ޚަބަރު

ރެފްރިޖަރޭޝަން އަދި އެއަރ ކޮންޑިޝަން މަސައްކަތް ކުރާ މީހުން ސެޓިފައި ކުރަނީ


ތިމާވެއްޓާއި ރައްޓެހި އުސޫލުން ރެފްރިޖަރޭޝަން އަދި އެއަރ ކޮންޑިޝަނިންގ ސަރވިސް ކުރާ ޓެކްނީޝަނުންނަށް ބޭނުންވާ ސެޓިފިކޭޝަންއާއި ލައިސަންސިންގ ސިސްޓަމ ތައްޔާރުކުރުމަށްޓަކައި، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާއި އެފް.ޖޭ.އެސް އާއި ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

މިއެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އައިމިނަތު ޝައުނާއެވެ. އަދި އެފް.ޖޭ.އެސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ އަލްފާޟިލާ ފަރީހާ ޝަރީފްއެވެ.

މިއެއްބަސްވުމުގެ ދަށުން ދިވެހިރާއްޖޭގައި މަސައްކަތް ކުރަމުންދާ ރެފްރިޖަރޭޝަން އަދި އެއަރކޮންޑިޝަނިންގ ސަރވިސިންގ ޓެކްނީޝަނުންނަކީ މަސައްކަތުގެ ފަންނީ ހުނަރާއި ޢިލްމު ލިބިފައިވާ ބައެއްކަމުގައި ހެދުމަށްޓަކައި، ސެޓިފިކޭޝަން އަދި ލައިސަންސިންގ ސިސްޓަމެއް ތައްޔާރު ކުރެވިގެން ދާނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. އަދި މިދާއިރާގައި މަސައްކަތް ކުރާ ސަރވިސިންގ ޓެކްނީޝަނުންނަކީ ލައިސަންސް ލިބިފައިވާ ބައެއް ކަމުގައި ކުރިޔަށް އޮތްތަނުގައި ވެގެން ދާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ޖައްވު ހޫނުވުމަށް މެދުވެރިވާ ވިހަ ގޭސްތައް މަދުކުރުމަށް ކުރެވިދާނެ އެންމެ މުހިންމު އެއް ކަމަކީ، އެފަދަ ގޭސްތައް ބޭނުން ކުރާ އާލާތްތައް ބަރާބަރަށް މަރާމާތުކޮށް ސާރވިސް ކުރުމެވެ. އަދި އެފަދަ އާލާތްތައް މަރާމާތުކުރާ ފަރާތްތަކުގެ ޤާބިލުކަން އިތުރަށް ހަރުދަނާކޮށް، އެ ފަރާތްތަކަކީ ތިމާވެއްޓާއި ރަށްޓެހި ޓެކްނޮލޮޖީތަކަށް އަހުލުވެރި ބަޔަކަށްވުމަކީ، މިފަދަ ވިހަ ގޭސްތައް މަދުކުރުމަށް އެޅޭނެ ވަރަށް މުހިންމު ފިޔަވަޅެއްކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.