ކުޅިވަރު

ފްރެންޗް އޯޕަންގެ ހަތަރުވަނަ ބުރަށް ޖޯކޮވިޗް


ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ހަތަރުވަނަ ބުރުން މުބާރާތުގައި އެއްވަނައަށް ސީޑް ކުރެވިފައިވާ ނޯވަކް ޖޯކޮވިޗް ޖާގަހޯދައިފިއެވެ. މިމުބާރާތުގެ ހަތަރުވަނަ ބުރުން ޖޯކޮވިޗް ޖާގަހޯދީ ތިންވަނަ ބުރުގައި ލިތުއޭނިއާގެ ރިކާޑާސް ބެރަންކިސް އާއި ބައްދަލުކުރިމެޗް ސިދާ ތިން ސެޓުން ކާމިޔާބުކޮށްގެންނެވެ.

ދުނިޔޭގައި އެއްވަނައަށް ރޭންކް ކުރެވިފައިވާ ޖޯކޮވިޗް މިމެޗްގެ ސެޓްތައް ގެންދިޔައީ ހައެއް އެކެއް، ހައެއް ހަތަރެއް އަދި ހައެއް އެކަކުންނެވެ. މިމެޗްގައި ޖޯކޮވިޗް ވަނީ އޭނާއަށް ލިބުނު 9 ބްރޭކް ޕޮއިންޓްގެ ތެރެއިން ހަ ބްރޭކް ޕޮއިންޓް ކާމިޔާބުކޮށްފައެވެ. ހަތަރުވަނަ ބުރުގައި ޖޯކޮވިޗް ބައްދަލުކުރާނީ އިޓަލީވިލާތުގެ އަރަމުން އަންނަ ޒުވާން ކުޅުންތެރިޔާ ލޮރެންޒޯ މުސެއްޓީ އާއެވެ. މިމުބާރާތުގެ ހަތަރުވަނަ ބުރުން މުސެއްޓީ ޖާގަހޯދީ ތިންވަނަ ބުރުގައި އިޓަލީވިލާތުގެ މާކޯ ކެޗިނާޓޯ އާއި ބައްދަލުކުރިމެޗް ތިން ސެޓް ދެސެޓުން ކާމިޔާބުކޮށްގެންނެވެ. އެއީ ތިނެއް ހައެއް، ހައެއް ހަތަރެއް، ހައެއް ތިނެއް، ތިނެއް ހައެއް އަދި ހައެއް ތިނަކުންނެވެ.

މިމުބާރާތުގެ ހަތަރުވަނަ ބުރުންވަނީ އެންމެފަހުގެ ޗެމްޕިއަން ރަފައެލް ނަޑާލްވެސް ޖާގަހޯދާފައެވެ. ނަޑާލް ހަތަރުވަނަ ބުރުން ޖާގަހޯދީ ތިންވަނަ ބުރުގައި އިނގިރޭސިވިލާތުގެ ކެމެރަން ނޯރީ އާއި ބައްދަލުކުރިމެޗް ސީދާ ތިން ސެޓުން ކާމިޔާބުކޮށްގެންނެވެ. އެއީ ހައެއް ތިނެއް، ހައެއް ތިނެއް އަދި ހައެއް ތިނަކުންނެވެ. މިތިން ސެޓް ފަސޭހަކަމާއެކު ނަޑާލް ގެންދިޔަ ކަމަށް ހީވިނަމަވެސް ނޯރީ ވަނީ މިތިން ސެޓްގައި ވެސް ނަޑާލް ހާސްކަމުގެ ތެރެއަށް ވައްޓާލާފަވެ. އަދި ހާއްސަކޮށް ދެވަނަ ސެޓްގައި ނޯރީ ވަނީ ނަޑާލްގެ ސަރވް ދެފަހަރަށް ބްރޭކް ކޮށްފައެވެ. ނަމަވެސް ނޯރީ ދެފަހަރަށް ސަރވް ބްރޭކް ކުރިއިރު ނަޑާލް ވަނީ މިސެޓްގައި ތިންފަހަރަށް ސަރވް ބްރޭކްކޮށް ނޯރީއަށް ކުރިހޯދިޔަ ނުދީފައެވެ. މިމުބާރާތުގެ ހަތަރުވަނަ ބުރުގައި ނަޑާލް ބައްދަލުކުރާނީ އިޓަލީވިލާތުގެ ޔަނިކް ސިނަރ އާއެވެ. މީގެއިތުރުން މިމުބާރާތުގެ ހަތަރުވަނަ ބުރުންވަނީ ރޮޖަރ ފެޑެރަރވެސް ޖާގަހޯދާފައެވެ. ފެޑެރަރ ޖާގަހޯދީ ޑޮމިނިކް ކޮއެފަރ އާއި ބައްދަލުކުރިމެޗް ތިން ސެޓް އެއްސެޓުން ކާމިޔާބުކޮށްގެންނެވެ. މިމެޗް ވީ، ފެޑެރަރއަށް ވަރަށް އުނދަގޫ މެޗަކަށެވެ. މިގޮތުން ހަތަރު ސެޓްގެ ތެރެއިން ތިން ސެޓް ނިމުނީ ޓައި ބްރޭކަށް ގޮސްގެންނެވެ. މިމެޗްގެ ފުރަތަމަ ސެޓް ފެޑެރަރ ކާމިޔާބުކުރީ ހަތެއް ހަޔަކުންނެވެ. ދެވަނަ ސެޓް ކޮއެފަރ ހައެއް ހަތަކުން ކާމިޔާބުކުރިއިރު ތިންވަނަ ސެޓް ފެޑެރަރ ކާމިޔާބުކުރީ ހަތެއް ހަޔަކުންނެވެ. އަދި ފަހުސެޓް ވެސް ޓައި ބްރޭކަށް ދާނެކަމަށް ގިނަ ބަޔަކަށް ހީވި ނަމަވެސް އެންމެ ފަހު ތިން ގޭމް ފެޑެރަރ ކާމިޔާބުކޮށް މިސެޓް ހަތެއް ފަހަކުން ކާމިޔާބުކުރިއެވެ.

ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާއި ދުރުގައި ހުރުމަށްފަހު އެނބުރި އައިސް ކުޅޭ ފުރަތަމަ ގްރޭން ސްލޭމް މުބާރާތުގެ ހަތަރުވަނަ ބުރުގައި ފެޑެރަރ ބައްދަލުކުރާނީ މަޓިއޯ ބެރެޓިނީއާއެވެ.