތެރޭގައ އޮތް ޓީމް ރޫހު މިވަގުތު އޮތީ ވަރަށް ވަރުގަދަކޮށް ކަމަށެވެ. އަދި މިފަހަރުގެ މުބާރާތުގައި އޭނާގެ ކުޅުންތެރިން އެޓީމްގެ ފެންވަރު މިހާތަނަށް ވަރަށް ރަނގަޅަށް ދައްކާފައިވާކަމަށްވެސް އޭނާ ހާމަކުރިއެވެ. މިފަހަރުގެ މުބާރާތުގެ ފައިނަލުން ޖަރުމނު ޓީމް ޖާގަހޯދީ ގްރޫޕް ސްޓޭޖްގައި ގްރޫޕް އޭގެ ދެވަނަ ޓީމްގެ ގޮތުގައި ކްއާޓަރ ފައިނަލްގައި ޑެންމާކް އާއި ބައްދަލުކުރިމެޗް ޕެނަލްޓީ ޖަހައިގެން ކާމިޔާބުކޮށް ސެމިފައިނަލްގައި ނެދަލަންޑްސް އާއި ބައްދަލުކުރިމެޗް ކާމިޔާބުކޮށްގެންނެވެ. ޖަރުމަނު ޓީމްގެ ކީޕަރު ފިން ޑަރމެން ހާމަކުރިގޮތުގައި ޔޫރޯ އަންޑަރ ޓުވެންޓީ ވަންގެ ފައިނަލަށް ނިކުންނައިރު އެކުޅުންތެރިންނަށް އިތުރަށް ހިތްވަރުދިނުމުގެ ބޭނުމެއް ނެތް ކަމަށެވެ. އެއީ މިމެޗް ވެގެންދާނީ ޓީމްގައި ހިމެނޭ ގިނަ ކުޅުންތެރިންނަށް އެކުޅުންތެރިންގެ ހަޔާތުގައިވެސް މިހާތަނަށް ކުޅޭ އެންމެ ބޮޑު މެޗަށެވެ. މިއީ ކޮންމެ ކޮންމެ ދުވަހަކު ތަޖްރިބާކޮށްލަން ލިބޭ ފުރުސަތެއް ނޫން ކަމަށެވެ. އެހެންކަމުން ހުރިހާ ކުޅުންތެރިނަން ކުރެވުނު އެންމެ ރަނގަޅަކަށް މަސައްކަތް ކޮށް މިމެޗް ކާމިޔާބުކުރުން ވަރަށް މުހިންމު ކަމަށް ފިން ހާމަކުރިއެވެ.
މިއީ ޖަރުމަނުވިލާތުގެ ޓީމް މިމުބާރާތުގެ ފައިނަލްގައި ޖެހިޖެހިގެން ދާވަކުރާ ތިންވަނަ ފަހަރެވެ. 2017 ވަނަ އަހަރު މިމުބާރާތް ކާމިޔާބުކުރި ޖަރުމަނު ޓީމްވަނީ 2019 ވަނައަހަރުގެ ފައިނަލްގައިވެސް ވާދަކޮށްފައެވެ. ނަމަވެސް އެފަހަރު ސްޕެއިން އަތުން ބަލިވީއެވެ. މިތިން ފައިނަލަށް ޖަރުމަނު ޓީމް ދިޔައިރުވެސް ކޯޗަކަށް ހުރީ ކުންޓްޒްއެވެ. އެހެންކަމުން ޖަރުމަނު ކޯޗަކީ މިމުބާރާތުގެ ފައިނަލްގެ ތަޖުރިބާ ވަރަށް ރަނގަޅަށް ހުރި ކޯޗެކެވެ. އަދި މިފަހަރު ޖަރުމަނު ޓީމްގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ކަމުގައިވާ ލޫކަސް ނިމެންޗާވަނީ މީގެ ދެއަހަރު ކުރިން ސްޕެއިން އާއި އެކު ކުޅުނު ފައިނަލް މެޗްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެފައެވެ.
އަދި ޕޯޗުގަލް ޓީމަށް ބަލާލިކަމުގައިވީ ނަމަވެސް އެއީވެސް ފައިނަލަށް އާ ޓީމެއް ނޫނެވެ. މިގޮތުން 2016 ވަނަ އަހަރު ޔޫރޯ އަންޑަރ ސެވަންޓީން މުބާރާތް ޕޯޗުގަލް ކާމިޔާބުކުރި ޓީމްގައި ހިމެނޭ ޑިއޮގޯ ޑަލޮޓް، ޑިއޮގޯ ލެއިޓެ، ގެޑްސަން ފެނާންޑޭޒް، ޑިއޮގޯ ކޯސްޓަރ، ޑިއޮގޯ ކުއިރޯސް، ޖޮޓާ، ޕްލޮރެންޓީނޯ އަދި ރަފައެލް ލިއާއޮ މިފަހަރުގެ ޓީމްގައިވެސް ހިމެނެއެވެ. އަދި އޭގެ ދެ އަހަރުފަހުން އަންޑަރ ނައިންޓީން ފައިނަލްގައި އިޓަލީވިލާތް ބަލިކޮށް ތަށި އުފުލާލި ޕޯޗުގަލް ޓީމްގައި ޖާއޮ ވަރޖީނިއާ، ފްލޮރެންޓީނޯ އަދި ޖޮޓާ ވަނީ ހިމެނިފައެެވެ. މިރޭގެ ފައިނަލް މެޗް ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖޭ ގަޑިން ދަންވަރު ބާރަޖަހާއިރުއެވެ.