ކުޅިވަރު

ސީރިއާއާއި ދެކޮޅަށް ޤައުމީ ޓީމްގެ ކުޅުންތެރިން ދެއްކި ކުޅުމަށް ސުޒެއިންގެ ތަޢުރީފު


ސީރިއާއާއި ދެކޮޅަށް ޤައުމީ ޓީމްގެ ކުޅުންތެރިން ދެއްކި ހިތްވަރަށް އެސިސްޓަންޓް ކޯޗު ޢަލީ ސުޒޭން ތައުރީފްކޮށްފިއެވެ.
ވަރލްޑްކަޕް އަދި އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފައިންގައި ސީރިއާއާއި ދެކޮޅަށް ދިވެހިރާއްޖެ ކުޅުނު މެޗުން ރާއްޖެ ބަލިވީ ހަތަރެއް ސުމަކުންނެވެ.

ބޮޑު ތަފާތަކުން ދިވެހިރާއްޖެ ބަލިވުމުން ގިނަ ބަޔަކު އަންނަނީ ދިވެހި ޓީމަށާއި ކުޅުންތެރިންނަށް ފާޑުކިޔަމުންނެވެ.
މިކަންކަމަށް އިޝާރާތްކޮށް ޤައުމީ ޓީމްގެ އެސިސްޓެންޓް ކޯޗު ޢަލީ ސުޒޭން ބުނީ، ޤައުމީ ޓީމާއި ގުޅޭގޮތުން ސަޕޯޓަރުން ވާހަކަދައްކަނީ ޤައުމީ ޓީމަށް ހެޔޮއެދޭތީކަމަށާއި، ހުރިހާ ފާޑުކިޔުންތައް ވެސް ޓީމުން ވަރަށް ބޮޑަށް ބަލައިގަންނަކަމަށެވެ.
ސުޒޭން ބުނީ ކުޅުންތެރިންނަށް ޕްރެކްޓިސްކުރަން ލިބުނު ވަގުތާއި ފިޓްނަސްއާއި ހުރިހާކަމަކަށް ބަލާއިރު ކުޅުންތެރިން މެޗުގައި ދެއްކި ކުޅުން ރަނގަޅުކަމަށެވެ.

ދޮޅުމަހެއްހާ ދުވަހު އެއްވެސް މެޗެއް ނުކުޅެ ޕްރެކްޓިހެއް ނުކޮށް އޮތް ޓީމެއް ސީރިއާ ކަހަލަ ޓީމަކާއި ދެކޮޅަށް ނިކުމެ ދެއްކި ހިތްވަރާއިމެދު ކުޅުންތެރިންނަށް ތައުރީފްކުރާކަމަށެވެ. އަދި ޗައިނާ މެޗަށް ތައްޔާރުވާއިރު މިހާރު ޓީީމު ތެރޭގައި އޮތް މޯޓިވޭޝަން ކުރިއަށްވުރެވެސް ރަނގަޅުކަމަށް އޭނާ ބުންޏެވެ.

"ސީރިއާ މެޗުގެ ނަތީޖާއާއި ކުޅުމާއިމެދު އެކި ބޭފުޅުން ދެމުން އަންނަ ކޮމެންޓްތަކަށް ޤައުމީ ޓީމުން ހަމަ ބަލައިގަންނަން، އަޅުގަނޑު ބުނާނީ އަޅުގަނޑު އުއްމީދުކުރި ވަރަށް ވުރެވެސް ރަނގަޅަށް ކުޅުންތެރިން މެޗުގައި ކުޅުނޭ. މިހާރު ކުރިއަށް އޮތް މެޗަށް ތައްޔާރުވާއިރު މޯޓިވޭޝަން އިތުރަށް ރަނގަޅުކޮށް ފެންނަނީވެސް" ސުޒެއިން ބުންޏވެ.