ކުޅިވަރު

އެކުއެޑޯ ބަލިކޮށް ބްރެޒިލްއިން އެއްވަނައިގައި ލީޑް ފުޅާކޮށްފި


ދެކުނު އެމެރިކާގެ ވޯލްޑް ކަޕް ކޮލިފައިންގައި އެކުއެޑޯ ބަލިކޮށް ބްރެޒިލްއިން އެއްވަނައިގައި ލީޑް ފުޅާކޮށްފިއެވެ.
ބްރެޒިލްއިން މިމެޗް ކާމިޔާބުކޮށްފައިވަނީ 2 ލަނޑު 0 ލަނޑުންނެވެ.

ދެކުނު އެމެރިކާގެ ވޯލްޑް ކަޕް ކޮލިފައިންގައި ބްރެޒިލް އެޓީމް ކުޅުނު ފަސް މެޗްވެސް ކާމިޔާބުކޮށް ގުރޫޕްގެ އެއްވަނައިގައި އޮތީ 15 ޕޮއިންޓާއެކުއެވެ. ބްރެޒިލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި އެޓީމުގެ ފުރަތަމަ ލަނޑު ފެނިގެންދިޔައީ މެޗުގެ 65ވަނަ މިނެޓްގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ރިޗާލިސަންއެވެ. އަދި މެޗްގައި ބްރެޒިލްގެ ދެވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗްގެ އިތުރު ވަގުތުގައި ނޭމާއެވެ.

ގުރޫޕްގެ އެއްވަނައިގައި ބްރެޒިލް އޮތް އިރު، ޗިލީއާ އެއްވަރުވި އާޖެންޓީނާ ދެ ވަނައިގައި އޮތީ ފަސް މެޗުން 11 ޕޮއިންޓާ ހޯދައިގެންނެވެ. 3 ވަނައިގައި އޮތް އެކުއެޑޯ އަށް 5 މެޗުން ލިބިފައިވަނީ 9 ޕޮއިންޓެވެ. ދެކުނު އެމެރިކާގެ ވޯލްޑް ކަޕް ކޮލިފައިންގައި މިއަންނަ އަންގާރަދުވަހު ރަށުން ބޭރުގައި ބްރެޒިލް ނިކުންނާނީ ޕެރަގުއޭއާއި ދެކޮޅަށެވެ.

ކޮޕަރ އެމެރިކާ ފުޓްބޯޅަ މުބާރާތް މިމަހުގެ 13ވަނަ ދުވަހު ބްރެޒިލްގައި ފެށުމަށް ނިންމާފައިވާއިރު، ކޯވިޑް-19ގެ ސަބަބުން މުބާރާތް ބޭއްވުމާމެދު އެގައުމުގެ އާންމު ރައްޔިތުން ހިންހަމަ ނުޖެހުން ފާޅު ކުރަމުންދާތީވެ، ބްރެޒިލްގެ ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން މުބާރާތް ބޮއިކޮޓް ކުރުމުގެ ފުރުސަތު ބޮޑު ކަމަށް ބްރެޒިލްގެ ކޯޗު ޓީޓޭ ވަނީ ބުނެފައެވެ.