ކުޅިވަރު

ޑިބްރުއިނަރ މާދަމާގެ ވަގުތެއްގައި ބެލްޖިއަމް ޓީމާއި ގުޅޭނެކަން ހާމަކޮށްފި


ޔުއޭފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ކެވިން ޑި ބްރުއިނަރއަށް ލިބުނު އަނިޔާއަށްފަހު މާދަމާގެ ވަގުތެއްގައި އޭނާ ބެލްޖިއަމް ޓީމާއި ގުޅޭނެކަން ހާމަކޮށްފިއެވެ. ޑި ބްރުއިނަރ ބެލްޖިއަމް ޓީމާއި މިގުޅެނީ އޭނާގެ މޫނުމައްޗަށް ލިބުނު އަނިޔާއަށް ފަރުވާ ހޯދުމަށްފަހުއެވެ.

ޑި ބްރުއިނަރއަށް އަނިޔާވީ ޗެމްޕިއަންސް ލީގުގެ ފައިނަލްގެ ދެވަނަ ހާފްގައި ޗެލްސީގެ ޑިފެންޑަރ އެންޓޯނިއޯ ރުޑިގަރ ކުރި ފައުލަކާއި ގުޅިގެންނެވެ. މިހާދިސާގައި އޭނާގެ ނޭފަތުގެ ކަށިގަނޑާއި އައި ސޮކެޓްގައިވަނީ ރެނދުލާފައެވެ. އެހެންކަމުން އޭނާއަށް ޖެހުނީ ކުޑައޮޕަރޭޝަނެއްވެސް ކުރާށެވެ. ބެލްޖިއަމް ޤައުމީ ޓީމުގެ ކޯޗު ރޮބާޓޯ މާޓީނޭޒް ބުނީ ބްރުއިނަރގެ އޮޕަރޭޝަނަށް މާގިނަ ވަގުތު ނަގާފައި ނުވާ ކަމަށާއި އަދި އެކަން ދިޔައީ ވަރަށް ރަނގަޅަށް ކަމަށެވެ. އޭނާ ބުނީ ބްރުއިނަރއަށް މާގިނަ ދުވަހު ކުޅުމާއި ދުރުގައި ހުއްނަން މިހާރު ނުޖެހޭނެ ކަމަށާއި ޓީމްގެ މެޑިކަލް ޓީމުން އަންނަނީ އޭނާގެ ކަންތައްތައް ވަރަށް ގާތުން ބަލަމުންކަމަށެވެ. އަދި މާދަމާގެ ވަގުތެއްގައި ޑި ބްރުއިނަރ ބެލްޖިއަމް ޓީމާއި ގުޅޭނެކަމަށްވެސް އޭނާ ބުންޏެވެ. ޑި ބްރުއިނަރއަކީ ބެލްޖިއަމް ޓީމްގެ ވަރަށް މުހިންމު ކުޅުންތެރިޔެކެވެ. އަދި އޭނާ މުބާރާތުގެ ފުރަތަމަ މެޗަށް ފިޓްވާނެތޯ މިއީ ގިނަ ބަޔެއްގެ ހިތުގައި އުފެދޭ ސުވާލެކެވެ. އެހެންކަމުން އޭނާ އަށް ނުކުޅެވޭނެކަމަށް ވާނަމަ އެކަން ވާނީ ދުނިޔޭގައި އެއްވަނައިގައި މިވަގުތު ރޭންކް ކުރެވިފައިވާ ބެލްޖިއަމް ޓީމަށް ވަރަށް ބޮޑު ގެއްލުމަކަށެވެ.

މިފަހަރުގެ ޔޫރޯ މުބާރާތުގައި ބެލްޖިއަމް ހިމެނިފައިވަނީ ރަޝިޔާ، ޑެންމާކް އަދި ފިންލަންޑާއެކު ގްރޫޕް ބީ ގައެވެ. އަދި ފުރަތަމަ މެޗްގައި މިމަހުގެ 12 ވަނަ ދުވަހު ބައްދަލުކުރާނީ ރަޝިޔާއާއެވެ. މުބާރާތް ފެށުމުގެ ކުރިން ބެލްޖިއަމް ކުޅޭ ރަހްމަތްތެރިކަމުގެ ފަހުމެޗްގައި މިރޭ ބައްދަލުކުރާނީ ކްރޮއޭޝިއާ އާއެވެ. މީގެކުރިން ގްރީސް އާއި އެންޑޯރާ އާއި ބައްދަލުކުރި ދެމެޗް ވެސް ނިމިފައިވަނީ އެއްލަނޑު އެއްލަނޑުން އެއްވަރު ވެގެން ކަމުން މިރޭގެ މެޗްގައި ރަނގަޅު ނަތީޖާއެއް ހޯދުމަށް އެޓީމް ވަނީ ކެތް މަދުވެފައެވެ.