ކުޅިވަރު

ޕްރިމިއަރ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާކަށް ޑިއާޒް


އިންގްލިޝް ޕްރިމިއަރ ލީގުގެ މިސީޒަންގެ އެންމެ މޮޅު ކޯޗަކަށް މެންޗެސްޓަރ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ހޮވުނު އިރު އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް އެޓީމްގެ ޑިފެންޑަރ ރުބެން ޑިއާޒްއަށް ލިބިއްޖެއެވެ.

މިފަހަރު ލީގު ކާމިޔާބު ކުރުމުގައި އުމުރުން 24 އަހަރުގެ ޑިއާޒްވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. އޭނާއަށް މީގެކުރިން ވަނީ ފުޓްބޯލް ރައިޓަރސް އެސޯސިއޭޝަނުން ހޮވާ އަހަރުގެ މޮޅުކުޅުންތެރިޔާގެ މަގާމްވެސް ލިބިފައެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރމަހު ބެންފީކާއިން 65 މިލިއަން ޕައުންޑްގެ ފީއަކަށް ސިޓީއާ ގުޅުނު ޑިއާޒް ވަނީ މިސީޒަންގައި ސިޓީއަށް ލީގުގައި 32 މެޗް ކުޅެދީފައެވެ. އަދި އޭނާ ޓީމާއި ގުޅުނު ފަހުން އެޓީމްގެ ޑިފެންސް ވަނީ ވަރަށް ބޮޑަށް ރަނގަޅުވެ މިފަހަރުގެ ސީޒަންގައި އެންމެ ރަނގަޅު ޑިފެންސަށްވެސް ވެގެން ގޮސްފައެވެ. އޭނާ ކުޅުނު 15 މެޗެއްގައި ސިޓީއިން ބައިކޮޅަށް ލަނޑެއް ވަނަނުދީ ނިންމާލާފައިވެއެވެ. އަދި އޭނާ ކުޅުނު 23 މެޗުން ސިޓީ ވަނީ މޮޅުވެފައެވެ. އަދި މިގެއިތުރުން މިސީޒަންގައި ސިޓީ ވަނީ ކަރަބާއޮ ކަޕް ކާމިޔާބުކޮށް ޗެމްޕިއަންސް ލީގުގެ ފައިނަލުންވެސް ކްލަބްގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޖާގަހޯދާފައެވެ. އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޮވާފައި ވަނީ އީއޭ ސްޕޯޓްސް ވެބްސައިޓް މެދުވެރިކޮށް އާންމުން ދިން ވޯޓުންނާއި ޕްރިމިއަރ ލީގުގެ 20 ކްލަބްގެ ކެޕްޓަނުންނާއި ފުޓްބޯޅައިގެ ތަޖްރިބާކާރުންގެ މެދުގައި ނެގުނު ވޯޓަކުންނެވެ. މިމަގާމަށް ޑިއާޒްއާއެކު ދެން ވާދަކޮށްފައި ވަނީ ސިޓީގެ މެދުތެރެއިން މުހިންމު ދައުރެއް އަދާކުރި ކެވިން ޑި ބްރުއިނަރ އާއި މިފަހަރު ރަން ބޫޓު ހޯދި ޓޮޓްނަމް ހޮޓްސްޕަރގެ ހެރީ ކޭން، މެންޗެސްޓަރ ޔުނައިޓެޑްގެ ބްރޫނޯ ފެނާންޑޭޒް، ލިވަޕޫލްގެ މުހަންމަދު ސަލާ، ޗެލްސީގެ މޭސަން މައުންޓް، ވެސްޓް ހޭމް ޔުނައިޓެޑްގެ ތޯމަން ސޮއުޗެކް އަދި އެސްޓަން ވިލާގެ ޖެކް ގްރީލިޝްއެވެ. ޑިއާޒްގެ ނަން ވަނީ މިފަހަރުގެ ޕްރޮފެޝަނަލް ފުޓްބޯލަރސް އެސޯސިއޭޝަނުން ހޮވާ ޕްރިމިއަރ ލީގުގެ ޓީމް އޮފް ދި އިޔަރގެ އިތުރުން ޕްލެޔަރ އޮފް ދި އިޔަރގެ މަގާމަށްވެސް ނަން ހުށަހެޅިފައެވެ.

ގާޑިއޯލާ އަށް އެންމެ މޮޅު ކޯޗްގެ މަގާމް މިއީ ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި ލިބުނު ތިންވަނަ ފަހަރެވެ. ގާޑިއޯލާ އާއި މިމަގާމަށް ވާދަކޮށްފައި ވަނީ ލީޑްސް ޔުނައިޓެޑްގެ ކޯޗް މާސެލޯ ބިއެލްސާ އާއި ވެސްޓް ހޭމްގެ ޑެވިޑް މޮއެސް، ލެސްޓަރ ސިޓީގެ ބްރެންޑަން ރޮޖަރސް އަދި ޔުނައިޓެޑްގެ އޮލޭ ގަނަރ ސޯލްޝާއެވެ. ގާޑިއޯލާއަށް ވަނީ މިގާމް މީގެކުރިން ސިޓީއިން ޕްރިމިއަރ ލީގު ކާމިޔާބުކުރި ދެ ސީޒަންގައިވެސް ލިބިފައެވެ. މިފަހަރާއެކު ގާޑިއޯލާ މި ވަނީ އާސެން ވެންގަރ އާއި ހޯސޭ މޮރީނިއޯ އާއި އެއްވަރުވެފައެވެ. މިމަގާމް އެންމެ ގިނައިން ލިބިފައިވަނީ ޔުނައިޓެޑްގެ ކުރީގެ ކޯޗް ސަރ އެލެކްސް ފަރގަސަން އަށެވެ. އޭނާ ވަނީ މިމަގާމް 11 ފަހަރު ހޯދާފައެވެ.

މިފަހަރު އެންމެ މޮޅު ގޯލަކަށް ހޮވުނީ މާރޗްމަހު ސްޕަރސް އާއި އާސެނަލް ބައްދަލުކުރިމެޗްގައި ސްޕަރސްގެ އެރިކް ލަމޭލާ ޖެހި ރަބޯނާ ގޯލެވެ.