ކުޅިވަރު

ޤައުމީ ޓީމާއެކު ރާއްޖޭއިން ބޭރުގައި ތަމްރީން ހަދައި މެޗުތައް ކުޅުމަކީ ބުރަ މަސައްކަތެއް-ހަމްޒާ


ޤައުމީ ޓީމާއިއެކު ރާއްޖޭއިން ބޭރުގައި ތަމްރީން ހަދައި މެޗުތައް ކުޅުމަކީ ބުރަ މަސައްކަތެއްކަމަށް ފޯވާޑް ހަމްޒާ މުޙައްމަދު ބުނެފިއެވެ.

ވަރލްޑް ކަޕް އަދި އޭޝިއަން ކަޕް ކޮލިފައިންގެ ދެ މެޗު ބާކީ ދިވެހިރާއްޖެއަށް އެބައޮތެވެ. އެއީ މިމަހުގެ 11ވަނަ ދުވަހުގެ ރޭ ޗައިނާއާއި ދެކޮޅަށް ކުޅޭ މެޗާއި، 15ވަނަ ދުވަހުގެ ރޭ ފިލިޕީންސްއާއި ދެކޮޅަށް ކުޅޭ މެޗެވެ.

މިފަހަރު ސީނިއަރ ޓީމަށް ނެގި ކުޅުންތެރިންގެ ތެރޭގައި މުޅިން އަލަށް ޓީމްގައި ހިމެނުނު ކުޅުންތެރިންވެސް ހިމެނެއެވެ. އަދި ޤައުމީ ޓީމާއިއެކު މަދު ތަޖުރިބާތަކެއްކޮށްފައިވާ ކުޅުންތެރިންވެސް ހިމެނެއެވެ. އަނެއްކޮޅުން މިއީ މުބާރާތަކަށް ޤައުމީ ޓީމް އެންމެ ގިނަ ގޮންޖެހުންތަކާއިއެކު ކުރިމަތިލި ފަހަރުވެސްމެއެވެ.

ޤައުމީ ޓީމްގެ ފޯވާޑް ހަމްޒާ މުޙައްމަދު ބުނީ ޤައުމީ ޓީމާއިއެކު ބޭރު ޤައުމަކަށް އައިސް މަސައްކަތްކުރުމަކީ ބުރަ މަސައްކަތެއްކަމަށާއި، މިފަހަރުގެ ދަތުރަކީ އަލަށް ސްކޮޑަށް އެރި ކުޅުންތެރިންނަށް ގިނަ ފިލާވަޅުތަކެއް ލިބޭނެ ދަތުރެއްކަމަށެވެ. އަދި ކެރިއަރުގެ ކުރީކޮޅު މިގޮތަށް ގޮންޖެހުންތަކާއެކު ކުރިއަށްދާނެގޮތް އެނގި މެޗުތަކަށް ތައްޔާރުވުމަކީ ކުރިމަގުގައި އޭގެ ފައިދާ ކުރާނެކަމެއްކަމަށް އޭނާ ބުންޏެވެ.

ހަމްޒާ ބުނީ އާއިލާއާއި ދުރުގައި ބައެއްފަހަރު މަހެއް ނުވަތަ ދޮޅުމަސް ވެސް ހޭދަކުރަންޖެހޭކަމަށާއި، މިއީ ހުރިހާ ކުޅުންތެރިން ވެސް ޤައުމަށްޓަކައިވާ ބޮޑު ގުރުބާނީއެއްކަމަށެވެ.

"ޒުވާން ކުޅުންެތެރިންނަށް ހަމަ ރަނގަޅު ފިލާވަޅުތަކެއް ލިބޭނެ މި ދަތުރުން، ޤައުމީ ޓީމާއިއެކު ބޭރު ގަައުމަކަށް އައިސް މެޗުތައް ކުޅުމަކީ ފަސޭހަަކަމެއް ނޫންކަން. މިއީ ކިހާވަރެއްގެ ކަމެއްކަން އިނގޭނެ އަސްލު މިހާރު." ހަމްޒާ މުޙައްމަދު ބުންޏެވެ.