ޚަބަރު

ހަވާލުވާނެ ބަޔަކު ނުވެ ކަނޑުމަތީގައި 100 ދުވަސް، އެންމެ ފަހުން ލެއްގީ އިންޑޮނޭޝިޔާއަށް


ހަވާލުވާނެ ބަޔަކު ނުވެގެން ކަނޑުމަތީގައި 100އަށްވުރެ ގިނަ ދުވަސް ހޭދަކުރި ރޮހިންޔާ މުސްލިމުންގެ ބަޔަކު ދަތުރުކުރަމުންދިޔަ ކުޑަ ލަކުޑި ބޯޓެއް އިންޑޮނޭޝިޔާގެ ފަޅު ރަށަކަށް ބީހިއްޖެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި 81 މީހުންނާއެކު އެ ބޯޓު ބީހުނީ އިންޑޮނޭޝިޔާގެ ބަންޑަ އަޗޭ ކައިރީގައި އޮންނަ ފަޅު ރަށަކަށެވެ. އިންޑޮނޭޝިޔާގެ މަސްވެރިން ބޭނުންކުރާ އެ ރަށަށް ބޯޓު ބީހުމުން ރޮހިންޔާ މުސްލިމުން އެ ރަށަށް ފޭބިކަން އެނގުނީ ޖޫން މަހުގެ 4ވަނަ ދުވަހުއެވެ.

މެލޭޝިޔާއާއި އިންޑޮނޭޝިޔާގައި ޙަރަކާތްތެރިވާ އަމިއްލަ ޖަމިއްޔާއެއްގެ ފަރާތުން އެނގިފައިވާ ގޮތުގައި އެ މީހުންނަކީ ބަންގްލަދޭޝަށް ހިޖުރަކޮށްފައިވާ އެތައް ސަތޭކަހާސް ރޮހިންޔާ މުސްލިމުންގެ ތެރެއިން ބަޔެކެވެ. ބަންގްލަދޭޝުގައި ރޮހިންޔާ މުސްލިމުން ބައިތިއްބާފައިވާ ސަރަޙައްދުތަކުގައި އެ މީހުންނަށް ފޯރުކޮށްދެމުންދާ އެހީތެރިކަމާމެދު ހިތްހަމަނުޖެހިގެން މީގެ 3 މަސްދުވަސްކުރިން އެ މީހުންވަނީ 100 މީހުންގެ ޖާގައިގެ ކުޑަ ލަކުޑި ބޯޓަކަށް އަރައިގެން ބަންގްލަދޭޝުން ފުރައިފައެވެ. އެ މީހުންގެ ތެރޭގައި ގިނަ ޢަދަދެއްގެ އަންހެނުންނާއި ކުޑަކުދިންނާއި މުސްކުޅިން ހިމެނެއެވެ.

ބެލެވޭ ގޮތުގައި އެ މީހުން މަސައްކަތްކޮށްފައިވަނީ އިންޑިޔާއަށް އެތެރެވުމަށެވެ. ނަމަވެސް އިންޑިޔާ ކައިރިން އެ މީހުން ދަތުރުކުރަމުންދިޔަ ބޯޓުގެ އިންޖީނަށް މައްސަލަތަކެއް ދިމާވެ އެ މީހުން ކަނޑުމަތިވިއެވެ. އަދި އިންޑިޔާގެ ކޯސްޓުގާޑުގެ އުޅަނދަކަށް އެ މީހުން ޙާލުގައި ޖެހިފައިތިިބިތަން ފެނިގެން އެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. އެގޮތުން ބޯޓުގެ އިންޖީނަށް ދިމާވި މައްސަލަ ޙައްލުކޮށްދިނުމުގެ އިތުރުން އެ މީހުންނަށް ފެނާއި ކާބޯތަކެތި ފޯރުކޮށްދީފައިވެއެވެ. އޭރު އެ ބޯޓުގައި ތިބި މީހުންގެ ތެރެއިން 8 މީހުންވަނީ މަރުވެފައެވެ. ނަމަވެސް އެ މީހުން އިންޑިޔާއަށް އެތެރެވުމުގެ ޙުއްދައެއް ދީފައެއް ނުވެއެވެ. އަދި އެ މީހުން އަނބުރާ ބަންގްލަދޭޝަށް އެތެރެވުމުގެ ޙުއްދައެއްވެސް ނުލިބުނެވެ. އޭގެ އިތުރުން ކޯވިޑް-19ގެ ސަބަބުންކަމަށް ބުނެ ތައިލެންޑާއި މެލޭޝިޔާއިންވެސް އެ މީހުންނާ ހަވާލުވާންވަނީ ދެކޮޅު ހަދަައިފައެވެ.

