ޚަބަރު

"މަކުޑި" ޕޯޓަލް އަޕްގްރޭޑް ކުރުމަށް ޑިފެންސް މިނިސްޓްރީއާ ހަވާލުކޮށްފި


ދިވެހިރާއްޖެއަށް އެތެރެކުރާ ކެމިކަލްތަކުގެ މައުލޫމާތުތައް ބެލެހެއްޓުމާއި، ކެމިކަލްތައް އެތެރެކުރާ ފަރާތްތަކަށް އޮންލައިންކޮށް ހުއްދަ ދޫކުރުމުގެ ކަންތައްތައް ކުރިއަށްގެންދާ "މަކުޑި" ޕޯޓަލް އަޕްގްރޭޑް ކުރުމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާއި މިނިސްޓްރީ އޮފް ޑިފެންސް އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރ ޑރ ޢަބްދުﷲ ނަޞީރުއެވެ. އަދި މިނިސްޓްރީ އޮފް ޑިފެންސްގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ޑިފެންސްގެ ނައިބު އަލްއުސްތާޛު ހަސަން ޒަމީލެވެ.

މިއެއްބަސްވުމަކީ މަކުޑި ސޮފްޓްވެއަރ ތަރައްގީކުރުމަށް ބޭނުންވާ އައިޓީ އިކްއިޕްމަންޓް ފޯރުކޮށްދިނުމުގެ މަޤުސަދުގައި ސޮއިކުރެވުނު އެއްބަސްވުމެކެވެ.

މިމަސައްކަތަކީ ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖެފް)ގެ މާލީ އެހީތެރިކަމާއި އެކު 2020 ވަނަ އަހަރު ނޮވެމްބަރު މަހު ފަށާފައިވާ "އެލިމިނޭޓިންގ ޕަރސިސްޓަންޓް އޯގަނިކް ޕޮލިއުޓަންޓްސް ތްރޫ ސައުންޑް މެނޭޖްމަންޓް އޮފް ކެމިކަލްސް" މަޝްރޫޢުގެ ދަށުން ކުރެވޭ މަސައްކަތެއް ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ވިދާޅުވެއެވެ. މިފަދަ ކެމިކަލްތައް ރައްކާތެރިގޮތުގައި ބެލެހެއްޓުމަކީ ތިމާވެށި ރައްކާތެރިކުރުމަށް ކުރެވޭ ވަރަށް މުހިއްމު ކަމެކެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ވިދާޅުވީ މިއެއްބަސްވުމުގެ ދަށުން ޑިފެންސް މިނިސްޓްރީން ޤާއިމުކޮށްފައިވާ 'މަކުޑި' ސޮފްޓްވެއަރ އިތުރަށް ތަރައްޤީކުރުމަށް ހާޑްވެއަރ ފޯރުކޮށްދޭނެކަމަށެވެ. މިހާޑްވެއަރގެ ސަބަބުން މަކުޑި ސިސްޓަމް އޮޕަރޭޓްކުރުން އިތުރަށް ހަރުދަނާ ކުރެވޭނެ ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. އަދި މިއީ ސަރުކާރު އޮފީސްތަކުގެ ޚިދުމަތް އޮންލައިންކޮށް ދޭ މިދަނޑިވަޅުގައި 24 ގަޑިއިރު މެދުނުކެނޑި ޚިދުމަތް ފޯރުކޮށްދިނުމާއި ރައްކާތެރިކަމާއެކު ޑާޓާ މެނޭޖްކުރުމާއި ޑާޓާގެ ނަޒާހަތްތެރިކަން ކަށަވަރުކުރުމަށް ލިބޭ އިތުރު ބާރަކަށްވާނެކަމަށާއި އެ ސިސްޓަމް ބޭނުންކުރާ އެކިއެކި ފަރާތްތަކަށް ޓްރެއިނިންގ ދިނުމުގައި މިހާރު ހުރި ދަތިތަކަށް ދާއިމީ ހައްލެއް ލިބޭނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ

މަކުޑި ކެމިކަލް އިންފޮމޭޝަން މެނޭޖްމަންޓް ސިސްޓަމަކީ ރާއްޖެއަށް އިމްޕޯޓް ކުރާ ކެމިކަލް ތަކުގެ މައުލޫމާތު މެނޭޖްކުރުމަށާއި ކެމިކަލް އިންޕޯޓްކުރާ ފަރާތްތަކުން ހުއްދަ ނެގުމަށް ލުއި ފަސޭހަކޮށްދިނުމުގެ މަޤްސަދުގައި ތައްޔާރުކޮށްފައިވާ ސޮފްޓްވެއަރ އެކެވެ.