ޔޫރޯ 2020 އަށް ތައްޔާރު ވުމުގެ ގޮތުން ސްޕެއިން އާއި ޕޯޗުގަލް ބައްދަލުކުރި ރަހްމަތްތެރިކަމުގެ މެޗް އެއްވަރުވެއްޖެއެވެ. ސްޕެއިންގެ ވެރިރަށް މެޑްރިޑްގެ ވޮންޑާ މެޓްރޮޕޮލިޓާނޯ ސްޓޭޑިއަމްގައި ކުޅުނު މިމެޗް ނިމުނީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސްޕެއިންގެ ޓީމެވެ. ނަމަވެސް އެޓީމަށް މިމެޗްގައި ލަނޑު ޖަހަން ލިބުނު ފުރުސަތު ތަކުގެ ބޭނުން ހިފިފައެއް ނުވެއެވެ. މިގޮތުން އެންމެ ހުސް ފުރުސަތު މެޗް ނިމެން ގާތްވެފައިވަނިކޮށް ލިބުނީ ސްޕެއިންގެ ފޯވަޑް އަލްވާރޯ މޮރާޓާއަށެވެ. އޭނާ ހުސްކޮށް އަރާ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލްގެ ހުރަސް ދަނޑި އަށެވެ. މީގެއިތުރުންވެސް ސްޕެއިންގެ ފެރާން ޓޯރޭޒް އަށާއި މޮރާޓާއަށް ލިބުނު ފުރުސަތުތައް ވަނީ ބޭކާރުވެފައެވެ. މިމެޗްގައި ފޯޗުގަލްއަށް ސްޕެއިންގެ ގޯލަށް އަމާޒުކޮށް ފޮނުވާލެވުނީ އެންމެ ހަމަލާއެކެވެ. އަދި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަށް ރޭގެ މެޗްގައި މާ އެދެވޭ ރަނގަޅު ކުޅުމެއް ދެއްކިފައެއް ނުވެއެވެ. ރޭގެ މެޗްގައި ސްޕެެއިންގެ ޓީމަށް ވަނީ ވަރަށް ފަހުން ޤައުމު ބަދަލުކުރި ޑިފެންޑަރ އެމެރިކް ލަޕޯޓް ފުރަތަމަ މެޗް ކުޅެދީފައެވެ. ފަރަންސޭސިވިލާތަށް ނިސްބަތްވި ލަޕޯޓް އަށް ސްޕެއިންއަށް ކުޅުމުގެ ހުއްދަ ފީފާއިން ދިނީ އޭނާ ފަރަންސޭސި ސީނިއަރ ޤައުމީ ޓީމަށް މިހާތަނަށް މެޗެއް ކުޅެފައިނުވާތީއެވެ.
ރޭގެ މެޗް ފެށުމުގެ ކުރިން ވަނީ 2030 ވަނަ އަހަރުގެ ވާރލްޑް ކަޕް ބޭއްވުމަށް ސްޕެއިން އާއި ޕޯޗުގަލް ގުޅިގެން މުބާރާތް ބޭއްވުމަށް ބިޑެއް ހުށަހެޅުމަށް ތައްޔާރުވާކަން އިޢުލާން ކޮށްފައެވެ. މިފަހަރުގެ ޔޫރޯ މުބާރާތް ފެށުމުގެ ކުރިން އަދި މިދެ ޓީމުންވެސް ރަހްމަތްތެރިކަމުގެ އެއްމެޗް ކުޅުމަށްވަނީ ހަމަޖެހިފައެވެ. މިގޮތުން މިއަންނަ އަންގާރަ ދުވަހު ސްޕެއިން ލިތުއޭނިއާ އާއި ބައްދަލުކުރާއިރު އޭގެ އެއްދުވަސް ފަހުން ޕޯޗުގަލް ބައްދަލުކުރާނީ އިސްރާއީލް އާއެވެ. މިފަހަރުގެ ޔޫރޯ މުބާރާތުގައި ސްޕެއިން ހިމެނިފައިވަނީ ޕޯލަންޑް، ސްލޮވާކިއާ އަދި ސްވިޑްން އާއެކު ގްރޫޕް އީގައެވެ. އަދި އެންމެފަހުގެ ޗެމްޕިއަން ޕޯޗުގަލް ހިމެނެނީ ގިނަ ބަޔަކު ގަބޫލް ކުރާގޮތުގައި އެންމެ ވަރުގަދަ ގްރޫޕް ކަމަށްވާ ފަރަންސޭސިވިލާތް، ޖަރުމަނުވިލާތް އަދި ހަންގޭރީއާއެކު ގްރޫޕް އެފް ގައެވެ.