ރޮހިންޔާ މުސްލިމުން ނިޞްބަތްވަނީ މިޔަންމާއަށެވެ، ނަމަވެސް 2017ވަނަ އަހަރުން ފެށިގެން މިޔަންމާގެ އަސްކަރިއްޔާއިން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުން ސަލާމަތްވުމަށް އެތައް ސަތޭކަހާސް ރޮހިންޔާ މުސްލިމުންނެއްވަނީ އަވަށްޓެރި ޤައުމުތަކަށް ހިޖުރަކޮށްފައެވެ. އޭގެ ތެރެއިން ގިނަ ބަޔަކު ހިޖުރަކޮށްފައިވަނީ ބަންގްލަދޭޝަށެވެ. ނަމަވެސް އެ ޤައުމުގައި ރޮހިންޔާ މުސްލިމުންނަށް ދިމާވައި ދަތި ޙާލަތްތަކުން ސަލާމަތްވުމަށް ކުދި ބޯޓުތަކަށް އަރައިގެން އެތައް ސަތޭކަ ބަޔަކުވަނީ ފުރައިފައެވެ. ބަންގްލަދޭޝަށް ދިމާވެފައިވާ ރޮހިންޔާ މުސްލިމުންގެ މައްސަލަ ޙައްލުކުރުމަށް އެ ޤައުމުންވަނީ އެއްވެސް ވަޞީލަތެއް ނެތް ވަކިން އޮންނަ ރަށެއްގައި ރޮހިންޔާ މުސްލިމުން އާބާދުކުރަން ފަށައިފައެވެ. ނަމަވެސް އެ ނިންމުމާމެދު ހިތްހަމަނުޖެހިގެން އެ ރަށުގައި ވަޒަންވެރިކުރުވާފައިވާ ގިނަ ޢަދަދެއްގެ ރޮހިންޔާ މުސްލިމުންވަނީ މުޒާހަރާކޮށް ބޮޑެތި ހަމަނުޖެހުންތަކެއް ހިންގައިފައެވެ.

ޙާލުގައި ޖެހި ކަނޑުމަތީގައި 100އަށްވުރެ ގިނަ ދުވަސް ހޭދަކުރި ރޮހިންޔާ މުސްލިމުންނާމެދު އިންޑޮނޭޝިޔާގެ ސަރުކާރުން އަދި ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ، ނަމަވެސް މީގެ ކުރިން އެ ސަރަޙައްދަށް އައިސްފައިވާ އެތައް ސަތޭކަ ބަޔަކަށް ބަންޑަ އަޗޭގެ ސަރަޙައްދީ ސަރުކާރުންވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން މިދިޔަ އަހަރުގެ ޖުލައި މަހާއި ސެޕުޓެންބަރުގެ މަހުގެ ތެރޭގައި އަޗޭއިންވަނީ ޖުމުލަ 500އަށްވުރެ ގިނަ ރޮހިންޔާ މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްފަހު އެ ޕުރޮވިންސުގައި ތިބުމުގެ ޙުއްދަ ދީފައެވެ. އެހެންކަމުން މި ފަހަރުވެސް ޢަމަލުކުރާނީ އެ ގޮތަށްކަމަށް ބެލެވެއެވެ. އިންޑޮނޭޝިޔާއިން މިހާތަނަށްވަނީ 1،000 ރޮހިންޔާ މުސްލިމުންނަށް ޙިމާޔަތް ދީފައެވެ.