ޚަބަރު

ފެހެންދޫ ބަނދަރަށް އަރާ ފޭބުމަށް ހަދާ ބްރިޖްގެ މަސައްކަތް ފަށައިފި


ބ.ފެހެންދޫ ބަނދަރުގެ މަސައްކަތުގެ ދަށުން ބަނދަރަށް އެރުމަށް ބޭނުން ކުރާ ބްރިޖްގެ މަސައްކަތް ފަށައިފިއެވެ.

ބްރިޖްގެ ކޮންކްރީޓް ތަނބުޖެހުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު، އެބްރިޖް މަތީގައި އަތުރާ ޝީޓްތަކުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް މަސައްކަތުގެ ކޮންޓެކްޓަރ އެމްޓީސީސީން ވިދާޅުވެއެވެ.

އެކުންފުނިން ބުނީ ބްރިޖްގެ މަސައްކަތް ނިމުމުން ދެން ފަށާނީ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތްކަމަށާއި އެކަމަށް ބޭނުންވާ ހިލަ އެރަށަށް މިހާރު ގެންގޮސްފައިވާކަމަށެވެ.

ފެހެންދޫ ބަނދަރުގެ 85 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. މިމަޝްރޫއޫގެ ދަށުން އެރަށުގައި 18500 ކިއުބިކް މީޓަރުގެ ބަނދަރު ފުންކޮށް ފަންސަވީސްހާސް (25،000)ކިއުބިކް މީޓަރުގެ ނެރު ފުންކުރުމުގެ މަސައްކަތް މިހާރުވަނީ ނިމިފައެވެ. އަދި އެއްގަމު ތޮށީގެ މަސައްކަތް ނިންމާ ޕޭވްމަންޓްގެ މަސައްކަތްވެސް މިހާރުވަނީ ނިންމާލާފައެވެ.

ރާއްޖޭގައި އަލަށް ތިމާވެއްޓާ ރައްޓެހި ގޮތަކަށް ފަރުމާކުރެވިގެން ހަދާ މި ބަނދަރުގެ މަސައްކަތް މިއަހަރުގެ މެދެއްހާ ހިސާބަށް ނިންމާލުމަށް އެމްޓީސީސީން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

ފަޅު ތެރެއިން ކުދިކުދި ޑިންގީތަކުގައި ދަތުރު ކުރަމުން އައި ފެހެންދޫގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިކަމަށް ހައްލު ހޯދާދިނުމުގެ ގޮތުން ސަރުކާރުން އެރަށުގައި ރަނގަޅު ފެންވަރުގެ ބަނދަރެއް ތަރައްޤީކުރުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ 2019 ވަނަ އަހަރުގެ ފަހުކޮޅުއެވެ. މިއަދާއި ހަމައަށް އެރަށު މީހުން ބަނދަރެއްގެ ގޮތުގައި ބޭނުން ކުރަމުންއައީ އެއްފަޅެއްތެރޭގައި އޮތް ގޮއިދޫ ބަނދަރެވެ.

މި ބަނދަރު ހަދަމުންދަނީ ގުދުރަތީ ގޮތުން ރީތިކަމެއް ލިބިފައިވާ ފެހެންދޫގެ ރީތި ގޮނޑުދޮށް ނުގެއްލޭނެހެންނެވެ. ރާއްޖޭގައި ތަރައްޤީކުރާ ނަމޫނާ ބަނދަރުތަކުގެ ތެރެއިން އެންމެ ފުރަތަމަ ބަނދަރު އަޅަނީވެސް ފެހެންދޫގައެވެ.

300 އާ ގާތްކުރާ އަދަދެއްގެ އާބާދީއެއް ދިރިއުޅޭ ފެހެންދޫއަކީ ބ.އަތޮޅުގައި އޮތް އެންމެ އާބާދީ ކުޑަރަށެވެ ގެސްޓް ހައުސް ވިޔަފާރި ފުޅާދާއިރާއެއްގައި ކުރާ މިރަށުން މި ވިޔަފާރި ކުރުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީވެސް މީއެވެ.

ގުދުރަތީ ހިތްގައިމުކަމެއް ލިބިފައިވާ ފެހެންދޫ ބަނދަރާއެކު އިގްތިސާދީ ގޮތުންނާއި އުމްރާނީ ގޮތުން ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް އެރަށު ރައްޔިތުން ގަބޫލްކުރެއެވެ.